ކޭމްޕް، ޖަމްބަރީފަދަ ހަރަކާތްތަކަށް ދަތުރުދާނެ ރަށެއް މާލެ ކައިރި ސަރަޙައްދަކުން ހަމަޖައްސަނީ

ސްކައުޓް ކޭމްޕް ޖަމްބަރީ ފަދަ ހަރަކާތްތަކަށް ދަތުރުދާނެ ރަށެއް މާލެ ކައިރި ސަރަޙައްދަކުން ކަނޑައަޅާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ސްކައުންޓް ހަރަކާތަށް 66 އަހަރުފުރޭ މުނާޞަބާ ފާހަގަކުރުމަށް މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ސްކައުޓް ގާލާ ނައިޓްގައި ޗީފް ސްކައުޓްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ، ޖަމްބަރީފަދަ ހަރަކާތްތައް ބޭއްވުމަށް ކުރިންވެސް އޮތްފަދައިން މާލެ ކައިރި ސަރަޙައްދުން ދަތުރުދާނެ ރަށެއް އެޑިއުކޭޝަން މިނިސްޓްރީއާ ލަސްތަކެއްނުވެ ހަވާލުކޮށްދެއްވާނެ ކަމަށެވެ. ކޭމްޕް ފަދަ ހަރަކާތްތަކަށް ކުރިން ޚާއްޞަ ކޮށްފައި އޮތީ މާލެ ކައިރީގައި އޮތް ފޭދޫ ފިނޮޅެވެ. އެރަށް ރިސޯޓެއްގެ ގޮތުގައި ތަރަޤީކުރަން ސަރުކާރުން ވަނީ ކުއްޔަށް ދީފައެވެ.

ސްކައުޓް ހަރަކާތް ރާއްޖޭގައި މިހާރަށްވުރެ ފުޅާ ކުރެވިއްޖެނަމަ ދިވެހި މުޖްތަމަޢުގެ ތެރޭގައި ހުރި އިޖްތިމާޢީ ގިނަ މައްސަލަތަކަށް ޙައްލުހޯދޭނެ ކަމަށެވެ.

"ދިވެހި މުޖްތަމަޢުގައި އަށަގަނެފައިވާ މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގު ކުށްތަކާއި ގެވެށި އަނިޔާގެ މައްސަލަތަކާއި ޖިންސީ ގޯނާގެ މައްސަލަތަކަށް ވެސް، އެދެވޭ ޙައްލެއް ފެންނާނެ" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ސްކައުޓް ހަރަކާތް ޢާންމުގޮތެގައި ކުރިޔަށްގެންދަނީ ސްކޫލް ކުދިންގެ މެދުގައި ގްރޭޑް 10 ނުވަތަ ގްރޭޑް 12 ނިމެންދެން ކަމަށާއި، އޭގެ ފަހުން އެފަދަ އެއްވެސް ހަރަކާތެއްނެތި ހުސްކަމެއްގެ ތެރޭގައި ކުދިން ތިބެންޖެހުމުން މަސްތުވާތަކެއްޗާއި ގޭންގްކުށްތަކާއި އަދި އެ ނޫންވެސް މުޖުތަމަޢުގައި ހުރި ނުރަނގަޅު ކަންކަމުގެ ތެރެއަށް ކުދިން ވަންނަން މެދުވެރިވާކަން އެމަނިކުފާނު ރައީސް ވަނީ ރޭ ފާހަގަކުރައްވާފައެވެ.

"ޒުވާނުންގެ ތެރޭގައި، މިފަދަ ހުސްކަމެއްގައި ބާކީވެފައި ތިބި ޒުވާނުންނަށް ސްކައުޓް ޙަރަކާތް އަމާޒުކުރެވިއްޖެ ނަމަ، ނޭދެވޭ ކަންކަމާ ޒުވާނުންދުރުކޮށް، އެފަދަ ކަންކަމުގެ ތެރޭގައި ޝާމިލުވާ ޒުވާނުންގެ ޢަދަދު މަދުކުރެވިދާނެ" ރައީސް ސޯލިހު ވިދާޅުވިއެވެ.

" ސްކައުޓް ޙަރަކާތުގެ ޙަޤީޤީ ބޭނުމަކީ މިފަދަ އިޖްތިމާޢީ މައްސަލަތަކަށް ޙައްލު ހޯދައިދީ ޤައުމު ބިނާކުރުމަށް އަހުލުވެރިވެފައިވާ ޒުވާނުންތަކެއް ތައްޔާރުކޮށްދިނުން"

ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނު ފާހަގަކުރެއްވި ކަންކަމަށް އަމާޒުކޮށްގެން ސްކައުޓް ޙަރަކާތްތައް ރާއްޖޭގައި ފުޅާކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އެމަނިކުފާނު ފާހަގަކުރެއްވި ކަންކަމުގެ މައްޗަށް ވިސްނުން ގެންގުޅުއްވުމަށް ސްކައުޓް ޙަރަކާތުގެ އިސް ބޭފުޅުންނާއި ސްކައުޓް ކައުންސިލުގެ ބޭފުޅުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ޖަލްސާގައި، ސްކައުޓް ޙަރަކާތުގެ އެންމެ މަތީ ޝަރަފުކަމުގައިވާ "ސިލްވަރ ޓޫނާ" އެވޯޑް ޙާޞިލުކުރެއްވި ސްކައުޓުންނާއި ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް އެވޯޑް ޙާޞިލުކުރި ސްކައުޓުންނަށް ބެޖާއި ޝަރަފުގެ ލިއުން ހަވާލުކޮށްދެއްވީ ޗީފް ސްކައުޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *