ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކާއި، އެފަދަ ތަންތަނުގެ ކެމްޕަސްތަކާއި އައުޓްރީޗް ސެންޓަރުތައް ރަޖިސްޓްރީ ކުރަން އިތުރު ހަ މަސްދުވަހުގެ މުއްދަތެއް ދީފިއެވެ. މުއްދަތު އިތުރުކޮށްފައި ވަނީ ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދަށް ގެނައި އިސްލާހާއެކު ގައެވެ. މި ގަވާއިދަށް ގެނައި ފުރަތަމަ އިސްލާހު ގެޒެޓް ކޮށްފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހުއެވެ.
ރަޖިސްޓްރީ ކުރާއިރު، މިހާރު ހިންގަމުންދާ ތަންތަން އިސްތިސްނާކޮށްފައެއް ނުވެއެވެ.
ގަވާއިދު މުއްދަތު އިތުރުކުރުމުގެ އިތުރުން، ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދަށް އިތުރު އިސްލާހުތަކެއް ވެސް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ގެނެސްފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު، ގެޒެޓް ކުރި، ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން އެފަދަ ތަންތަން ހަ މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަން ޖެހެއެވެ. ފަހުން ގެނައި އިސްލާހަށް އިތުރު ހަ މަސްދުވަސް އިތުރުކުރުމުން، އަންނަ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ ކުރިން ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ރަޖިސްޓްރީކުރަން މަޖުބޫރު ވާނެއެވެ.
ގަވާއިދަށް ގެނައި އިތުރު ބަދަލުތަކުގެ ތެރޭގައި، ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުން ކިޔަވާ ދަރިވަރުންގެ ރެކޯޑް ބަލަހައްޓަންޖެހޭ މުއްދަތު، ދިހަ އަހަރުން ހަ އަހަރަށް ކުޑަކުރުމާއި، އެ ގަވާއިދަށް ޢަމަލު ކުރަން ފަށާއިރު، ގަވާއިދަށް ނުފެތި އެއް ވެސް އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް ހުރިނަމަ، އެ ގަވާއިދަށް ޢަމަލުކުރަން ފަށާތާ 12 މަސްދުވަހުގެ ތެރޭގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފައްތައި ރަޖިސްޓަރީ އައު ކުރަންވާނެ ކަމަށް ބުނެފައި ވެއެވެ. އަދި އެއްވެސް ސަބަބަކާހުރެ އެ ގަވާއިދާ އެއްގޮތަށް އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް ރަޖިސްޓަރީ ނުކުރެވޭނެ ހާލަތެއް ދިމާވެއްޖެނަމަ، ސަބަބު ބަޔާންކޮށް މިނިސްޓްރީއަށް އެކަން ލިޔުމުން އަންގަންވާނެ ކަމަށާއި، މިގޮތަށް ޢަމަލު ނުކޮށްފިނަމަ އެ އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް އުވައިލައި، ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފުތަރުން އުނިކުރާނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.
advertisment
ހިޔާލު