ބިދޭސީ މުދައްރިސުންގެ ބަދަލުގައި ދިވެހި މުދައްރިސުން ހޯދަނީ

ދިރާސީ އާ އަހަރު އަންނަ މަހުގެ ހަތް ވަނަ ދުވަހު ފަށާއިރު، ސްކޫލްތަކުގައި މިހާރު ކިޔަވައިދެމުން ގެންދާ ބިދޭސީ މުދައްރިސުންގެ ބަދަލުގައި ދިވެހި މުދައްރިސުން ހޯދަން ސްކޫލްތަކުން އަންނަނީ އިއުލާން ކުރަމުންނެވެ. ބިދޭސީ މުދައްރިސުންގެ ބަދަލުގައި ދިވެހި މުދައްރިސުން ހޯދަން މީގެ ކުރިން ވެސް އެތައް ފަހަރަކު ސްކޫލްތަކުން ވަނީ އިއުލާން ކޮށްފައެވެ. ސްކޫލް ހުޅުވަންވާއިރަށް އިތުރަށް ބޭނުންވާ މުދައްރިސުން ހޯދަން ވެސް ގިނަ ސްކޫލްތަކުން ވަނީ އިއުލާންކޮށްފައެވެ.

ދިވެހި ޓީޗަރަކު ނުލިބިއްޖެ ހާލަތެއްގައި ނޫނީ ބިދޭސީ ޓީޗަރަކު ނުގެންނާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން އޮތީ އިއުލާން ކޮށްފައެވެ.

ބިދޭސީ މުދައްރިސުންގެ ބަދަލުގައި ދިވެހި މުދައްރިސުން ހޯދަން އިއުލާން ކުރި މާލޭ ހިމެނޭ ސަރަޙައްދުތަކުގެ ސްކޫލްގެ ތެރޭގައި ރެހެންދި ސްކޫލާއި ދަރުމަވަންތަ ސްކޫލް ހިމެނެއެވެ. ދަރުމަވަންތަ ސްކޫލުން 11 މުދައްރިސުން ހޯދަން އިއުލާން ކޮށްފައިވެއެވެ. ރެހެންދި ސްކޫލުން އިއުލާން ކޮށްފައި ވަނީ ފިޒިކަލް އެޑިޔުކޭޝަން މުދައްރިސެއް ހޯދާށެވެ.

ބިދޭސީ ޓީޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ހޯދަން އިއުލާން ކުރި ނަމަވެސް އެކަށީގެންވާ ތަރުޙީބެއް މީގެ ކުރިން ނުލިބެއެވެ. އެއީ ޓީޗަރުން ކުރާ މަސައްކަތާ އަޅާބަލާއިރު އެކަށީގެންވާ މުސާރައެއް ނުދޭތީއެވެ. މެއި އެއްވަނަ ދުވަހުން ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްފައިވާއިރު، ކުރިން ނުލިބުނު ތަރުޙީބު ލިބޭނެ ކަމަށް ވަނީ ބެލެވިފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، 2021 ވަނަ އަހަރު ނިމުނުއިރު، ސަރުކާރުން ހިންގާ 214 ސްކޫލްގައި ކިޔަވާ ދެމުން ގެންދާ މުދައްރިސުންގެ 20.8 އިންސައްތައަކީ ބިދޭސީ މުދައްރިސުންނެވެ. އެއީ 1708 މުދައްރިސުންނެވެ. ދިވެހި މުދައްރިސުންގެ އަދަދަކީ 6،490 އެވެ.

މުދައްރިސުންގެ ގޮތުގައި ގެންނަ ބިދޭސީ މުދައްރިސުން އަހަރުން އަހަރަށް އަންނަނީ މަދުވަމުންނެވެ. މީގެ ކުރިން ބިދޭސީ މުދައްރިސުންނަށް ދެވޭ އިނާޔަތާއި މުސާރަ ދިވެހި މުދައްރިސުންނަށް ދެވޭ އިނާޔަތާ އަޅާބަލާއިރު ތަފާތު ތަކެއްވެއެވެ. ނަމަވެސް މި ފަހަރު ގެނައި ބަދަލުގެ ތެރޭގައި ބިދޭސީ މުދައްރިސުން ނުހިމެނޭތީ، ދިވެހި މުދައްރިސުންނަށް ދެވޭ މުސާރަ ވަނީ އިތުރުވެފައެވެ.

ދިރާސީ އާ އަހަރު ފެށެންވާއިރަށް ބޭނުންވާ ބިދޭސީ މުދައްރިސުން ގެނައުމުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ފަށާފައެވެ. ފުރަތަމަ ބެޗް މިހާރު ރާއްޖެ އައިސްފައިވާއިރު އިތުރު މުދައްރިސުން ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ފާއިތުވި ދިރާސީ އަހަރު ބިދޭސީ މުދައްރިސުންގެ ގޮތުގައި ރާއްޖެ އައީ 193 މުދައްރިސުންނެވެ. އެ އަދަދު ބޮޑުތަނުން މި އަހަރު މަދުވާނެ ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އަހުމަދު އަލީ ވިދާޅުވީ، ދިރާސީ އާ އަހަރު ފެށެންވާއިރަށް މުދައްރިސުން ސްކޫލްތަކަށް ހަވާނެ ކަމަށާއި، ގެންނަންޖެހޭ ބިދޭސީ މުދައްރިސުންވެސް އެ ދުވަހަށް ރާއްޖެ އަންނާނެ ކަމަށެވެ. އަދި ވިދާޅުވީ، މި އަހަރަކީ އެންމެ މަދުން ބިދޭސީ މުދައްރިސުން ކިޔަވައިދޭ އަހަރަށް ވާނެ ކަމަށެވެ.

" މި އަހަރު ގެންނަންޖެހޭ ބިދޭސީ މުދައްރިސުންގެ އަދަދު ވަރަށް ބޮޑުތަން މަދުވާނެ" ސީދާ އަދަދެއް ވިދާޅުނުވެ އަހުމަދު އަލީ ވިދާޅުވިއެވެ.

މުސާރައަށް ގެނައި ހެޔޮ ބަދަލާއެކު ދިވެހި މުދައްރިސުން ތަޢުލީމީދާއިރާއަށް ޝައުޤު އޮތް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެ ދާއިރާ ދޫކޮށްދިޔަ މުދައްރިސުން އައުމަށް މަގުފަހުވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *