މޭނާ ސްކޫލަށް 75 އަހަރު ފުރުމުން ކެޕްސްކޫލެއް ވަޅުލައިފި

ނ. ހޮޅުދޫގައި ހުންނަ މޭނާ ސްކޫލަށް 75 އަހަރު ފުރުނު އަލިމަސްޔޫބީލް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ކެޕްސޫލެއް ވަޅުލައިފިއެވެ.

ޖޫން މަހުގެ އެއްވަނަ ދުވަހު، އެ ސްކޫލަށް 75 އަހަރު ފުރުނުއިރު، ކެޕްސޫލް ވަޅުލީ އެ ސްކޫލްގެ ދެ ކެމްޕަހުގެ ތެރެއިން އަލަށް އިމާރާތް ކުރި ކެމްޕަހުގެ ގޯތިތެރޭގައެވެ. ބާ ކެމްޕަހުން އަލަށް އިމާރާތް ކުރި ކެމްޕަހަށް ކެޕްސޫލް ގެންދިޔައީ އެކަމަށް ޚާއްޞަކޮށްގެން ބޭއްވި ޕެރޭޑެއްގައެވެ. ދެ ފީފާ އެއްކޮށްގެން ހަދާފައިވާ ކެޕްސޫލް ވަޅުލަން ބޭއްވި ހަރަކާތުގައި އެ ސްކޫލްގެ ދަރިވަރުންނާއި ހޮޅުދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

މޭނާ ސްކޫލަށް 75 އަހަރު ފުރުމުން, ކެޕްސް ވަޅުލަން ބޭއްވި ޕެރޭޑްގެ ތެރެއިން- ފޮޓޯ: މޭނާ ސްކޫލް

މޭނާ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ޝަހީމް ދަރިވަރު ނޫހަށް ވިދާޅުވީ، ކެޕްސޫލްގައި ދަރިވަރުންގެ އެ ސްކޫލާމެދު ދެކޭގޮތާއި ކުރިއަށް އޮތްތަނުގައި އެ ސްކޫލަށް އަންނާނެ ކަމަށް ލަފާކުރާ ބަދަލާއި އެކުދިންގެ ތަޞައްވަރު ހިމަނާފައިވާނެ ކަމަށެވެ. ކެޕްސޫލް ނަގަން ނިންމާފައި ވަނީ އެ ސްކޫލަށް 100 އަހަރު ފުރޭ ދުވަހުއެވެ.

400 އެންހާ ދަރިވަރުން މިއަދު ކިޔަވަމުންދާ މޭނާ ސްކޫލަކީ " ހޮޅުދޫ ރައްޔިޔުންގެ މަދަރުސާ"ގެ ނަމުގައި 1 ޖޫން 1947 ގައި ހުޅުވި ސްކޫލެކެވެ. މޭނާ ސްކޫލްގެ ބާނީއަކީ އެ ދުވަސްވަރު ރަށް ހިންގާ ވެރިއެއްގެ ގޮތުގައި ހުންނެވި ހޮޅުދޫ މާމުދިމު އަލްމަރުޙޫމް އިބްރާހިމް މޭނާކަލޭފާނެވެ. މަދަރުސާގެ ކުލާސްތައް ކުރިއަށް ގެންދިޔައީ އޭނާގެ ގޭގެ ފެންޑާ މަތީގައެވެ. " ހޮޅުދޫ ރައްޔިޔުންގެ މަދަރުސާ"ގެ ނަމުގައި ދިހަ އަހަރު މި މަދަރުސާ ހިންގިއެވެ. އޭގެ ފަހުން " މަދަރުސަތުލް ޘަޤާފާ" ގެ ނަމުގައި ހިންގުމަށްފަހު، މޭނާ ސްކޫލްގެ ނަމަށް ބަދަލުވެގެން ދިޔައީ 1 އޮގަސްޓް 1992ގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *