ކެޔޮދޫ ސްކޫލުން ދުވާލަކު 9 ކިލޯގެ ޕްލާސްޓިކް އެއްކުރޭ

އާބާދީ ކުޑައެވެ. ރަށުގައި ކިޔަވަމުންދާ ކުދިންގެ އާބާދީ ގާތްގަޑަކަށް 200 އެވެ. އެކަމަކު ވެސް ކެޔޮދޫ ސްކޫލުން ދަނީ ޕްލާސްޓިކަށް ނުނެކޭ ބުނުމުގައި މުޅި ރާޢްޖެއަށް ނަމޫނާ ދައްކަމުންނެވެ.

ޕާލޭއިން ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެއަރ ޗެލަންޖުގައި ފަޚުރުވެރި ވަނަތެކެއް ހޯދަމުންދާ ވ. އަތޮޅުގެ ކެޔޮދޫ ސްކޫލަށް އެކަމުން ލިބެމުނީ ބޮޑު ހިތްވަރެކެވެ. ޕުލާސްޓިކުން މުޅި ދުނިޔެއަށް ލިބެމުންދާ ގެއްލުމަށް ކުޑަ ނަމަވެސް މަސައްކަތެއް އެ ސްކޫލަށް ކޮށްދެވޭތީއެވެ.

ޕާލޭ އެއަރ ޗެލަންޖުން ހިތްވަރު ލިބިގެން އެ ސްކޫލްގެ މިހާރު އަމާޒަކީ "ވެއްޓާ ރައްޓެހި ވަމާ" ޝިޔާރުގެ ދަށުން ކެޔޮދޫއަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކު އަށް ނޫނެކޭ ބުނާ ރައްޔިތުން ތަކެއް ދިރިއުޅޭ ރަށަކަށް ހެދުމެވެ.

އެއަރ ޗެލަންޖްގައި ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި 13،000 އަށްވުރެ ކިލޯގެ ޕްލާސްޓިކް ފުޅި އެ ސްކޫލުން ވަނީ ޕާލޭއާ ހަވާލުކޮށްފައެވެ. މިއީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ދުވާލަކަށް 9 ކިލޯގެ ޕްލާސްޓިކެވެ.

ރަށުގައި އުފެދޭ ޕްލާސްޓިކް މަދުކުރުމަށް ވެސް އެ ސްކޫލުން ދަނީ މަސައްކަތް ކުރަމުންނެވެ. އެކަން ކުރުމަށް މަގުފަހިކުރުމުގެ ގޮތުން އެ ރަށުގެ މުއައްސަސާތަކަށް ފެން ޑިސްޕެންސާ އަދި ބިއްލޫރި ފުޅި ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް އިއްޔެ ވަނީ ފަށާފައެވެ. މީގެ ސަބަބުން ޕްލާސްޓިކް ފުޅި ކުރިއަށް އޮތް ތަނުގައި ބޮޑުތަނުން މަދުވެގެންދާނެ ކަމަށް އެ ސްކޫލުން ދެކެއެވެ.

ކެޔޮދޫ ސްކޫލްގެ ޕްރިންސިޕަލް ޒައީމާ ހުސައިން ވިދާޅުވީ، ހަމައެކަނި ޕްލާސްޓިކް ފުޅި އެއްކޮށްގެން އެ ރައްކާތެރި ގޮތުގައި ނައްތާލަން ޕާލޭއާ ހަވާލު ކުރުމުން ނުފުދޭ ކަމަށާއި، ދުވަހުން ދުވަހަށް ބޭނުންކުރާ ޕްލާސްޓިކް ފުޅިވެސް މަދުކުރަންޖެހޭ ކަމަށެވެ. މުއައްސަސާތަކުގައި ބޭނުން ކުރަން ޑިސްޕެންސަރތައް ފޯރުކޮށްދިނީ އެހެންވެ ކަމަށެވެ.

" ފުޅީގެ އަދަދު މަދުކުރަންޖެހޭ. އެހެން ނޫނީ ނިމުމެއް އޮތް ކަމަކަށް ނުވާނެ" ޒައިމާ ވިދާޅުވިއެވެ.

ޒައީމާ ވިދާޅުވި ގޮތިގައި، އެ ސްކޫލުން ފެށި މަސައްކަތުގެ ހިތްހަމަޖެހުމަކީ އެރަށުގައި ހުރި ބައެއް ގެސްޓްހައުސްތަކާއި ބައެއް ގޭގޭގައި ވެސް ޑިސްޕެންސަރތައް ބަހައްޓައި ފުޅި މަދުކުރުމަށް މަސައްކަތް ކުރަމުން ދިއުމެވެ.

" އަޅުގަނޑުމެންނަށް ނަތީޖާ އެބަފެނޭ. އެކަމަކުވެސް ޕްލާސްޓިކާ އެކީ ދުރަށް ދެވޭކަށް ނެތް. އެއަށްވުރެ ބޮޑަށް އެއާ އެކީގައި އުޅެން މިޖެހެނީ" ޒައިމާ ވިދާޅުވިއެވެ.

" އަޅުގަނޑުމެން މަސައްކަތް ކުރަނީ ވީހާވެސް މަދުން ޕްލާސްޓިކް ފުޅި ބޭނުން ކުރެވޭތޯ. ރައްކާތެރި ކަމާއެކު އެ ނައްތާލަން"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *