އަހުމަދު ހާމީ
2020-2021 ވަނަ އަހަރުގެ އަފީފުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރު ހދ. ކުޅުދުއްފުށި، ދިނަށަ އީޖާދު މުހައްމަދުގެ ވާހަކަ އެންމެ ފުރަތަމަ ފެށީވެސް ބަރާބަރަށް ފަރުޟު ނަމާދުތައް ކުރުމާ ދުޢާ ކުރުމުގެ މުހިންމު ކަމުގެ ވާހަކައިންނެވެ. ކާމިޔާބު މީހަކަށް ވުމަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި ވެސް ނަމާދާއި ދުޢާ ކުރުމަކީ އެންމެ އިތުބާރު ހިފޭ ވަސީލަތަކަށް ވުމުންނެވެ.
ބޭބެއާ ދައްތަގެ ކާމިޔާބު، ސްކޫލް ޙަޔާތް ވެގެންދިޔައީ، އީޖާދު ވެސް މިފަދަ ނަތީޖާއަކަށް އުންމީދު ކުރެވެންފެށި، އަދި އެންމެ ބޮޑު މޯޓިވޭޝަނެއް ލިބުނު ކަމަކަށެވެ. ދައްތަ ރަޝީދާ މުހައްމަދަށް އަފީފުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަގާމު 2014 ވަނަ އަހަރު ލިބިގެން ދިޔަ، ދިޔުންވެސްވީ މިކަމަށް ލިބުނު ހިތްވަރަކަށެވެ. ބޮޑުވެގެން ވިޔަފާރި ވެރިއަކަށްވުމުގެ ހުވަފެން ދެކެމުން އަންނަ އީޖާދުގެ އެންމެ ކިޔަވާ ހިތްވާ މާއްދާއަކީވެސް ބިޒްނަސް އެވެ.

ފިލާވަޅު ދަސްކުރުމުގައި އީޖާދު އެންމެ މުހިއްމުކަމެއް ދިނީ، މުދައްރިސް ކުލާހުގައި ފިލާވަޅު ނަގައިދޭ ވަގުތު ރަނގަޅަށް ކަނުލާ އަޑުއެހުމަށެވެ. އަދި މުދައްރިސާ ބައިވެރިވެގެން އޮޅުން ނުފިލާ ކަންކަން ވަގުތުން ސާފުކުރުމަށެވެ. އާއްމުކޮށް ގޭގައި ފިލާވަޅު ދަސްކޮށް ހަދަނީ ރޭގަނޑާ، ފަތިސް ނަމާދުން ފައިބައިގެން އެ ލިބޭ ވަގުތު ތަކުގައެވެ. އެހެން ނަމަވެސް، އިމްތިހާނުތައް ކައިރިވާ ވަރަކަށް އިތުރު ވަގުތު ފިލާވަޅުތައް ދަސްކުރުމަށް ހޭދަކުރިއެވެ. އެގޮތުން އޯލެވެލް އިމްތިހާނަށް 4 މަސްކުރިން ތައްޔާރުވާން އީޖާދު ފެއްޓިއެވެ. ގެއިން ބޭރަށް ބޭކާރު ގޮތުގައި ދިޔުމާ، ބައެއް ހަރަކާތްތަކާވެސް ދުރުހެލިވެ، އިމްތިހާނަށް ތައްޔާރު ވުމުގެ ގޮތުން ހުއްޓާލިއެވެ. ހުރިހާ ވިސްނުމަކާއި ފިކުރެއް އިމްތިހާނަށް ތައްޔާރުވުމަށް ހުސްކުރިއެވެ.
ނަތީޖާ ކިތަންމެހާވެސް ފޮންޏެވެ. އޯލެވެލްގައި ބައިވެރިވި 8 މާއްދާގެ ތެރެއިން އެއްމާއްދާ ފިޔަވައި ހުރިހާ މާއްދާއަކުން "އޭ-ސްޓަރ" ލިބުނެވެ. އަނެއް މާއްދާއިންވެސް "އޭ" ލިބުނެވެ. މުޅި ރާއްޖޭއިން ހޮވާލެވުނު 2 ވަނަ އަށް އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި އީޖާދު ހިމެނުނެވެ. މިއާއެކު އަފީފުއްދީން ސްކޫލުގެ 2020-2021 ވަނަ އަހަރުގެ ފަޚުރުވެރި އެންމެ މޮޅު ދަރިވަރުގެ މަގާމުވެސް ހާސިލްވިއެވެ. އަދި ބިޒްނަސް ސްޓްރީމުގެ ދަރިވަރެއް އެ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ފުރަތަމަ ފަހަރަށް ހޯދުމުގެ ޝަރަފުވެސް އީޖާދު މިވަނީ ހޯދާފައެވެ. މިއީ އީޖާދު އުންމީދުވެސް ކޮށްގެން ހުރި ނަތީޖާއަށް ވުރެން މަތީ ކާމިޔާބެކެވެ.

އީޖާދުގެ އީޖާދީ ވިސްނުމުގައި ކިޔެވުމުގައި ހަމައެކަނި ފޮތްތަކުން އެކަނި ކިޔެވުމެއް ނޫނެވެ. ޓީޗަރުންދޭ ފިލާވަޅު އެކަންޏެއްނޫނެވެ. ޒަމާނަށް އަންނަ ބަދަލާއެކު ދުނިޔެއަށް ލޯ ހުޅުވިފައި ހުރި ކުއްޖަކަށްވުމަށް ސްކޫލް ދައުރުގައި ހަރަކާތްތެރިވެ އުޅެންޖެހެއެވެ. އެހެންވެ އީޖާދުގެ އަމާޒު ހިފީ އެ ވިސްނުމުންނެވެ.
އިތުރު ހަރަކާތް ތަކުގެ ގޮތުގައިއަދަބީ ފޯވަހީގައި ރައިވަރާ، ޑްރާމާ ތަމްސީލްތައް ހުށަހެޅުމުގައިވެސް ބައިވެރިވިއެވެ. އިންގިރޭސި ކްލަބް އިން ހިންގާ ވާހަކަ ދެއްކުމުގެ މުބާރާތް ތަކުގައިވެސް ބައިވެރިވިއެވެ. ކުޅިވަރުގެ ހަރަކާތްކަށް ބަލާނަމަ ފުޓްބޯޅައާ ބެޑްމިންޓަން ކުޅުނެވެ. މީގެ އިތުރުން ސްކޫލުގެ ކްލަބުތައް ކަމުގައިވާ އިސްލާމް ކްލަބް، އެންވައިރަމެންޓް ކްލަބް، ހިއުމަން ރައިޓްސް ކްލަބް އަދި ދިވެހި އަދަބީ ގުލްޒާރުގައިވެސް ހަރަކާތްތެރިވެފައިވެއެވެ.

ކަންކަން ހިންގާ ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވުމުގައި ބޭބެ އަފްރާދު މުޙައްމަދު ރޯލްމޮޑެލް އެއްގެ ގޮތުގައި ބަލަމުން އައި އީޖާދު އަކީވެސް އިސްނެގުމާ ހިންގުމުގެ ރޮނގުގައި ފާހަގަކޮށްލެވޭ ދަރިވަރެކެވެ. ގްރޭޑް 5 އިން ފެށިގެން ޕްރިފެކެޓެއްގެ މަގާމުވެސް ކޮންމެ އަހަރު އަދާކުރަމުން އައި އީޖާދަކީ، ސްކޫލުގެ ކްލަބް، ޖަމިއްޔާ އަދި ހައުސްގެ އިތުރުން ސްކޫލްގެ އިސް މަގާމުތައްވެސް އަދާކުރި ނަމޫނާ ކުއްޖެކެވެ. އަދާކޮށްފައިވާ އިސް މަގާމުތަކުގެ ތެރޭގައި އަމީނީ ހައުސް ކެޕްޓަން، ސްކައުޓް ސީނިއަރ ޕެޓްރޯލް ލީޑަރގެ މަގާމު، ސްކޫލް ވައިސް ކެޕްޓަން އަދި ސްކޫލް ކެޕްޓަން ކަންވެސް ހިމެނެއެވެ. އީޖާދު ދެކޭގޮތުގައި މިފަދަ ހަރަކާތްތަކުން ލިބޭ ތަޖުރިބާއިން ކުރިމަގު އުޖާލާވެ، ދިމާވާ ކަންތައްތަކާ ކުރިމަތިލުމުގެ ހިތްވަރު ލިބިގެންދާނެއެވެ.

ފަޚުރުވެރި މި ނަތީޖާގެ އުފާ ލިބިގަންނަމުން އީޖާދުގެ ޝުކުރުގެ ލިސްޓް ފެއްޓީ ލޮބުވެތި މަންމައާއި ބައްޕަގެ ހެޔޮ ނަސޭހަތާ މިންނެތް އެހީތެރިކަމުންނެވެ. މިހިސާބަށް އާދެވުނީ، އީޖާދުގެ ތިއްތައާ ތިއްތަބެގެ ވަރަށް ބޮޑު އެހީތެރިކަމާ އެކުގައިކަން އީޖާދު ފާހަގަކުރިއެވެ. އެގޮތުން ސްކޫލަށް ގެންގޮސް ގެނެސްދެނީ ތިއްތަބެ ކަމަށާ، ސްކޫލަށް ދިޔުމަށް ތައްޔާރު ކޮށްދެނީ ތިއްތައެވެ. މި މަގާމަށް އާދެވުމުގައި މުޅި އާއިލާގެ އެހީތެރިކަމާ އެއްބާރުލުން އަބަދުވެސް ލިބުނުކަމީ ބޮޑު އުފަލެކެވެ. ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އިން ފެށިގެން ކިޔަވައިދިން ހުރިހާ މުދައްރިސުންވެސް، އީޖާދު ދެކޭގޮތުގައި އޭނާގެ ކާމިޔާބު ވުމުގައި ވަރަށް ބޮޑު ދަޢުރެއް އަދާކުރިއެވެ.
މޮޅު ދަރިވަރަކަށް ވާން ބޭނުންވާ ކުދިންނަށް އީޖާދުގެ ނަސޭހަތަކީ، " މޮޅު ކުއްޖަކަށްވުމަށް އަމިއްލަ ވިސްނުމުން ވިސްނައި، އެއަށް ޓާގެޓްކޮށް މަސައްކަތް ކުރުމެވެ. މުދައްރިސުންދޭ ފިލާވަޅުތައް ދަސްކޮށް، ކުރިޔާލައި އިމްތިހާނުތަކަށް ތައްޔާރުވުމެވެ. އަދި އެކަމުގައި ހެއްދެވި ފަރާތުގެ އެހީތެރިކަން ނަމާދާއި ދުޢާއިން ލިބިގަތުމެވެ"
advertisment
ހިޔާލު