ޝާނީ ބުނަނީ، ކިޔަވަންވީ ކިޔަވާ ހިތުން ކަމަށް 

" ކިޔަވަންވީ ކިޔަވާހިތުން، މަންމަމެން ބުނީތީއެއް ނޫން." ސީއެޗްއެސްއީގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނުނު ޝާނީ ޝަމީމް ކިޔެވީ ކިޔަވާ ހިތުންނެވެ. އޭގެ ނަތީޖާ ވެސް އެހާމެ ފޮންޏެވެ.

ލާލޭ ޔޫތް އިންޓަރނޭޝަނަލް ސްކޫލުން ކިޔެވި ޝާނީ، ސާނަވީ އިމްތީޚާން ނިންމާލީ ހުޅުމާލޭގައި އޭރު ހުރި ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލުންނެވެ. އެ ސްކޫލްގައި ވެސް އެއީ ނަންހިނގާ ހުނަރުވެރި މޮޅު ދަރިވަރެކެވެ. ސާނަވީ އިމްތިޙާނުގައި ހަތް އޭ ސްޓާރ އަދި އެއް އޭ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދިއެވެ. އަދި ފަހު އަހަރު، އެ ސްކޫލްގެ ކްޕެޓަންގެ ޒިންމާ ވެސް އަދާ ކުރިއެވެ. އަދި އެންމެ މޮޅު ދަރިވަރުގެ ތާޖު އުފުލާލިއެވެ.

ޝާނީ ބުނީ، އޯލެވެލްއާ އަޅާބަލާއިރު، އޭލެވެލް ހާސްބައި ތަފާތު ކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކިޔަވަންޖެހޭ ބައި ވެސް އިތުރު ކަމަށެވެ. އެންމެ ބޮޑު ތަފާތަކީ އަމިއްލައަށް ކުރަންޖެހޭ މަސައްކަތް އިތުރުވުމެވެ.

" އޯލެވެލްއާ އަޅާބަލާއިރު ހާސްބައި ތަފާތު. އަމިއްލައަށް ކިޔަވަންޖެހޭ ބައި މާބޮޑުވެފައި މާ ބުރަ" ޝާނީ ބުންޏެވެ.

ޝާނީ(ކ) ސީއެޗްއެސްއީގައި ކިޔެވިއިރު، އެކުވެރިންނާއެކު: ކާމިޔާބު ހޯދަން ވަކި ޓާގެޓްތަކެއް ކަނޑައަޅަންޖެހޭ-

ޝާނީ ބުނީ، އޭލެލްއަށް ކިޔެވިއިރު، ކޮންމެ ދުވަހަކަށް ވަކި ޓާގެޓްތަކެއް ހެދި ކަމަށާއި އުނދަގޫ މާއްދާތަކާއި ޔުނިޓްތަކަށް ދޭ ސަމާލުކަން އިތުރުކުރި ކަމަށެވެ. އެންމެ މުހިންމީ އެދުވަހެއްގެ މަސައްކަތް އެ ދުވަހަކު ނިންމަން އަމާޒު ހިފުމެވެ. އޭރުން ފިލާވަޅުގެ ފަހަތުން ދުވާކަށް ނުޖެހޭނެ ކަމަށް ޝާނީ ބުންޏެވެ.

ޝާނީ ބުނީ، އެކަނި ކިޔަވަން ފަސޭހަ ނަމަވެސް ބައެއް ފަހަރު ގުރޫޕް ސްޓަޑީ ވެސް މުހިންމު ކަމަށެވެ. ނޭނގޭ ސުވާލުތަކުގެ ޖަވާބު ގުރޫޕް ޑިސްކަޝަންތަކުން އެނގޭ ކަމަށް ޝާނީ ފާހަގަކުރެއެވެ.

ކޮވިޑާ ގުޅިގެން ކިޔެވުމާޢި އިމްތިޙާން ފަސްކުރަން ޖެހުމުން އެކަމުގެ ނޭދެވޭ އަސަރު ކިޔެވުމަށް ކުރި ކަމަށް ޝާނީ ބުންޏެވެ. ކިޔެވުމުގެ ތެރެއަށް ވަންނަން އުނދަގޫވުމާއި އޮންލައިން ކުލާސްތަކުގައި ބައިވެރިވާން ޖެހުމުން ޑީމޯޓިވްވޭޓް ވި ކަމަށް ޝާނީ ބުންޏެވެ.

" ހީކުރި ވަރަށް ވުރެ ވެސް އުނދަގޫވި ކިޔެވުމާއި ޓެސްޓް ފަސްކުރުމުން. އަލުން ކިޔެވުމުގެ ތެރެއަށް ވަދެވުނީ، ވަރަށް މަސައްކަތުން ވަރަށް ހިތްވަރުކޮށްގެން" ކޮވިޑާ ގުޅިގެން ކިޔެވުމަށް ކުރި އަސަރު ޝާނީ ކިޔައިދިނެވެ.

ބައިލޮޖީއަށް ޚާއްޞަ ސަމާލުކަމެއް ދިން ޝާނީގެ ޝަޢުޤު ކުޑައިރުއްސުރެ ސިއްޙީދާއިރާއަށް އޮތް ނަމަވެސް ޑޮކްޓަރެއްގެ ގޮތުގައި ކުރިއަށް ދާން ޝާނީ ބޭނުމެއްނުވެއެވެ.

ޝާނީ(ކ) ކިޔެވުމުގެ އިތުރުން ކުޚިވަރުގައި ވެސް ބައިވރިވި-

"ޑޮކްޓަރެއްގެ ގޮތުގައި ނުފެނިދާނެ. އެކަމަކު ސިއްޙީދާއިރާއަށް ޚިދުމަތް ކުރަން ކުރިމަގު ބައްޓަންކުރާނީ" އޭލެވެލްގައި ފަސްމާއްދާއިން އޭ ސްޓާ، އެއް މާއްދާއިން އޭ ހޯދައިގެން ރައީސްގެ ސްކޮލަރޝިޕް ހޯދި ޝާނީ ބުންޏެވެ.

ޝާނީ ބުނީ، ސިއްޙީދާޢިރާއިން ކުރިއަށް ދާނެ ދާއިރާ އަދި ނުނިންމި ނަމަވެސް މަތީ ތަޢުލީމަށް ދާން ބޭނުންވަނީ އިނގިރޭސި ވިލާތަށް ކަމަށާއި، ވަރަށް އަވަހަށް ކިޔަވާނެ ކޯހެއް ނިންމާނެ ކަމަށެވެ.

ޝާނީ ބުނީ، އެންމެ ރަނގަޅު ގޮތަކީ އޭލެވެލްއަށް ކިޔަވަން ފެށުމުގެ ކުރިން ކުރިއަށް ދާނެ ދާއިރާ ޚިޔާރުކުރުމެވެ. އޭރުން ކިޔަވަންދޭ މާއްދާތައް ކަނޑައެޅުމުގައި ފަސޭހަވާނެ ކަމަށެވެ.

" ބައެއް ފަހަރު ކެރިޔަރ ޗޫސް ނުކުރެވުނީމާ ކިޔަވަން ނުޖެހޭ މާއްދާތައް ކިޔަވާ ހާލަތްތައް އެބައާދޭ. އޭގެ ބަދަލުގައި އޭލެވެލް ފެށުމުގެ ކުރިން ކުރިއަށްދާނެ ދާއިރާ ކަނޑައަޅައިފިނަމަ ކިޔަވަންޖެހޭ މާއްދާތަކަށް ފޯކަސްކުރެވޭނެ. އޭރުން ހޯދޭ ނަތީޖާ ވެސް މާ ރަނގަޅުވާނެ" ޝާނީ ބުންޏެވެ.

ޕްރިފެކްޓްއްގެ ޒިންމާ ވެސް އަދާކުރި ޝާނީ ދެކޭގޮތުގައި، ހަމައެކަނި ކިޔެވުމަށް އެކަނި ފޯކަސް ކުރުމުގެ ބަދަލުގައި އިތުރު ހަރަކާތްތަކުގައި ބައިވެރިވުން މުހިންމެއެވެ.

ކިޔަވައިގެން އުފަން ޤައުމަށް ޚިދުމަތް ކުރުމަކީ ޝާނީ އަބަދު ވެސް ދެކޭ ހުވަފެނެކެވެ. އެ ހުވަފެނުގައި ކުލަޖެއްސުމަށް މަންމައާއި ބައްޕައާއި ސްކޫލާއި މުދައްރިސުންނާއި އެކުވެރި ރަހުމަތްތެރިން ކޮށްދިން ކަންތައްތައް އުފަލާއެކު ޝާނީ ފާހަގަކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *