ލޫޠުގެ ޢަޒުމް: ޑިޕްލޮމެޓަކަށްވުން

2016 ވަނަ އަހަރު އިސްކަންދަރު ސްކޫލްގެ އިނާމް ދިނުމުގެ ޖަލްސާއަށް ދިޔަ ކުދިންގެ ތެރޭގައި، މި އަހަރު އެ ސްކޫލުން އެއް ވަނަ ހޯދި މުޙައްމަދު ލޫޠް އިބްރާހިމް ޒިޔާއު ހިމެނުނެވެ. އެއީ އޭނާގެ ޙަޔާތުގައި އެފަދަ ޖަލްސާއެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. އެ އަހަރު، އިސްކަންދަރު ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު، އެތައް ތައްޓަކާއި އިނާމެއް ހިފައިގެން ސްޓޭޖުން ފައިބައިގެން ދިޔައިރު، ލޫޠަށް އިދެވުނީ އެމަންޒަރު ބަލާށެވެ. ކިޔެވުމުގައި ކާމިޔާބު ދަރިވަރަކަށް ވާން އޭނާ އަޒުމް ކަނޑައެޅީ އެރޭގައެވެ. އެވަގުތުގައެވެ.

އޭގެ ފަސް އަހަރުފަހެވެ. އިސަކަންދަރު ސްކޫލްގެ އެ ހޯލްގައި ބޭއްވި 2020-2021 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާގައި، އެ ސްކޫލްގެ ފަޚުރުވެރި އެއްވަނަ މަގާމުގެ ތާޖާއި އެތައް ތައްޓަކާއި އިނާމެއް ހިފައިގެން ސްޓޭޖްމަތިން ފައިބައިގެން ލޫޠު ދިޔައީ އޭނާގެ ވަރުގަދަ އަޒުމާއި ކުރި މަސައްކަތާއި ހިތްވަރުންނެވެ. އޭނާ އެޒުމުން އެތައް ދަރިވަރުންނަށް ފިލާވަޅުތަކެއް ދަސްކޮށްދީފިއެވެ. ކާމިޔާބީއާ ހަމައަށް ދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ހަނދާންކޮށްދީފިއެވެ. އޭނާ ސާބިތުކޮށް ދިނީ، އަޒުމެއް ކަނޑައަޅައި، ޓާގެޓަކަށްދާން މަސައްކަތް ކޮށްފިނަމަ އެއީ އެކަން ޙާޞިލްކުރެވޭނެ ކަމެވެ.

" އެހާ ބައިވަރު ތައްޓަކާއި އިނާމެއް ހިފައިގެން އެ ދަރިވަރު ސްޓޭޖުން ފޭބި ވަގުތު ހިތަށް އެރީ، އަޅުގަނޑު ވެސް ސްކޫލް ނިންމާލާނީ ސްޓޭޖްމަތިން އެ ފަޚުރުވެރި އެއްވަނަ ހޯދާ އެފަދަ އިނާމްތަކެއް ހޯދާފައޭ" ހިނިތުންވުމާއެކު ލޫޠު ކިޔައިދިނެވެ.

" ގުރޭޑް 10 އާ އަށް ދިއުމުން ސްކޫލުން ވެސް ދިން ޓާގެޓަކީ އޯލެވެލް އެއްވަނަ ހޯދުން"

ސާނަވީ މަރުހަލާ އިސްކަންދަރު ސްކޫލުން ނިންމާލި ލޫޠް ވަނީ، އަށް މާއްދާއިން އޭ ސްޓާ ހޯދާ ޤައުމީ ގަދަ ދިހައެއްގެ ފަޚުރުވެރި އެއްވަނަ ހޯދާފައެވެ. އޭނާއާއެކު އެ ސްކޫލްގެ އެހެން ދަރިވަރަކު ވެސް ޤައުމީ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުނެވެ.

