އަންނަ ދިރާސީ އާ އަހަރު މާލޭގެ ސްކޫލްތަކުގެ ގުރޭޑް އެކަކަށް 3،000 އ ގާތްކުރާ އަދަދަކަށް ކުދިން ވަންނާނެ ކަމަށް ބެލެވޭ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިޔުކޭޝަން އޮފިސަރު، އަހުމަދު ނަސީމް ރޭ ރާއްޖެމިއަދުގައި ވިދާޅުވީ، މާލޭގެ ސްކޫލްތަކުގެ ގުރޭޑް އެކަކަށް ވަންނަން ފޮމް ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު، 3،000 ކުދިންނަށް ޖާގަދޭންޖެހޭނެ ކަމަށް ބެލެވޭކަމަށާއި، ފާއިތުވި 15 ދުވަހުގެ ތެރޭގައި ފޯމް ހުށަހެޅި ދަރިވަރުންގެ އަދަދު 2،000ން މަތި ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރު ސްކޫލްތަކުގެ ގުރޭޑް އެކަކަށް ވަންނަން ހުށަހަޅަންޖެހޭ ފޯމާ ގުޅޭ ގޮތުން ޔޫކޭޖީ ދަރިވަރުންގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ޝެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ސްކޫލްތަކަށް ވަންނަން އެދި ހުށަޅަންޖެހެނީ އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ޚާއްޞަ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ.
ނަސީމް ވިދާޅުވި ގޮތުގައި ހުށަހެޅި ފޯމްތަކައް ބަލައި، ޖާގަ ދޭނެ ސްކޫލްތައް ކަނޑައަޅައި، ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އަންގާނެ ކަމަށެވެ.
ދިރާސީ އާ އަހަރު މާލޭގެ ސްކޫލްތަކަށް ކުދިން ވެއްދުމުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާއިރު، އަތޮޅުތަކުގެ ސްކޫލްތަކަށް ކުދިން ވެއްދުމުގެ ކަންތައްތައް ކުރިއަށް ގެންދަނީ އެ ސްކޫލަކުންނެވެ.
2022-2023 ވަނަ އަހަރުގެ ދިރާސީ އަހަރު، ގުރޭޑްތަކަށް ދަރިވަރުން ވެއްދުމުގައި ބަލާނެ އުމުރާއި ސްކޫލް ބަދަލުކުރުމުގައި އުމުރު ބެލުމުގައި އަމަލުކުރާނެ އުޞޫލު ކަނޑައަޅައި އެކަން ހުރިހާ ސްކޫލްތަކަށް ސާކިއުލާއަކުން ވަނީ އަންގާފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވާ ގޮތުން، ބޭބީ ނާސަރީއަށް ވައްދާނީ އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހަށް ދެ އަހަރު ފުރި ތިން އަހަރު ނުފުރޭ ކުދިންނެވެ. ނާސަރީއަށް ވަންދާނީ އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހަށް ތިން އަހަރު ފުރި ހަތަރު އަހަރު ނުފުރޭ ކުދިންނެވެ. އެލްކޭޖީއަށް ވައްދާނީ، 2022 ގެ ޖުލައި މަހުގެ 31 ވަނަ ދުވަހަށް ހަތަރު އަހަރު ފުރި ފަސް އަހަރު ނުފުރޭ ކުދިންނެވެ. ގުރޭޑް އެކަކަށް ވައްދާނީ ދެ އަހަރުގެ ފްރީ ސްކޫލް ޕްރޮގްރާމް ފުރިހަމަކޮށް، 2022 ގެ ޖުލައި މަހުގެ 31 ވަނަ ދުވަހަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިންނެވެ.
އެ ސާކިއުލާގައި ބުނެފައި ވަނީ 2022-2023 ވަނަ އަހަރުގެ ދިރާސީ އަހަރު އެލްކޭޖީއާއި ޔޫކޭޖީގެ އިތުރުން ގުރޭޑް އެކަކަށް ކުދިން ވެއްދުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރާނީ އެޑިޔުކޭޝަން މިނިސްޓްރީއަށް ލިޔުމުން، އެ ސްކޫލަކުން ހުށހަޅައިގެންނެވެ.
advertisment
ހިޔާލު