ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި " ކޮމިއުނިޓީ ސްކައުޓް ހަރަކާތް" ފަށަނީ

ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި " ކޮމިއުނިޓީ ސްކައުޓް ހަރަކާތް" ފަށާނެ ކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުނެފިއެވެ.

ސްކައުޓް އެސޯސިއޭޝާންގެ ރައީސް މުޙައްމަދު ނަޒީފު ވިދާޅުވީ، ޤައުމަށް ދިމާވެގައިވާ އިޖްތިމާއީ މައްސަލަތައް، ޒުވާނުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ސްކައުޓް ހަރަކާތައް ކުޅެވިދާނެ ރޯލު ވަރަށް ބޮޑު ކަމަށާއި، އެކަމުގައި ދައުރެއް އޮތްކަން އެއީ ޝައްކެއް އޮތް ކަމެއްނޫން ކަމަށެވެ.

ސްކައުޓް ހަރަކާތް ރާއްޖޭގައި މިހާރަށްވުރެ ފުޅާ ކުރެވިއްޖެނަމަ ދިވެހި މުޖްތަމަޢުގެ ތެރޭގައި ހުރި އިޖްތިމާޢީ ގިނަ މައްސަލަތަކަށް ޙައްލު ހޯދޭނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ވިދާޅުވެ އެމަނިކުފާނުގެ ތަޞައްވަރު ވަނީ ރާއްޖޭގެ ސްކައުޓުން އުފެދުނުތާ 66 އަހަރު ފުރުމާ ގުޅިގެން ރޭ ބޭއްވި ޖަލްސާގައި ހާމަކޮށްދެއްވާފައެވެ.

ރައީސްގެ އެ ތަޞައްވުރަށް އިޝާރާތް ކުރައްވައި ނަޒީފު ވިދާޅުވީ، އެކަމަށް އޮތް ހައްލަކީ ކޮމިއުނިޓީގެ ތެރެއަށް ސްކައުޓް ހަރަކާތް ފުޅާކުރުމެވެ. މިއަދާ ހަމައަށް ސްކަކައުޓް ހަރަކާތް މި އޮތީ ސްކޫލް ބޭސްޓް ހަރަކާތެއްގެ ގޮތުގައި ކަމަށާއި، އެކަމަކު ދުނިޔޭގެ ބައެއް ގައުމުތަކުގައި ސްކައުޓް ހަރަކާތަކީ ކޮމިއުނިޓީ ބޭސްޓް ހަރަކާތެއް ކަމަށް ނަޒީފު ވިދާޅުވިއެވެ.

ނަޒީފު ވިދާޅުވީ ރައީސްގެ ވާހަކަފުޅުގައި، ސްކައުޓް އެސޯސިއޭޝަނަށް އެހީތެރިވާނެ ކަމަށް ވިދާޅުވުމަކީ ލިބުނު ވަރަށް ބޮޑު އުއްމީދެއް، ހިތްވަރެއް ކަމަށެވެ.

"އެ ހިތްވަރާއެކު އަޅުގަނޑު ޔަގީންކަން އަރުވާ ކަމަކީ އަޅުގަނޑު އެކަންކުރާނަން. މަނިކުފާނުގެ ތަޞައްވަރު އިރާދަކުރެއްވިއްޔާ ޙާޞިލްކުރާނަން" ނަޒީފު ވިދާޅުވިއެވެ.

" ﷲ އިރާދަކުރެއްވިޔާ މި އަހަރު ހަތަރު ސަރަހައްދެއްގައި ކޮމިއުނިޓީ ހަރަކާތް ފަށާނަން. އަޅުގަނޑުވެސް ކުރާ އުއްމީދަކީ އިޖްތިމާއީ މައްސަލަތަކުގެ ފަރުވާއެއްގެ ގޮތުގައި ސްކައުޓް ހަރަކާތް ފުޅާވެގެން ދިއުން."

ނަޒީފު ވިދާޅުވީ، އެކަން ކުރުމުގައި އިދާރީ ގޮތުން ވެސް ގޮންޖެހުންތައް އެބަހުރި ކަމަށާއި، ކުރަންޖެހޭ މަސައްކަތް ވަރަށް ބުރަ ކަމަށެވެ.

" ވަރަށް ގަދައަޅައި މަސައްކަތެއް ކުރަންޖެހޭ. އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ވެސް ވަރަށް ގިނަ"

ރައީސް ސޯލިހު ވަނީ ސްކައުޓް އެސޯސިއޭޝަނުން ހުށަހަޅާފައިވާ ކަންތައްތައް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ސްކައުޓް ޖަމްބަރީ އާއި ކޭމްޕް ދާނެ ރަށެއް މާލެ ސަރަޙައްދުން ހަމަޖައްސަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *