މާލެ ސަރަހައްދުގައި ވައިގެ ކޮލިޓީ ޑަބްލިޔުއެޗްގެ މިންގަނޑަށްވުރެ މަތި: އެމްއެންޔޫގެ ދިރާސާ

މާލެ ސަރަހައްދުގައި ވައިގެ ކޮލިޓީގެ އެވަރެޖް ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ މިންވަރަށްވުރެ މަތި ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރި ދިރާސާއިން ދައްކައިފިއެވެ.

އެ ޔުނިވަރސިޓީން ވަނީ މި ދިރާސާގެ ނަތީޖާއާ ބެހޭ ހޯދުންތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ.

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން އެމެރިކާގެ ޑޫކް ޔުނިވަރސިޓީއާ ގުޅިގެން، އޮކްޓޯބަރ 2020 އިން ސެޕްޓެމްބަރ 2023 ގެ ނިޔަލަށް ކުރިއަށް ގެންދާ، "ބިލްޑިންގ ކެޕޭސިޓީ އިން އެއަރ ކޮލިޓީ އިން ސައުތް އޭޝިޔާ" އިން ފާހަގަވީ ކޮންމެ ތން ދުވަހުން އެއް ދުވަހު މާލެ ސަރަހައްދުގައި ވައިގެ ކޮލިޓީ (ޕަޓިލިއުލޭޓް މެޓަރ 5.2 )އެވަރެޖް ކޮށް ހުރި މިންވަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންވަރަށް ވުރެ މަތި ކަމެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްއިން ފަންޑު ކުރާ، މި ދިރާސާ ކުރިއަށް ގެންދިއުމަށް މިހާތަނަށް ވައިގެ ސާފުމިންވަރު ބަލާ ސެންސަރ ތައް މާލެ ސަރަހައްދުގެ ފަސް ތަނެއްގައި ހަރު ކޮށްފައިވެއެވެ. އެއީ މާލޭގެ ތިން ސަރަހައްދެއްގައާއި، ހުޅުމާލެ، ހުޅުލެ އަދި ވިލިނގިލީގައެވެ.

ރާއްޖޭގައި މިޕްރޮޖެކްޓް ކޯޑިނޭޓް ކުރައްވާ، ޔުނިވަރސިޓީ ލެކްޗަރަރ،ނޫރާ ޚަލީލު ހުށައެޅުއްވި ގޮތުގައި މާލެ ސަރަހައްދުގެ ވައި މި މުއްދަތުގައި އެންމެ ބޮޑަށް ނުސާފުވެފައިވަނީ ޑިސެމްބަރ 2021 އިން މާރޗް 2022 ގެ ނިޔަލަށެވެ. ވައި ނުސާފުވުމަކީ އާންމު ގޮތެއްގައި އިރުވައި މޫސުމުގައި (ޑިސެމްބަރ އިން އޭޕްރިލް އަށް) ފާހަނގަ ކުރެވޭނެ ކަމެކެވެ.

މި މައުލޫމާތުތައް ކަމާބެހޭ ފަރާތްތަކާ ޙިއްސާ ކޮށްފައި ވަނީ ޔުނިވަސިޓިގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައެންސް އެންޑް ޓެކްނޮލޮޖީ ގައި ބޭއްވުނު ޚާއްޞަ ބައްދަލުވުމުގައި ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.

މި ބައްދަލުވުމުގައި، މިނިސްޓްރީ އޮފް އެންވަޔަރުމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، މޯލްޑިވްސް މީޓަރަލޮޖިކަލް ސާރވިސަސް، އެމްވަޔަރމަންޓް ޕްރޮޓެކްޝަން އޮތޯރިޓީ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން އަދި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީގެ ބޭފުޅުން ހިމެނިވަޑައިގެންނިވިއެވެ.

މި ބައްދަލުވުމުގައި ޑޫކް ޔުނިވަރސިޓީގެ ސައިންޓިސްޓް ޑޮކްޓަރ ޕްރަކާޝް ބާވޭ ބައިވެރިވެ ވަޑައިގަނެފައި ވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ޕްރޮޖެކްޓް މުޅި ރާއްޖެއަށް ފުޅާވެ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ވައިގެ ސާފު މިންވަރު ދެނެގަނެވިގެންދާނެކަން ފާހަނގަ ކޮށް، މި ޕްރޮޖެކްޓް އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް ވެސް އެ ޔުނިވަރސިޓީން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *