ޕްރިންޓް ކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން، އެސްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު 1 އަލުން ޕްރިންޓުކުރަން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އިން ބުނެފިއެވެ.
އެ އިދާރާއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، މިއަހަރުގެ އެސް.އެސް.ސީ އިމްތިހާނުގެ ދިވެހި ކަރުދާސް 1 ޕްރިންޓްކުރުމުގައި ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން މި ކަރުދާސް އަލުން ޕްރިންޓްކޮށް ކަނޑައެޅިފައިވާ ތާރިޚްގައި އިމްތިހާނު ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ.
ޑީޕީއީގެ ހިންގުމާ ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ޕްރިންޓް ކުރުމުގައި ދިމާވި މައްސަލައަކުން އިމްތިޙާނަށް އަސަރެއް ނުކުރާނެ ކަމަށާއި، ކަނޑައަޅާފައި އޮތް ތާވަލާ އެއްކޮށް އިމްތިޙާނު ކުރިއަށް ގެންދާނެ ކަމަށެވެ.
"ޕްރިންޓް ކުރުމުގައި މައްސަލައެއް ދިމާވެގެން އަލުން ޕޭޕަރު ޕްރިންޓް ކުރަން ޖެހުނަސް ތާވަލާ އެއްގޮތަށް އިންތިޙާނު އޮންނާނެ ކަމުގެ ޔަގީންކަން ދެން" އިހުސާން މިއަދު ވިދާޅުވިއެވެ.
ޕްރިންޓް ކުރުމުގައި ދިމާވީ ކޮން މައްސަލައެއް ކަމެއް ޕަބްލިކް އެގްޒަމިނޭޝަނަކުން ނުބުނެއެވެ.
އެސްއެސްސީ އިމްތިޙާނުގެ އިސްލާމް މާއްދާ ނިމިފައިވާއިރު، ދިވެހި މާއްދާ ފަށާނީ މާދަމާއެވެ. މާދަމާ އޮންނާނި ދިވެހީގެ އެއްވަނަ ޕޭޕަރެވެ. ހޯމަ ދުވަހު އޮންނާނީ ދެވަނަ ޕޭޕަރެވެ. އޯލެވެލް އިމްތިހާން ނިމޭނީ މި މަހުގެ ދިހަ ވަނަ ދުވަހުއެވެ.
advertisment
ހިޔާލު