ދޮންބެއާ ޖެހި ވާދަައިން ލައްމާޙު ހޯދި ކާމިޔާބީ

އަހުމަދު ހާމީ

ހއ. އަތޮޅު ތަޢްލީމީ މަރުކަޒުގެ 2020-2021 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ވުމަށް އަޙްމަދު ލައްމާޙު އައީ ވަރަށް ކުޑަ އިރުއްސުރެ ހިތްވަރާއެކު މަސައްކަތް ކުރަމުންނެވެ. ލައްމާޙު ކުޑައިރު، ދޮންބެ މުޙައްމަދު ލަޔާން އިބްރާހީމަށް ސްކޫލުގެ ވައިސް ކެޕްޓަންކަން ލިބުނެވެ. އެކާމިޔާބާ ގުޅިގެން ލައްމާޙު ވެސް އެއަށްވުރެ ރަނގަޅު ކާމިޔާބެއް ހޯދުމަށް ޢަޒުމް ކަނޑައެޅިއެވެ.

"ދޮންބެގެ ކާމިޔާބީން ވަރަށް ތަފާތު އިހްސާސުތަކެއް ކުރެވިގެން ދިޔަ. ވަރަށް ބޮޑު ހިތްވަރަކަށް އަކަށްވި. އެފަދަ ކާމިޔާބެއް ނުވަތަ އެއަށްވުރެ ބޮޑު ކާމިޔާބެއް ހޯދާ ހިތްވި" ލައްމާޙު މިސްރާބު ކަނޑައެޅި ގިތް ކިޔައިދިނެވެ." އެދުވަހު ދޮންބެ ކައިރީގައި ވެސް ބުނިން، އިރާދަކުރެއްވިއްޔާ ދޮންބެ އަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދުމޭ ޢަޒުމަކީ. ސްކޫލުގެ ކެޕްޓަންގެ ކަމުގެ މަގާމުގެ އިތުރުން ހުރިހާ ގޮތަކުން ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ވުމުގެ ޢަޒުމުގައި އެދުވަހު މަސައްކަތް ފެށީ"

ކުޑައިރު ޓާގެޓް ކަނޑައަޅައިގެން މަސައްކަތް ފެށި ލައްމާޙު އަށް ކިޔަވަން އެންމެ ފަސޭހައީ ރޭގަނޑުގެ ވަގުތުތަކުގައެވެ. ކޮއްކޮމެން ނިދާ ގޭގައި ހަމަހިމޭންކަން ލިބޭ ވަގުތު ކޮޅަކީ ލައްމާޙުއަށް ފިލާވަޅު ދަސްކުރަން އެންމެ ފަސޭހަ ގަޑިއެވެ. ކުލާހުގައި ޓީޗަރު ނަގައިދޭ ފިލާވަޅުތައް އިތުރަށް މުޠާލިއާ ކުރުމުގެ ގޮތުން ބައެއް މާއްދާތަކުން ޓިއުޝަންވެސް ލައްމާޙު ނެގިއެވެ. އޯލެވެލް ޓެސްޓާއި ކައިރިވީ ވަރަކަށް ކިޔެވުމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރިއެވެ. އެ ހިތްވަރާ ބުރަ މަސައްކަތުގެ ނަތީޖާ ވަރަށްވެސް ފޮންޏެވެ. އޯލެވެލް ގައި މުޅި ރާއްޖެއިން ހޮވާލެވުނު ގަދަ 10ގެ 7 ވަނައިގައި ލައްމާޙު ހޮވުނެވެ. ހއ.އަތޮޅު ތަޢްލީމީ މަރުކަޒުގެ  2020-2021 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ވެސް ހޯދީއެވެ.

