ކިޔަވައިދިނުމަށް ޝަޢުޤު އުފެއްދުމަށް އޭލެވެލް ނިންމާ ދަރިވަރުންނަށް ރައީސްގެ ޚާއްސަ ސްކޮލަރޝިޕް ސްކީމެއް ތަޢާރަފްކުރުން މުހިންމު ކަމަށް ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށް، ކުރި ދިރާސާގައި ބުނެފިއެވެ.
އެ ދިރާސާ ކުރެއްވި ރިސަރޗް ގްރޫޕުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި، މުދައްރިސުން ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ޙައްލު ހޯދުމަށް މުސާރައަށް ހެޔޮ ބަދަކެއް ގެނައުމުގެ އިތުރުން ކުރަން ފެންނަ ކަންތައްތަކެއް ހުށަހަޅާފައި ވެއެވެ.
އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ " ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ޕްލޭނެއް" އެކުލަވާލުމަށެވެ. އަދި މުދައްރިސެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ދަރިވަރުން ޝަޢުޤުވެރިކުރުވާނެ ކަންތައްތަކެއް ވެސް ރިސަރޗް ގްރޫޕުން ވަނީ ހުށަހަޅާފައެވެ.
އޭގެ ތެރޭގައި، އޭލެވެލްގައި މޮޅު ނަތީޖާ ހޯދާ ދަރިވަރުން މުދައްރިސްކަމަށް ހިތްޖައްސައި، ޝަޢުޤުވެރި ކުރުވުމަށްޓަކައި، އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ރައީސުލްޖުމުހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ސްކީމެއް ތަޢާރަފު ކުރަން ބުނެފައިވެއެވެ. ފެންވަރު ރަނގަޅު ދަރިވަރުން ޓީޗިންގ ޕްރޮގްރާމްތަކަށާއި، އެ ފަންނަށް ހިތްޖައްސުވައި، ޝަޢުޤުވެރި ކުރުވުމަށްޓަކައި ކެރިއަރ ގައިޑެންސް ފުޅާ ދާއިރާއެއްގައި ސްކޫލްތަކުގެ ދަރިވަރުންނަށް ދިނުމާއި، މަސައްކަތުގެ ތަޖުރިބާއާއި އިންޓަރންޝިޕް ފަދަ ކަންކަމުގެ ތެރެއިން ސްކޫލް ދަރިވަރުން އެކުދިންގެ ސްކޫލްތަކުގައި ކިޔަވަމުންދާ ދުވަސްވަރު ޓީޗިންގ ދާއިރާއަށް ތަޢާރަފު ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ވެސް ލަފާ ދީފައިވެއެވެ. މިކަމުގައި ބެލެނިވެރިންނާއި ކައުންސިލްތަކުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި އާންމު މުޖްތަމައުގެ ބައިވެރިވުން އިތުރުކުރަން ފެންނަކަމަށް ބުނެފައިވެއެވެ.
އެ ގުރޫޕުން ހުށަހެޅި އިތުރު ކަންތައްތަކުގެ ތެރޭގައި، މުދައްރިސްކަމުގެ ފަށާ ތަމްރީނު ޕްރޮގްރާމްތަކަށް ވަނުމުގެ ޝަރުޠަކީ އޭލެވެލް ނުވަތަ އެއާ އެއްފެންވަރުގެ ދާއިރާއާ ގުޅުންހުރި ފައުންޑޭޝަން ކޯހެއް ކަމަށް ކަނޑައަޅައި، އޯލެވެލްގެ އިނގިރޭސިން ފާސްވުން ނުވަތަ އެފެންވަރު ހުރުންކަމަށް ކަނޑައެޅުމާއި، ހިލޭ ޑިގްރީ ސްކީމުގެ ދަށުން ކިޔަވަމުން ގެންދާ މުދައްރިސުންގެ ތަޢުލީމުގެ ޕްރޮގްރާމްތަކުގެ އަވަސް ކޮލިޓީ އޮޑިޓެއް ހަދަން ހުށަހަޅާފައިވެއެވެ.
އެލެވެލް ނުވަތަ އެއާ އެއްފެންވަރުގެ ދާއިރާއާ ގުޅުން ހުރި ފައުންޑޭޝަން ކޯހެއް ހެދުމަށްފަހު، ތިން އަހަރު ދުވަހުގެ ފުރަތަމަ ޑިގްރީއަކާއެކު އެއް އަހަރު ދުވަހުގެ މުދައްރިސްކަމުގެ ޚާއްޞަ ތަމްރީނު ނިންމައި ސަނަދު ހޯދުމަށްފަހު، ނުވަތަ ހަތަރު އަހަރުގެ ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު ސްކޫލްތަކުގައި ކިޔަވައިދިނުމަށް ނުކުންނަ ގޮތަށް ހަމަޖެއްސުމަށް ވެސް ރިސަރޗް ގުރޫޕުން ހުށަހަޅާފައިވެއެވެ. އަދި އިތުރު ކަމެއްގެ ގޮތުގައި، މުދައްރިސުން ތަމްރީނުކުރާ ޕްރޮގްރާމު ތަކޔގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، ދަސްކުރާ މުދައްރިސުން ހުށަހަޅާ އެސައިންމަންޓްތައް ޕްލެޖަރިޒަމްއަށް ޓެސްޓް ކުރެވޭނެ ނިޒާމެއް މުދައްރިސުން ތަމްރީނުކުރާ މަރުކަޒުތަކުގައި ގާއިމް ކޮށްފައިވާކަން އިދާރާތަކުން ކަށަވަރު ކުރުމާއެކު، ޤަވާޢިދުން މޮނީޓަރ ކުރަމުން ދިއުމަށް ވެސް ހުށަހަޅާފައިވެއެވެ.
advertisment
ހިޔާލު