އީދުގެ ކުޅިވަރުގެ ތެރޭގައި، ސްކައުޓް ހަރަކާތުގެ ރަސްމީ ޔުނީފޯމަށް ގަދަރު ކުޑަވާގޮތަށް އަމަލުކުރުމުން އެސޯސިއޭޝަނުން ކުށްވެރިކޮށްފިއެވެ.
ތ. ކިނބިދޫގައި، އީދު ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕެރޭޑެއްގެ ތެރޭގައި ސްކައުޓް ހަރަކާތުގެ ޔުނީފޯމް ވަނީ ބޭނުންކޮށް ފައެވެ. އެކަމާ ގުޅިގެން އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޔުނީފޯމް ބޭނުން ކުރެވޭނީ އެ ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމަށާއި، އެކަން އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެކަން ކުރުމަށް ދުނިޔޭގެ ސްކައުޓް ހަރަކާތުން ވެސް ހުއްދަ ނުކުރާ ކަމަށެވެ. އަދި އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެސޯސިއޭޝަންގެ ހުއްދަ ނެތި އެހެން އެއްވެސް ފަރާތަކުން ސްކައުޓް ޔުނީފޯމަށް ދެވޭ ގަދަރު ކުޑަވާ ގޮތަށް އެއްވެސް ފަރާތަކުން ޔުނީފޯމު ބޭނުންކުރުމަކީ ސްކައުޓް އެސޯސިއޭޝަނުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
ސްކައުޓް ހަރަކާތަކީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތް ނުވާ އަދި ދަރުމައަށް މަސައްކަތްކުރާ ހުނަރުވެރި އަދި ޒިންމާދާރު ރައްޔިތެއް ބިނާ ކުރުމަށް މަސައްކަތްކުރާ ދުނިޔޭގައި އޮތް ނުރަސްމީ ތައުލީމު ފޯރުކޮށްދޭ އެންމެ ބޮޑު ޖަމްޢިއްޔާ ކަމަށާއި، ސްކައުޓުންނަކީ ގައުމު އެދުނު ކޮންމެ ކަމެއްގައި ރަށު ފެންވަރުގައާއި އަތޮޅު އަދި ގައުމީ ފެންވަރުގައި ޚިދުމަތްކުރުމުގައި ނަމޫނާ ދައްކާ ބައެއް ކަމަށެވެ.
ސްކައުޓަކީ ކުޑަ ކުދިންނާއި ޒުވާނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ހަރަކާތަކަށްވާއިރު، އެފަދަ ހަރަކާތެއްގެ ހައިސިއްޔަތަށް އުނިކަމެއް އައިސްދާނެ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އެ އެސޯސިއޭޝަނުން އިލްތިމާސްކޮށްފައި ވެއެވެ. އެފަދަ އަމަލުތައް ހިންގާ މީހުންނަށް ފިޔަވަޅުއަޅާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
advertisment
ހިޔާލު