ފުޓްބޯޅައިން ފެށިގެން ކުޅިވަރުގެ އެހެނިހެން ހަރަކާތްތަކުގައި ވެސް ލައްމާޙު ބައިވެރިވެ ކުޅެ ހެދިއެވެ. ސްކޫލުގެ އެކި ކުލަބު ތަކުގެ ހަރަކާތްތައް ހިންގުމާ، އެ ކުލަބުތަކުގެ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވިއެވެ. އިންގްލިޝް ކުލަބުގެ ވައިސް ކެޕްޓަނުގެ މަގާމާ، ސްކައުޓް ޕެޓްރޯލް ލީޑަރުގެ މަގާމުވެސް އަދާކުރިއެވެ. ތަމްސީލް ހުށަހެޅުމާ، ދިވެހި މިނޫންވެސް އަދަބީ ސަގާފީ ހުށަހެޅުންތަކުގައި ބައިވެރިވިއެވެ.

ލައްމާޙު ދެކޭ ގޮތުގައި އިތުރު ހަރަކާތްތަކާއި ކިޔެވުން ބެލެންސް ކުރުން ވަރަށް މުހިންމެވެ. އެއް ކަމަކަށް މާބޮޑަށް އިސްކަން ދީފިނަމަ، އަނެއް ކަމަކުން އޭގެ ދެރަ ނަތީޖާ ފެނުމުގެ ފުރުޞަތު އޮންނާނެ ކަމަށް ލައްމާޙު ދެކެއެވެ. އަދި އަބަދު ފޮތް ހިފައިގެން އިނުމުގެ ބަދަލުގައި، ރައްޓެހިންނާ ބައްދަލުކޮށްލާ މަޖާކޮށްލާ ހެދުން ވެސް ވަރަށް މުހިންމު ކަމަށް ލައްމާޙު ފާހަގަކުރިއެވެ.

"ކުޅިވަރު ކުޅުމާ، އިތުރު ހަރަކާތްތަކުގައި ބައިވެރިވުން، ރައްޓެހިންނާ އެކު މަޖާކޮށްލުން، މިއީ ކިޔެވުން ބެލެންސް ކުރަން ވަރަށް މުހިންމު ކަމެއް. އޭގެ ސަބަބުން އުފާވެރި އިޙުސާސެއް އަބަދުވެސް ކުރެވޭ"

ކިޔަވައި ނިމިގެން ޕައިލެޓަކަށް ވުމުގެ އުންމީދުކުރާ ލައްމާޙުގެ އެންމެ ކިޔަވާ ހިތްވާ ފަސޭހަ މާއްދާއަކީ ފިޒިކްސްއެވެ.

"މިފަދަ ބޮޑު ކާމިޔާބެއް މިންވަރު ކުރެއްވި ކަމަށްޓަކައި، ކީރިތި ވަންތަ މާތް ﷲއަށް އެންމެ ފުރަތަމަ ޙަމްދާއި ޝުކުރު ކުރަން. ދެން އަޅުގަނޑުގެ މައިންބަފައިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަޅުގަނޑަށް ކޮންމެ ކަމެއްގައި ވެސް އެންމެ ބޮޑު އެހީތެރިކަމެއް ދެއްވި ބަޔަކީ އެއީ. އަދިވެސް ސްކޫލުގެ ޓީޗަރުންނާ، މެނޭޖްމަންޓުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ވެދިން. ކުލާހުގައި އެއްކޮށް ކިޔަވައި އުޅުނު ކުދިން ވެސް އެއްޗެއް އޮޅުން ނުފިލައިގެން އުޅޭ ވަގުތު ތަކުގައި އެކަމެއް ސާފުކޮށްދީ އެހީތެރިވެދިން." އެ އެންމެންނަށް ވެސް ލައްމާޙުގެ ހިތުން ލޯތްބާއި ޝުކުރު ފަށްފަށުން އަދާކުރެއެވެ.

މިކާމިޔާބީގެ ތަޖުރިބާގައި، ކިޔަވައި ކުދިންނަށް ލައްމާޙު ދޭން އޮތް މެސެޖަކީ، " ކާމިޔާބު ވުމަށްޓަކައި މާތްﷲ ދުޢާކުރާށޭ. މަސައްކަތެއް ނުކޮށް ކާމިޔާބެއް ނުވާނޭ. ގަދައަޅައި މަސައްކަތް ކޮށްގެންނޭ ކާމިޔާބުވާނީ. އަދި އެކަމަށް ބޭނުންވެގެން އުޅޭށޭ" އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *