ސާނަވީ މަރުޙަލާ ފެށުމުގެ ކުރިން ދަރިވަރުންނަށް ކުރިއަށް ދެވޭނެ މަޢުލޫމާތު ދޭންޖެހޭ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
ދަރުމަވަންތަ ސްކޫލްގެ ފާއިތުވި ދެ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާހިމް ހަސަން ވިދާޅުވީ، ހަޔާތުގެ މުސްތަގުބަލް ޕްލޭން ކުރާއިރުގައި ކިޔެވުން ވަކި އަމާޒަކަށް ކުރިއަށް ގެންދާއިރު އެކަމަކީ ކުދިންގެ ޝަޢުގު ހުރިކަމަކަށް ވާންޖެހޭނެ ކަމަށެވެ.
" އެހެން ކުދިންތަކެއް އެކަން ކުރާތީވެ އެކަން ކުރުން ރަނގަޅެއް ނޫން. އެވެނި ގެއްގެ މިވެނި މީހަކު އެކަން ކުރާތީ އެކަން ކުރުން ރަނގަޅެއް ނޫން" ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ސްކޫލްތަކުން ދަރިވަރުންނަށް މަޢުލޫމާތު ދޭއިރުގައި، ކެރިއަރ ގައިޑެންސް ދޭއިރު، ދުރާލާ ދިނުން މުހިންމު ކަމަށެވެ. ސާނަވީ މަރުޙަލާ ފަށާއިރު ހަތެއް، އަށެއް ހާ ހިސާބުގައި ދަރިވަރުންނަށް އެކިއެކި ދާއިރާތަކުން ފުރުޞަތު ހުރިކަން އޮޅުންފިލުގައި ދިނުން މުހިންމު ކަމަށެވެ.
" އެކި ދާއިރާތަކުން ކުރިއަށް ދިއުމަށް ކިޔަވަންޖެހެނީ ކޮން މާއްދާތަކަކުންތޯ. އެ މާއްދާތަކުން ކޮން ފެންވަރެއްގައި ފާސްވާންޖެހޭނެތޯ ވެސް ކިޔައިދޭންޖެހޭ"
ސްކޫލް ތަޢުލީމަކީ ކާމިޔާބު މީހަކަށް ވުމަށްޓަކައި ބޭނުންވާ ހަމައެކަނި ޝަރުޠެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ކާމިޔާބު މީހަކަށް ވުމަށްޓަކައި ދަސްކުރަންޖެހޭ، އަށަގަންނުވަންޖެހޭ ބައިވަރު ކަންތައްތަކެއް އެބަހުރި ކަމަށާއި، ރީތި އަޚުލާގެއް ހުރުމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދަ އެނގުން މުހިންމު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރީތިކޮށް ރަނގަޅަށް މުއާމަލާތް ކުރަން އެނގުން މުހިންމު ކަމަށާއި، އެކަން ވަޒީފާދޭ ފަރާތުން ފާހަގަކުރަމުންދާ ކަމަށެވެ.
" ރީތި ބަހުން މުއާމަލާތް ކުރުމާއި، އެހެންމީހުންނާ ގުޅި ގުޅުން ބަދަހިކޮށް، އެކުގައި އުޅެން އެނގުން މުހިންމު. މި ދެކަމަކީ ވެސް މިއަދުގެ މުޖްތަމައުގައި އިސްކަންދޭންޖެހޭ ދެ ކަމެއް"
އިބްރާހިމް ހަސަން ވިދާޅުވީ، އަޚުލާޤު ރަނގަޅުވެފައި ކިޔަވަން މޮޅަސް ބެލެނިވެރިންގެ ބަސް ވިކެންވާނެ ކަމަށާއި، ވަކި އުމުރުފުރައަކަށް ކުދިން ދިއުމުން ގެއަށްވުރެ ގިނަ ވަގުތު ބޭރުގައި އުޅޭތަން ފެންނަމުންދާ ކަމަށެވެ. ކިޔެވުމަށް ހުންނަ ފޯރިއާއި ޖޯޝް ކުރިން ހުންނަވަރަށް ނުހުންނަތަން ފެނިގެންދާ ކަމަށާއި، މަދަރުސީކަންކަމަށްވުރެ މަގުމަތީ ކަންކަމަށް އިސްކަންދެވޭތަން ފެންނަމުންދާ ކަމަށެވެ. އަދި ލައިބްރަރީތަކުގައި ފޮތް މުޠާލިއާ ކުރުމަށްވުރެ ގޯޅިގޯޅިކަންމަތީގައި ތިބޭތަން ވެސް ފާހަގަކުރެވޭ ކަމަށެވެ.
" މިއީ ސާނަވީ މަރުހަލާ ނިންމާފައި މަތީ ސާނަވީ މަރުހަލާއަށް އަޅުގަނޑުމެން ދަރިވަރުން ދާއިރުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް. މަތީ ސާނަވި މަރުޙަލާގައި ދަރިވަރުން ހޭދަކުރާ ދުވަސްތަކަކީ ދަރިވަރުންނަށް ހެދިބޮޑުވުމަށް ވަރަށް މުހިންމު ދުވަސްތަކެއް" ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ރޭ ވިދާޅުވީ، މަދަރުސީ ދައިރުގައި، ނަފުސާނީ ގޮތުންނާއި ޖިސްމާނީގޮތުން ކަންތައްތައް ދެނެގަނެ ދަސްކޮށްދޭންޖެހޭ ކަމަށެވެ. މި މަރުހަލާގައި ދަރިފުޅު ކަށިވާރުވިޔަ ނުދީ ބެލެހެއްޓުމަކީ ބަލެނިވެރިޔާއި ޓީޗަރުގެ އިތުރުން މުޖްތަމަޢާއި ސަރުކާރުގެ ވެސް ޒިންމާއެއް ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ، ތަޢުލީމީ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުން ވަރަށް މުހިންމު ކަމަށާއި އެ ފުރުޞަތުތައް ހޯދުން ވެސް ވަރަށް މުހިންމު ކަމަށެވެ.
" އެހެންނޫނީ ފަހުން ލިބެން ހުންނަ ފުރުޞަތުތައް ހަނިވެގެން ހިނގައިދާނެ"
advertisment
ހިޔާލު