ކިޔެވުމުގައި ކާމިޔާބު ދަރިވަރުންގެ ވާހަކަ ލިޔާއިރު، މި އަހަރު އެންމެ ކުރީގައި ލިޔަންޖެހޭ އެއް ދަރިވަރަކަށް ހަ މާއްދާއިން އޭ ސްޓާ ހޯދައިގެން އޭލެވެލްގެ އެއްވަނަ ހޯދި އާމިނަތު ނޫހާ ނިމާލްގެ ނަން ލިޔަން ޖެހެއެވެ. ނޫހާގެ ކާމިޔާބީގެ ވާހަކަ ލިޔަން ފަށަން ޖެހެނީ ސާނަވީ ތަޢުލީމް ފެށި ކަލާފާނު ސްކޫލާ ހަމައިންނެވެ. އޯލެވެލްގައި އަށް އޭ ސްޓަރ ހޯދައިން 2018 ވަނަ އަހަރު ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދި އިރު، އެ އަހަރު ކަލާފާނު ސްކޫލްގެ އެންމެ މޮޅު ދަރިވަރަކީ ވެސް ނޫހާއެވެ. އޭގެ ދެ އަހަރުފަހުން މަތީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާ، ސީއެޗްއެސްއީން ވެސް އެއްވަނަ ހޯދުމަކީ ނޫހާގެ ކާމިޔާބީގައި އެއްވަނަ ނޫން އެއްޗެއް ނެތުމެވެ.

ނޫހާ ހިނގީ އޭނާގެ ދައްތަ މަރިޔަމް ނިހްލާ ނިމާލް ހިނގި މަގުންނެވެ. 2016 ވަނަ އަހަރު، އޯލެވެލްއިން އެއްވަނަ ހޯދާ، އެ އަހަރު ކަލާފާނު ސްކޫލްގެ ވެސް ފަޚުރުވެރި އެއްވަނަ މަގާމް ނިހްލާ ހޯދިއެވެ. ސީއެޗްއެސްއީގައި އޭލެވެލްއަށް ކިޔަވައި މަތީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ނުވަ ވަނަ ހޯދިއެވެ. މިހާރު ކިޔަވަމުން ދަނީ މެލޭޝިޔާގައި ޑޮކްޓަރީކަމެވެ. ނޫހާ ވެސް ތައްޔާރު ވަމުން އެ ދަނީ ޑޮކްޓަރީކަން ކިޔަވަން އޭނާގެ ދައްތަ ކިޔަވަމުންދާ ޔުނިވަރސިޓީއަށް ދާށެވެ. ރައީސުލްޖުމުހޫރިއްޔާ ދެއްވާ ސްކޮލަރޝިޕްގެ ދަށުންނެވެ.
ނޫހާ: ދައްތަގެ ފަހަތުން އޯލެވެލްއިން އެއްވަނަ، ކަލާފާނުން ވެސް އެއްވަނަ
އޯލެވެލް ނިންމާ ނަތީޖާ ލިބުމާއެކު ނޫހާގެ ވެސް އަމާޒު ހިފީ ރައީސް ސްކޮލަރޝިޕަށެވެ. ދައްތައާއެކު އެއް ޔުނިވަރސިޓީއެއްގައި ކިޔެވުމަކީ އޭނާ ދެކެމުންއައި ހުވަފެނެކެވެ. އެ ހުވަފެނުނުގައ ކުލަ ޖެއްސަން އޭނާ ނުކުރާ މަސައްކަތެއް ނެތެވެ. ކިޔެވުމަށް ޚާއްޞަ ސަމާލުކަމެއްދީ ވަގުތު ހުސްކުރިއެވެ. މަންމައާއި ބައްޕަ އާއިލާގެ މީހުންގެ އެހީތެރިކަން ހޯދިއެވެ. ޚާއްޞަކޮށް ދައްތަ ނިޙްލާގެއެވެ. އެ އެންމެންނަށް އޭނާގެ އޮތީ ޚާއްޞަ ޝުކުރެކެވެ.

ކިޔެވުމުގައި އޭނާގެ އެންމެ ގާތް މަދަދުގާރަކީ މަންމައެވެ. މަންމަގެ ނަޞޭޙަތާއި ހިތްވަރަކީ ނޫހާގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރެވެ.
" ހިތާމައާއި އުފަލުގައި ވެސް އެންމެ ކައިރީގައި މަންމަ ހުންނާނެ. އެއީ މި ލިބުނު ކާމިޔާބީގެ ހަގީގީ މޭސްތިރިއަކީ" ނޫހާގެ ތައުރީފު މަންމައަށް ބަންޑުން ކޮށްލިއެވެ.
ނޫހާ ބުނީ، އޯލެވެލްއަށްފަހު، އޭލެވެލްއަށް ކިޔަވަން ފެށިއިރު، އުނދަގޫވި ކަމަށާއި، ޚާއްޞަކޮށް ބައޮލޮޖީ ހީކުރި ވަރަށްވުރެ އުނދަގޫ ކަމަށެވެ. އެ މާއްދާއިން އޭ ސްޓަރ ލިބޭނެ ކަމަށް އުއްމީދެއް ވެސް ނުކުރާ ކަމަށް ނޫހާ ބުންޏެވެ.

" ބައޮލޮޖީ ކިޔަވާ ހިތްވިޔަސް ވަރަށް އުނދަގޫވި، އުއްމީދެއް ވެސް ނުކުރަން އޭ ސްޓަރ ލިބިދާނެ ކަމަކަށް" ކާމީޔާބީގައި ހިނިތުންވެފައި ހުރި ނޫހާ ބުންޏެވެ.
ނޫހާ ޤަބޫލުކުރާ ގޮތުގައި ކާމިޔާބު ގުޅިފައި ވަނީ ކުރާ މަސައްކަތާއެވެ. ކާމިޔާބީއަށް އެދޭ ދަރިވަރެއްގެ އެންމެ މުހިންމު ސިފައަކީ ދޫކޮށްނުލާ، ހިތްވަރުކޮށްފައި ކުރިއަށް ދިއުމެވެ. އެހެންވެ އެނާގެ ފޯކަސް އަމާޒު ކުރީ ސީދާ ކިޔެވުމަށެވެ. ނަތީޖާއަކަށް ވީ ދެ ސްކޫލްގެ ފަޚުރުވެރި ދަރިވަރަކަށްވި ފަދައިން މުޅި ރާއްޖެވެސް ފަޚުރުވެރި ވާ ދަރިވަރަކަށް ވުމެވެ.
advertisment
ހިޔާލު