އަދަބީ ހަރަކާތްތަކަށް ޚާއްޞަ ޝަޢުޤެއް ބެހެއްޓި ލޫޠަކީ ކިޔަވަން ވަކި ތާވަލެއް ގެންގުޅުނު ދަރިވަރެއް ނޫނެވެ. ކޮންމެ ދުވަހަކު ވަކި ވަގުތެއް ކިޔެވުމަށް ހުސްކުރި ދަރިވަރެއްވެސް ނޫނެވެ. ކިޔެވުމުގައި އެނާ ގެންގުޅުނީ އަމިއްލަ "ސްޓައިލް" އެކެވެ. އެ ސްޓައިލްގައި ކިޔަވަން ވަކި ވަގުތެއް ވަކި މިންވަރެއް ނޯވައެވެ. އެކި ދުވަހު ކިޔަވަނީ އެކި ވަގުތުތަކުގައި އެކި މިންވަރަށެވެ. ޓެސްޓް ކައިރިވާ ވަރަކަށް ކިޔަވަން ދޭ ސަމާލުކަމާއި ކުރާ މަސައްކަތް އިތުރު ކުރެއެވެ.

" ވަކިވަގުތެއް ކަނޑައެޅީމާ އެ ވަގުތެއްގައި އެކަމެއް ކުރަންޖެހޭ، އެއީ އެފާ ފަސޭހަކަމެއް ނޫން. އަމިއްލަ ސްޓައިލްގައި އެދުވަހެއްގެ މޫޑް ހުންނަ ގޮތަށް ބަލައި ކިޔެވުމާއިގެން ކުރިއަށް ދިއުމަކީ އަޅުގަނޑު ގެންގުޅު ފޯމިއުލާއަކީ" ލޫޠް ކިޔައިދިނެވެ.

މާ ކުރިއްސުރެ ލޫޠް ނިންމައިގެން ހުރީ ޑިޕްލޮމެޓަކަށް ވާށެވެ. އެކަން ކުރުމަށް، ސާނަވީގައި ކިޔެވި ސައިންސް ސްޓްރީމް ސީއެޗްއެސްއީގައި އާޓްސްއަށް ބަދަލުކުރިއެވެ.

" އަބަދުވެސް ހިތުގައި އޮވޭ ކިޔަވައިގެން އައިސް ޑިޕްލޮމެޓަކަށްވާން. ޑިޕްލޮމެޓަކަށްވާން ވުމަށް ލިބޭ ހުރިހާ ފުރުޞަތެއްގެ ބޭނުން ހިފާނަން " ސީއެޗްއެސްއީގައި ގުރޭޑް އެގާރައަށް ކިޔަވަމުންދާ ލޫޠްގެ މިހާރުގެ އަމާޒަކީ މަތީ ސާނަވީންވެސް އެއްވަނަ ހޯދައި، ރައީސްގެ ސްކޮލަރޝިޕް ހޯދައިގެން އޭނާގެ ހުވަފެންތަކުގައި ކުލަޖެއްސުމެވެ.

ލޫޠަކީ ފާއިތުވި އަހަރު އިސްކަންދަރު ސްކޫލްގެ ކެޕްޓަނެވެ. އޭނަގެ އެންމެ ގާތް އެކުވެރިޔާއާ ވާދަކޮށް ސްކޫލްގެ ކެޕްޓަން ކަމުގެ ޒިންމާއާ ހަވާލުވެވުމަކީ ލޫޠަށް ވަރަށް " ސައިޕްރައިޒިން" ކަމެކެވެ.

" އުއްމީދެއް ނުކުރަން ކެޕްޓަނަކަށް ވެވޭނެ ކަމަށް. އެންމެ ފަހުވަގުތު ވެސް އެ ކޮންފިޑެންސެއް ނުލިބޭ" ލޫތް ބުންޏެވެ.

ލޫޠަކީ އިތުރު ހަރަކާތެއްގެ ގޮތުން ކުޅިވަރަށް ޝަޢުޤު ހުރި ދަރިވަރެއް ނޫނެވެ. އޭނާގެ ޝަޢުޤު ހުރީ އަދަބިއްޔާތަށެވެ. އަދަބީ ކަންތައްތަކަށެވެ. އޮންލައިން އަދަބީ އީދުގައި ހުށަހެޅި ޕްރެޒެންޓޭޝަނަކީ އެނާގެ ހަޔާތުގައި ކުރެވުނު އެފަދަ އެންމެ މުހިންމު މަސައްކަތެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުރެވުނު މަސައްކަތުން މުބާރާތުން އެއްވަނަ ލިބުން ލޫޠް ސިފަކުރަނީ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައެވެ.

ލޫޠު ބުނީ، އެނާއަށް ލިބުނު ހުރިހާ ކާމިޔާބީއެއްގެ މޭސްތިރިންނަކީ މައިންބަފައިންނެވެ. އެމީހުން ކޮށްދިން ކަންތައްތައް އެއީ ދުވަހަކު ވެސް ހަނދާނުން ފޮހެނުލެވޭނެއެވެ. އެއާއެކު އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި ލީޑިންގ ޓީޗަރުންނާއި ޓީޗަރުން، އެޑްމިން ސްޓާފުންނާއި މަސައްކަތު ދައްތައިން ވެސް އެނާގެ ކާމިޔާބީގެ މަދަދުވެރިންގެ ލިސްޓްގައި ހިމެނިއެވެ.

" އިސްކަންދަރު ސްކޫލްގެ ގޭޓުން ވަދެގެންދާއިރު، އެ ހިނުތުންވެލާ މަސައްކަތު ދައްތައިން ފެށިގެން އެޑްމިން ސްޓާފުންނާއި ޓީޗަރުން، ޕްރިންސިޕަލުން އަޅުގަނޑުގެ މި ކާމިޔާބީގައި ހިއްސާވޭ" އޯލެވެލް ނިންމާފައި ދަރުމަވެރިއެއްގެ ގޮތުގައި އިސްކަންދަރު ސްކޫލްގައި މަސައްކަތް ކުރި ލޫޠް ބުންޏެވެ.

" ކޮންމެ ދުވަހަކު އެއްކަމެއް ތަކުރާރުކޮށް މި ކުރަނީ. ސްކޫލްގެ ގޭޓުން ވަދެގެންދާއިރު، މަސައްކަތު ދައްތަމެން ހިނިތުން ނުވާނަމަ އޭގެ ނޭދެވޭ އަސަރު އަޅުގަނޑަށް ކުރާނެ. އެޑްމިންސްޓާފުންނާ ދިމާވާ ކޮންމެ ދުވަހަކު އެމީހުން އެ ހިތްވަރު ނުދޭނަމަ، ޓީޗަރުންނާއި ޕްރިންސިޕަލާ ދިމާވާ ވަގުތު އަޅުގަނޑަށް ހެޔޮ ނަޞޭހަތް ނުދޭނަމަ ކުރިއަށް ދިއުމުގެ ބަދަލުގައި ފަހަތަށް ފިޔަވަޅު އަޅަންޖެހޭ އެތައް ހާލަތެއް އަންނާނެ."

ލޫޠު ބުނީ، މިހާރުވެސް ކިޔަވަމުންދާ ދަރިވަރެއްގެ ހައިސިއްޔަތުން ކިޔަވަމުންދާ ދަރިވަރުންނަށް ދޭން އޮތް ނަޞޭހަތަކީ މީހަކު ހިނގި މަގުން ހިނގުމުގެ ބަދަލުގައި އަމިއްލަ ސްޓައިލެއް ގެންގުޅުމަށެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. ކިޔަވާނެ ގޮތް ކަނޑައަޅާނީ އެކުއްޖެކެވެ.

" އެންމެ މުހިންމީ ދާންވީ ޓާގެޓް ދުރާލާ ކަނޑައެޅުން، ދެން އެ މިސްރާބަށް ދާން މަސައްކަތް ކުރުން"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *