ވިލުފުށީ ސްކޫލްގެ ލީޑިންގ ޓީޗަރު، އާދަމް އާތިފު ނިޔާވި ޚަބަރާއެކު އެ ސްކޫލްގެ ރޫޙް ގެއްލިގެން ދިޔައީއެވެ. އެއީ ދަރިވަރުންނާއި އެ ސްކޫލްގެ ހުރިހާ ސްޓާފުންނާއި ބެލެނިވެރިން ދެކެ ނުހަނު ލޯބިވި، އެންމެންގެ އެކުވެރި އާތިފު ސަރއެވެ.
"އެއީ މި ސްކޫލްގެ ރޫޙް. ކޮންމެ ކަމެއް ކުރި ނަމަވެސް އެންމެ ކުރީގައި ހުންނަވާނެ. އެއީ ހިތްހެޔޮ އެކުވެރިއެއް، އެންމެ ފަހު ވަގުތާ ޖެހެންދެން ވަރަށް ހަރަކާތްތެރިވެ އުޅުއްވި ބޭފުޅެއް. ކިޔަވައި ދެއްވުމުގައި ތަފާތު ސްޓައިލެއް ގެންގުޅުއްވި މޮޅު ޓީޗަރެއް " ވިލުފުށީ ސްކޫލްގެ ޕްރިންސިޕަލް އާމިނަތު އަފްރާ އާދަމް ވަރަށް ކުރުކޮށް އާތިފު ސިފަކުރެއްވިއެވެ.

1991 ވަނަ އަހަރު ތައުލީމީ ދާއިރާ އާ ގުޅިވަޑައިގެންނެވި އާތިފު ވަނީ ދިޔަމިގިލީ ސްކޫލާއި އަމީނިއްޔާ ސްކޫލްގައި ގިނަ ދުވަސްތަކެއް ވަންދެން ބުރަކޮށް މަސައްކަތް ކުރައްވާފައެވެ. އަމިއްލަ ރަށަށް ބަދަލުވެ، ވިލުފުށީ ސްކޫލާ ގުޅިވަޑައިގަތީ ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހުއެވެ. ހުސްވި މެއި މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ދިޔައީ ލީޑިން ޓީޗަރެއްގެ ޒިންމާގެ އިތުރުން ގުރޭޑް ދިހައެއްގެ ދަރިވަރުންނަށް ދިވެހި މާއްދާ ކިޔަވައިދެއްވަމުންނެވެ.
ދެ ކިޑްނީ ވެސް ފެއިލްވިކަން އެނގުނީ، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކުއްލިއަކަށް މާ ބޮޑަށް ބަލިވާން ފެށުމުން މާލެ އައިސް ޓެސްޓް ހެއްދެވުމުންނެވެ.
" އަޅުގަނޑުމެންނަށް އެނގުނީ ކިޑްނީ ބައްޔެއްގައި އުޅޭކަން. ދެ ކިޑްނީ ފެއިލްވި ވާހަކަ އެނގުނީ މާ ފަހުން. " އަފްރާ ވިދާޅުވިއެވެ.

އޭގެ ފަހުން ވެސް މަސައްކަތް ކުރައްވަމުން ގެންދެވީ ލީޑިންގ ޓީޗަރެއްގެ ގޮތުގައެވެ. އަދި ޕީޓީއޭގެ ކޯޓިނޭޓަރެއްގެ ގޮތުގައެވެ.
އަފްރާ ވިދާޅުވިގޮތުގައި ބަލިހާލަތާ ގުޅޭ ގޮތުން ގިނަ މައުލޫމާތެއް އެއްވެސް މީހަކާ ހިއްސާއެއް ނުކުރައްވައެވެ. އޭގެ ބަދަލުގައި އެންމެ ފަހުވަގުތާ ޖެހެންދެން ވެސް ދެމިހުންނެވީ މަސައްކަތުގައެވެ. ވަގުތު ދެއްވީ އަމިއްލަ ސިއްޙަތަށްވުރެ ދަރިވަރުންނާއި ސްކޫލަށެވެ.
"ނިޔާވި ފަހުން އަޅުގަނޑުމެންނަށް ވެސް އެނގުނީ، ޑޮކްޓަރުން ވެސް އުއްމީދު ކަނޑާލާފައިވާކަން. ދެ ކިނޑުނީވެސް މަސައްކަތް ކުރަނީ އެންމެ ފަސް އިންސައްތައިގައިކަން. އެންމެ ފަހު ވަގުތުގައިވެސް ބެލީ، އަމިއްލަ ނަފުސަށްވުރެ ބޮޑަށް، އެހެން މީހުންގެ ހިތްހަމަޖެހުމަށް. ޚިދުމަތް ކުރެއްވީ އެހެން މީހުނާއި ދަރިވަރުންނަށް ހިތްވަރުދިނުމުގައި. އުޅޭ ގޮތުން ހީވެސް ނުވާނެ ބަލިވެއޭ އުޅުއްވަނީ" އަފްރާ ވިދާޅުވިއެވެ.

އަފްރާ ވިދާޅުވިގޮތުގައި މެއި މަހުގެ ފަސް ވަނަ ދުވަހު ވެސް މާލެ ދިޔައީ ނޭވާ ހާސްވެ އުނދަގޫތަކެއް ވާން ފެށުމުން ޑޮކްޓަރަށް ދައްކާލާ ބޭސްނަގަން ވެގެންނޭ ވިދާޅުވެފައެވެ.
" މާލެ އައިތާ ދެވަނަ އަށް ވި ދުވަހު، ކުއްލިއަކަށް ހާލުބޮޑެވެފައި ހޭނެތުނީ، ހޭނެތުނު ގޮތަށް މަހެންހާ ދުވަހު އޮތުމަށްފަހު ނިޔާވީ" އަފްރާ ވިދާޅުވިއެވެ.
އަފްރާ ވިދާޅުވިގޮތުގައި އާތިފް ސަރއަކީ ދިވެހި މާއްދާއަށް ދަރިވަރުންގެ ޝަޢުޤު އުފެއްދުމުގައި ދެވަނައެއް ނެތް ހުނަރުވެރި މޮޅު ޓީޗަރެކެވެ. ކުރިން ނޭނގޭ އެތައް ކަމެއް ދިވެހި މާއްދާގެ ތެރެއިން ދަރިވަރުންނަށް ދަސްކޮށްދީ، އެ މާއްދާއިން ދަރިވަރުން ހޯދި ނަތީޖާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބަދަލުކޮށްލެއްވިއެވެ. އެކަން ދަރިވަރުން އަބަދުވެސް ފާހަގަކުރައްވައެވެ.
" ދަރިވަރުންގެ ފަރާތުން އަބަދުވެސް އަޑުއިވެނީ ކިޔަވައިދިނުމުގައި ގެންގުޅޭ ތަފާތު ސްޓައިލްގެ ވާހަކަ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކުދިންގެ ފޭވަރައިޓް ޓީޗަރަކަށް ވި ވާހަކަ. ކިޔަވައިދެމުންދާއިރު ފޫހިވެފައި އިންނާކަށް ނުޖެހޭ ވާހަކަ" އަފްރާ ވިދާޅުވިއެވެ.

އަފްރާ ވިދާޅުވި ގޮތުގައި ސްކޫލް ހިންގުމުގައި އެންމެ ބޮޑު އެހީތެރިކަން ލިބިވަޑައިގެންނެވީ ވެސް އާތިފްގެ ފަރާތްޕުޅުންނެވެ. ހަވާލުކުރާ ކޮންމެ ކަމެއް އެންމެ ފުރިހަމަ ގޮތުގައި ކުރައްވަން ޚާއްޞަ އިސްކަމެއް ދެއްވައެވެ. އަބަދުވެސް އެންމެ ކައިރީގައި މަސައްކަތް ކުރެއްވިއެވެ.
އާތިފު ސަރގެ ވަކިވުމަކީ އަފުރާ ފާހަގަކުރެއްވި ގޮތަށް ވިލުފުށީ ސްކޫލަށް ގެއްލިގެން ދިޔަ އަގުހުރި ޖަވާހިރެކެވެ. އެ ސްކޫލުގެ ރޫޙެވެ. އެކަން އަބަދަށް އެ ސްކޫލާއި ދަރިވަރުންނާއި ބެލެނިވެރިން ފާހަގަކުރާނެއެވެ.
advertisment
ހިޔާލު