ހައި އެޗީވާސްގައި ގަދައީ ސީއެޗްއެސްއީއާއި އަހުމަދިއްޔާގެ އިތުރުން އައްޑޫ ހައި ސްކޫލް

ހައިއެޗީވާސް ސްކިލަރޝިޕް ހޯދި ސީއެޗްއެސްއީގެ ދަރިވަރަކަށް، ހެލްތް މިނިސްޓަރު ލިޔުން ހަވާލުކޮށް ދެއްވަނީ- ފޮޓޯ: ރައީސް އޮފީސް

މަތީ ސާނަވީގައި ފަސް މާއްދާއިން އޭ ހޯދާ، ހައި އެޗީވާސް ސްކޮލަރޝިޕް ހޯދި ދަރިވަރުންގެ ތެރޭގައި ގިނައީ ސީއެޗްއެސްއީއާއި އަހުމަދިއްޔާގެ އިތުރުން އައްޑޫ ހައި ސްކޫލްގެ ދަރިވަރުންނެވެ.

ހައިއެޗީވާސް ސްކޮލަރޝިޕް ލިބޭދަރިވަރުންނަށް ރޭ ލިޔުން ހަވާލުކޮށްފައިވާއިރު، ސެންޓަރ ފޯ ހަޔަރ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ 43 ދަރިވަރުން ހިމެނުނެވެ. އެ ސްކޫލްގެ ފަސް ދަރިވަރުން ވަނީ ފަސް މާއްދާއިން އޭ ސްޓާ ހޯދައިގެން ރައީސުލްޖުމުހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ހޯދާފައެވެ. އެ ސްކޮލަރޝިޕް ލިބުނު އަތޮޅުތެރޭގެ ސްކޫލަކަށް ނިސްބަތްވި ހަމައެކަނި ދަރިވަރަކީ ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލްގެ އިބާ އާދަމެވެ.

ހައިއެޗީވާސް ސްކޮލަރޝިޕް ހޯދި ދަރިވަރުންގެ ތެރޭގައި ދެން އެންމެ ގިނައީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންނެވެ. އެ ސްކޫލްގެ 12 ދަރިވަރަކަށް ސްކޮލަރޝިޕް ލިބުނުއިރު، އައްޑޫ ހައި ސްކޫލްގެ ހަތް ދަރިވަރުންނަށް ސްކޮލަރޝިޕް ލިބުނެވެ. ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުން ލިބުނީ ހަތަރު ދަރިވަރުންނަށެވެ.

އަތޮޅުތެރޭގެ ސްކޫލްތަކަށް ބަލާއިރު، ޏ. އަތޮޅު ތަޢުލީމީމަރުކަޒާއި ގއ. އަތޮޅު ތައުލީމީމަރުކަޒާއި ނ. ހޮޅުދޫގައި ހުންނަ މޭނާ ސްކޫލްގެ ދެ ދަރިވަރުންނަށް ސްކޮލަރޝިޕް ލިބުނެވެ. ސްކޮލަރޝިޕް ދެން ލިބުނީ، ފ. އަތޮޅު އެޑިޔުކޭޝަން ސެންޓަރާއި، ދ. އަތޮޅު އެޑިޔުކޭޝަން ސެންޓަރާއި، އެ އަތޮޅު މަދަރުސާއާއި ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލާއި އިހަވަންދޫ ސްކޫލާއި މ. އަތޮޅު ތައުލީމީމަރުކަޒާއި ރ. އަތޮޅު ތައުލީމީމަރުކަޒުގެ އެއް ދަރިވަރަށެވެ.

މަތީ ސާނަވީގައި އެންމެ މޮޅު ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ގިނައީ އަންހެން ދަރިވަރުންނެވެ. ރައީސްގެ ސްކޮލަރޝިޕް ލިބުނު ހަ ދަރިވަރުންނަކީ ވެސް އަންހެން ދަރިވަރުންނެވެ. ހައި އެޗީވާސް ސްކޮލަރޝިޕް ލިބުނު 79 ދަރިވަރުންގެ ތެރޭގައި ހިމެނެނީ 46 އަންހެން ދަރިވަރުންނާއި 33 ފިރިހެން ދަރިވަރުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *