ކުޅުދުއްފުށީ ކައުންސިލްގެ "ފިނިފެހި ސިޓީ" ޕްރޮގްރާމުގައި ބައިވެރިވެ ޖަލާލުއްދީން ސްކޫލުން ގަސްއިންދާ ބަލަހައްޓަން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގެ ދަށުން، ކުޅުދުއްފުށީ ބަންޑާރަ މަގު ގްރީން ޒޯނުގެ ސަރަހައްދެއްގައި ގަސް އިންދާ ބެލެހެއްޓުމުގެ މަސައްކަތް ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އެއްބާރުލުމާއި އެކު އެ ސްކޫލްގެ އިކޯ ކްލަބުން ކުރިއަށް ގެންދާނެއެވެ.

ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އާމިނަތު މުޙައްމަދު ވިދާޅުވީ، ސިޓީ ކައުންސިލާއެކު ވި އެއްބަސްވުމާ އެއްގޮތަށް، އިއްޔެ 200 ރަން ނިކަ ގަސް އިންދާފައިވާ ކަމަށެވެ. އިތުރު ގަސްތައް އިންދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ، އިންދި ގަސްތައް ރޯވެ، ވަކިވަރަކަށް ހެދެން ފެށުމުންނެވެ. އެމަގު ނިމެންދެން ގަސް އިންދަން އޮތީ ނިންމާފައެވެ.
ގަސް އިންދުމަށް ބޭނުންވާ ހުރިހާ ސާމާނަކާއި ތަކެތި ދެނީ ސިޓީކައުންސިލުންނެވެ. ޖަލާލުއްދީން ސްކޫލްގެ އެކޯ ކުލަބުގެ ޒިންމާއަކީ ގަސްއިންދައި، ބެލެހެއްޓުމެވެ.

" ގަސްއިންދައި، ބެލެހެއްޓުން އަޅުގަނޑުމެންގެ ޒިންމާއަކީ. އަލަށް އިންދި ގަސްތައް ވަކިވަރަކަށް ބޮޑުވަންދެން ކޮންމެ ދުވަހަކު ފެންދޭނެ. ގަހެއް މަރުވެއްޖެނަމަ އެ ގަހުގެ ބަދަލުގައި ގަހެއް އިންދާނެ." ޕްރިންސިޕަލް އާމިނަތު ވިދާޅުވިއެވެ.
advertisment
ހިޔާލު