ފާއިތުވި ދެ އަހަރުގެ އިނާމްދިނުމުގެ ޖަލްސާތައް ސްކޫލްތަކުން ބާއްވަމުންދާޢިރު، އޭގެ ތެރެއިން ވެސް އދ. ފެންފުށީ ސްކޫލުން ބޭއްވި ޖަލްސާ މާބޮޑަށް ވެސް ދިވެހިވަންތައެވެ. މިފަދަ ޖަލްސާތަކުން އުފެއްދުންތެރި އެތައް ޚިޔާލުތައް ގެންނަމުންދާއިރު، ފެންފުށީ ސްކޫލުން ބޭއްވި އިނާމް ދިނުމުގެ ޖަލްސާއިން ފެނުނީ ދިވެހި ސަޤާފަތެވެ. ދިވެހި ވަންތަކަމެވެ.
މެހުމާނުންނާއި ޝަރަފުވެރި އިނާމް ހޯދި ދަރިވަރުންނަށް މަރުޙަބާ ދެންނެވުމަށް އެ ސްކޫލްގެ ދޮރާށިން ފެށިގެން ޖަލްސާ ބޭއްވި ހޯލުން ވެސް ފެނުނީ މި މަންޒަރެވެ. ސްކޫލްގެ މޫނުމަތި ބަދަލުކޮށްލާފައި ވަނީ ކުރީ ޒަމާނުގެ ގެއެއް ސިފައަށެވެ. ދޮރުގެ ދެ ފަރާތުގައި ޖަހާފައި ހުރީ ފަންގިއެވެ. ދޮރުގެ މަތި އޮތީ ފަނުން ހިޔާކޮށްފައެވެ.

ސްޓޭޖް މަތިން ވެސް ފެންނަން ހުރީ ދިވެހިންގެ އާންމު ދިރިއުޅުމުގައި ފެންނަ ތަކެއްޗެވެ. ޖޯލިފައްޗާއި، އުނދޯންޏާއި، އަށިގަނޑާއި، އާންމު ގެއެއްގެ ބޭރުން ފެންނާނެ މަންޒަރެވެ. ޒީނަތްތެރިކުރަން ވެސް ބޭނުންކޮށްފައި ވަނީ ދިވެހި އުފެއްދުންތަކެވެ. ރުކުގެ އެކިބައިތަކެވެ. އެތުމަލާއި އިހަލާއި ފުޅައްޕެވެ. ގޭގައި ގެންގުޅޭ ހިފާގެންގުޅޭ ކަންވާރެވެ.

ފެންފުށީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ޚާލިދު ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލްގެ އަހަރީ ދުވަހުން ފެނިގެން ދިޔަ ހުރިހާ މަސައްކަތަކީ އެ ސްކޫލްގެ އާއިލާގެ ޚިޔާލާއި މަސައްކަތެވެ. އެކަމުގައި އިސްނެންގެވީ މުދައްރިސުންނެވެ. އެކަމުގައި ބައިވެރިވީ ހުރިހާ ސްޓާފުންނާއި ދަރިވަރުންނެވެ.
" އިނާމް ދިނުމުގެ ޖަލްސާ ވަކި ތީމެއްގެ ދަށުން ބާއްވަން ނިންމައި، ދިވެހި ވަންތަ ގޮތަކަށް ގެންދަން ބޭނުންވީ" ޚާލިދު ވިދާޅުވިއެވެ.
ފެންފުށީ ސްކޫލްގައި 250 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު