ޣާޒީ ސްކޫލްގެ ޖެމްސް ދަރިވަރުންގެ "ދަނޑު ވެށި" ޕްރޮގްރާމް ފަށައިފި

ޣާޒީ ސްކޫލްގެ ޖެމްސް ދަރިވަރުންގެ "ދަނޑު ވެށި" ޕްރޮގްރާމް ފަށައިފިއެވެ.

ޣާޒީ ސްކޫލްގެ ލީޑިން ޓީޗަރު، އަމީނާ މުޙައްމަދު ވިދާޅުވީ، ދަނޑު ވެށި ޕްރޮގްރާމަކީ އެ ސްކޫލްގެ ޖެމްސް (ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުން)ނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެއްގެ ތެރޭގައި ހިމެނޭ އެއްބައި ކަމަށެވެ.

" ދަނޑުވެރިކަމުގެ މަސައްކަތަށް އެކުދިން އަހުލުވެރިކޮށް، ގަސްއިންދާ ބަލަހައްޓާނެ ގޮތް ދަސްކޮށްދެވޭނެ. މި ޕްރޮގްރާމް ކުރިއަށް އޮތް ތަނުގައި ފުޅާކޮށް، އާމްދަނީ ވެސް ލިބޭ ގޮތަށް ކުރިއަށް ގެންދާނެ" އަމީނާ ވިދާޅުވިއެވެ.

އަމީނާ ވިދާޅުވި ގޮތުގައި، ދަނޑު ވެށީގައި، ޖެމްސްގެ 12 އަހަރުން މަތީގެ 27 ދަރިވަރުން ބައިވެރިވާ ކަމަށާއި، ގަސްއިންދުމާއި، ގަސްތަކަށް ފެންދީ ބަލަހައްޓާނީ ވެސް ޓީޗަރުންގެ އެހީތެރިކަމާއެކު އެކުދިންނެވެ.

" ކޮންމެ ދުވަހަކުވެސް ކަނޑައަޅާ ގުރޫޕެއްގެ ކުދިން އައިސް ފެންދީ ގަސްތައް ބަލަހައްޓަން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ. ކޮންމެ ދުވަހަކުވެސް އެކަަމަށް ވަކި ވަގުތެއް ހުސްކޮށްފައި ވާނީ" އަމީނާ ވިދާޅުވިއެވެ.

އަމީނާ ވިދާޅުވި ގޮތުގައި މި ޕްރޮގްރާމުގެ ތެރެއިން އިންދާނީ އާމްދަނީ ލިބޭ ގަސްތަކަށް އިސްކަންދީގެންނެވެ.

" އާންމުކޮށް މީހުން ބޭނުންކުރާ، މިރުސް، ކޮޕީފަތް ފަދަ ބާވަތްތައް ވެސް އިންދާނެ، އޭގެ އިތުރުން މާ އަޅާ ގަސްވެސް އިންދާނެ" އަމީނާ އިތުރަށް ފާހަގަކުރެއްވިއެވެ.

" ބޭނުމަކީ އެކުދިންގެ އަމިއްލަ މަސައްކަތުން ގަސްތައް އިންދައި، ހައްދައި އާމްދަނީއެއް ލިބޭ ވަރަށް، އެ ހުރިހާ މަރުހަލާއެއްގައި ހިނގާ ކަންތައްތައް ވެސް އެކުދިންނަށް ދަސްކޮށްދިނުން. ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރުންތަކަކަށް މި ޕްރޮގްރާމުގެ ތެރެއިން ހެދުން"

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *