ހިތް ދެވުނީ ހިސާބު މާއްދާއަށް، ވާން ބޭނުންވަނީ ޑޮކްޓަރަކަށް

ފާއިތުވި އަހަރު ސީއެޗްއެސްއީން އެއްވަނައަށް ދިޔަ ދަރިވަރުންގެ ތެރޭގައި ހިމެނޭ، އައިން އަލީ ރަޝީދު، ހިސާބު މާއްދާއަށް ޚާއްޞަ ޝަޢުޤުވެރިކަމެއް ބެހެއްޓި ނަމަވެސް ކުރިމަގުގައި ފެންނަން ބޭނުންވީ ޑޮކްޓަރެއްގެ ގޮތުގައެވެ.

ފަސް މާއްދާއިން އޭ ސްޓަރ ހޯދައި، ބައޮލޮޖީން އޭ ހޯދާފައިވާއިރު، ރައީސުލްޖުމުހޫރިއްޔާ ދެއްވާ ސްކޮލަޝިޕް ހޯދަން ބުރަ މަސައްކަތެއް ކުރީ ވެސް މެޑިކަލް ދާއިރާއިން ކުރިއަށް ދިއުމަށް އޮތް ޝަޢުޤެއްގެ ބޮޑުކަމުންނެވެ.

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުން އޯލެވެލް ހެދި އައިން ވަނީ އޯލެވްގައި، ނުވަ މާއްދާއިން އޭ ސްޓާއާއި އެއް މާއްދާއިން އޭ ހޯދާ، ޤައުމީ ގަދަ ދިހައެއްގެ ދެ ވަނަ ކަށަވަރުކޮށް، ކިޔެވުމުގައި ނަމޫނާ ދަރިވަރެއްކަން ސާބިތުކޮށްދީފައެވެ. އޯލެވެލްގައި ހަމައެކަނި އޭ ލިބުނީ އެންމެ ގަޔާވި ހިސާބު މާއްދާއިންނެވެ. ނަމަވެސް އާ ހިތްވަރެއްލައި، އޭލެވެލްގައި ހިސާބު މާއްދާއިން ލިބުނު ނަތީޖާ އޭ ސްޓާއަކަށް އަނބުރާލީ ޓިއުޝަން ޓީޗަރުގެ ހިތްވަރުންނެވެ.

" ހިސާބަކީ އަބަދުވެސް ވަރަށް ކިޔަވާހިތުން ކިޔެވި މާއްދާއެއް. އޭގެ ތެރެއަށް ވަދެވި ކޮންސެޕްޓް ނަގައިގަނެވުނީމާ ވަރަށް ފަސޭހަ. އޭލެވެލްގެ ފުރަތަމަ ދުވަސްކޮޅު ވަރަށް އުނދަގޫވި ނަމަވެސް އެކަން ބަދަލުވެގެން ދިޔައީ ޓިއުޝަން ޓީޗަރުގެ ސަބަބުން" އައިން ކިޔައިދިނެވެ.

އައިން، ގުރޭޑް އެކެއްގައި އިސްކަންދަރު ސްކޫލުން ކިޔެވުމަށްފަހު، ހުޅުމާލޭގައި އޭރު ހުރި ލާލޭ ސްކޫލުން ގުރޭޑް ހަތެއް ނިންމައި، ދަށު ސާނަވި ނިންމީ ޣިޔާސުއްދީން ސްކޫލުންނެވެ.

އައިން ބުނީ، ކިޔަވަން އެންމެ ފަސޭހައީ މާލޭގެ ހަލޮބޮލިކަމާއި ގޭ އެންމެން ނިދުމުން ދަންވަރު ތެދުވެ އެކަނި އިންނަވަގުތުއެވެ.

" ހުރިހާ އަޑުތަކެއް މަޑުވެ އެންމެން ނިދީމާ އެވީ ތެދުވެ ކިޔަވަން. އެ ވަގުތަކީ ފިލާވަލުތަކަށް ސަމާލުކަން ދީގެން ކިޔަވަން އެންމެ ފަސޭހަ ވަގުތު" އައިން ބުންޏެވެ.

ކޮންމެ ދުވަހަކު ވަކި ތާވަލެއް ހަދައިގެން އައިން ނުކިޔަވައެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރީ ޓެސްޓް ކައިރިވާން ފެށީމާ އުނދަގޫވާހެން ހީވާ މާއްދާތަކަށް ގިނަ ވަގުތުދޭ ގޮތަށް ޓައިމްޓޭބަލެއް ހަދައިގެންނެވެ.

އައިން ބުނީ، ހަމައެކަނި ކިޔެވުމަށް ވަގުތު ހުސްކޮށްލުމުގެ ބަދަލުގައި ސްކޫލްގެ ތަފާތު އެކި ހަރަކާތްތަކަށް ވަގުތު ދިނުން މުހިންމެވެ. އޭނާ ދިޔައީ ބާސްކެޓާއި ނެޓްބޯޅަ އަދި އަދަބީ އެކިއެކި ހަރަކާތްތަކުގައި ވެސް ބައިވެރިވަމުންނެވެ.

އަންނަ ސެޕްޓެމްބަރުމަހު، މެޑިސިން ހަދަން އަޔަލެންޑަށް ފުރަން ތައްޔާރުވަމުން އަންނަ އައިން ބުނީ، ވޮލަންޓިއަރެއްގެ ހައިސިއްޔަތުން ސިއްޙީދާއިރާގައި މަސައްކުރި ދުވަސްވަރު އެނގުނީ އެ ދާއިރާއަށް އިންތިހާއަށް މީހުން ބޭނުންވާކަމެވެ. އެހެންވެ އޭނާގެ އަޒުމަކީ ކިޔަވައިގެން އެނބުރި އައިސް ޤައުމަށް ޚިދުމަތް ކުރުމެވެ.

އައިންގެ ކާމިޔާބީގެ ފަހަތުގައި ތިބީ މައިންބަފައިންނާއި އޭނާގެ ދެ ދައްތައެވެ. އަދި ސީއެޗްއެސްއީގެ މުދައްރިސުންނާއި ގާތް އެކުވެރި ރައްޓެހިންނެވެ.

ކިޔަވާ ކުދިންނަށް އައިން ދޭން އޮތް ނަސޭހަތަކީ މިއެވެ. " ކިޔަވަމުންދާއިރު އަބަދު އެއްގޮތަކަށް ކަންތައް ދިމާވާ ދުވަސްތަކެއް ނާންނާނެ. އުނދަގޫ ޔުނިޓްތައް ވެސް އަންނާނެ. ގިވަޕް ނުކުރުން މުހިންމީ. އަބަދު ވެސް މުދައްރިސުން ކައިރީގައި އަހަންވީ، ރައްޓެހިންގެ ކައިރިން ވެސް އަހާ އޮޅުން ފިލުވަންވީ. އޮޅުންފިލުވާ މީހަކަށް ވާންވީ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *