މޭނާ ސްކޫލްގެ ކިޔެވުން އެއް ކެމްޕަސްއެއްގައި ކަޔަވައިދިނުމަށް އެރަށު ޒުވާނުންގެ މަރުކަޒު ހުރި ބިމުގައި އާ އިމާރާތެއް އަޅުއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މި ރޭ ވިދާޅުވެއްޖެއެވެ.
ނ. ހޮޅުދޫގައި ހުންނަ މޭނާސްކޫލަށް 75 އަހަރު ފުރުނު އަލިމަސްޔޫބީލްގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ސޯލިހު މިރޭ ވިދާޅުވީ، ޖާގައިގެ ދަތިކަން ހުރުމުން މޭނާ ސްކޫލް މިހާރު ހިންގަނީ ދެ ކެމްޕަހެއްގައި ކަމަށާއި، އެއް ކެމްޕަހަކަށް ސްކޫލް ބަދަލުކުރަން ބޭނުންވާ ޖާގަ އެއްވެސް ކެމްޕަހެއްގައެއް ނެތް ކަމަށެވެ.
ރައީސް ވިދާޅުވީ، އެކަމަށް އޮތް ޙައްލަކީ، އައު ކެމްޕަސް ކައިރީގައި، ޒުވާނުންގެ މަރުކަޒު އެހުރި ބިމުގައި ސްކޫލްގެ އައު ޢިމާރާތް ބިނާކޮށް ދެ ޢިމާރާތް ގުޅުވައިލުން ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، އެ ސްކޫލުން ބޭނުންވެފައި އެ އޮތް ގޮތަށް 22 ކްލާސް ރޫމާއި، އިދާރީ ކަންތައްތައް ކުރުމަށް އާ އިމާރާތެއް އެޅުމަށްފަހު، މިހާރު ބޭނުންކުރާ ބައު ސްކޫލްގެ ކެމްޕަހަށް ޒުވާނުންގެ މަރުކަޒު ބަދަލުކޮށް، އިންޑޯ ކުޅިވަރުތަކާއި އެކަށީގެންވާ ވަސީލަތްތަކާއެކު ޒުވާނުންގެ މަރުކަޒެއް އެތަނުގައި ޤާއިމުކޮށްދޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ހޮޅުދޫގެ އިތުރުން ވެސް ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި، ތަޢުލީމީ ދާއިރާގެ ޢުމްރާނީ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ހިނގަމުން އެބަދާ ކަމަށެވެ. ކްލާސް ރޫމްތައް އިތުރުކުރުމާއި، މަލްޓިޕާޕަސް ހޯލްތައް ބިނާކުރުމާއި، ސައެންސް ލެބޯޓެރީތަކާއި އޮފީސް ޢިމާރާތްތައް ހެދުމުގެ މަސައްކަތްވެސް އެކި ސްކޫލްތަކުގައި މިހާރުވެސް ކުރިއަށް ދާ ކަމަށެވެ. އެ މަޝްރޫޢުތައް ނިމުމުން، ސްކޫލްތަކުގައި ހުރި ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ޙައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
advertisment
ހިޔާލު