މީގެ ހަތަރު އަހަރުކުރިން ބިލެތްފަހީ ސްކޫލުގެ ވަޒީފާއަށް ނުކުތް ދުވަހު ވެސް، އެ ސްކޫލްގެ ބިޒްނަސް ޓީޗަރު އިސްމާއިލް ޝަރީފަށް ފެނިވަޑައިގަތީ ވަރަށް އާދައިގެ ލައިބްރަރީއެކެވެ. އެ ލައިބްރަރީއެއް ހުއްޓަސް އެތަނުގެ ބޭނުން ދަރިވަރުންނަކަށް ނުހިފެއެވެ. ޖާގަ ކުޑައެވެ. ފޮތްތައް އެހާމެ މަދެވެ. ފޮތްތައް ބަލެވެ.
ދިވެހި ބޭންކުގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ލައިބްރަރީ ތަރައްޤީ ކުރުމުގެ ވިސްނުމުގެ ދަށުން އެ ބޭންކަށް ހުށަހަޅަންޖެހޭ ޕްރޮޕޯސަލް ތައްޔާރުކޮށް ހުށަހެޅީ އަމިއްލައަށެވެ.
ޝަރީފުގެ ޕްރޮޕޯސަލްއަށް ބޭންކުން ދިން 50،000 ރުފިޔާއާއި ސްކޫލްގެ ހުރިހާ ސްޓާފުންނާއި، ށ. އަތޮޅު ކައުންސިލާއި އެރަށު ރަށު ކައުންސިލުގެ ފުރިހަމަ އެއްބާރުލުމާއެކު ތިން މަސްދުވަހުގެ ތެރޭގައި އާ ލައިބްރަރީއެއް ވަނީ ބިލެތްފަހީ ސްކޫލްގައި ކިޔަވަމުންދާ 130 އެންހާ ދަރިވަރުންނަށް ހަދިޔާކޮށްފައެވެ.

މިދިޔަ ހޮނިރު ދުވަހު، އެ ލައިބްރަރީ ހުޅުވުމާއެކު އެތަނުގެ ބޭނުން ދަރިވަރުން ދަނީ ކުރަމުންނެވެ.
ޝަރީފު ވިދާޅުވީ، ކުލާހެއްގެ ކުދިންނަށް އެއްފަހަރާ ލައިބްރަރީ ބޭނުން ނުކުރެވޭތީ، ލައިބްރަރީ ގަޑިތައް ކުރިން ގެންދިޔައީ ކުލާސްތަކުގައެވެ. މިހާރު އެތަނުގެ މާހައުލަށް ގެނެސްފައިވާ ބަދަލާއެކު އެއްފަހަރާ 25 ކުދިންނަށް ޚިދުމަތް ދެވޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ލައިބްރަރީ ތަރައްޤީ ކުރުމަށް ހިންގި މަސައްކަތުގެ ތެރެއިން، ދިވެއްސާއި އިނގިރޭސި ބަހުގެ 700 ފޮތް ވަނީ އެ ލައިބްރަރީއަށް އިތުރުކޮށްފައެވެ. ފޮތް ބަހައްޓާ ހަރުގަނޑުން ފެށިގެން ދަރިވަރުން ކިޔަވަން ތިބޭ މޭޒުތައް ވަނީ ބަދަލުކޮށްފައެވެ.
" ބޭންކުން ތިނީ ތިން މަސް ދުވަސް. ތިން މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލީ ޕްލޭންކޮށްގެން ގިނަ ބައެއްގެ އެހީތެރިކަމާއެކު" ޝަރީފު ވިދާޅުވިއެވެ. އެންމެ ޚާއްޝަ ގޮތެއްގައި ފާހަގަކުރެއްވީ ޕްރިންސިޕަލް އަމްޖަދު
ހުސައިންގެ ނަމެވެ.

" އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުދިންގެ މޫނުމަތިން އެ ފެންނަ ހިނިތުންވުން. އުފާވެރިކަން. އެމީހުންނަށް އިހުސާސްވޭ ލައިބްރަރީއެއްގެ މުހިންމުކަން" ޝަރީފު ވިދާޅުވިއެވެ.
ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 10އާ ހަމައަށް ބިލެތްފަހީ ސްކޫލްގައި ކިޔަވައިދެމުން ގެންދެއެވެ.
advertisment
ހިޔާލު