ފުލުހުންގެ ޚިދުމަތާ ގުޅެން ބޭނުންވާ ޒުވާނުންނަށް " އޯޕަންޑޭ" އެއް އައްޑޫ ސިޓީގައި ބާއްވަނީ

ފުލުހުންގެ ވަޒީފާއަށް ހުޅުވާލާފައިވާއިރު، ޒުވާނުންނަށް ޚާއްޞަކޮށްގެން " އޯޕަންޑޭ" އެއް އައްޑޫސިޓީގައި ބާއްވަން ފުލުހުންގެ އިދާރާއިން ނިންމައިފިއެވެ.

މި އޯޕަންޑޭ، ނޭޝަނަލް ކޮލެޖް އޮޕް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓްގައި، މި މަހުގެ 28 ވަނަ ދުވަހު ހަވީރު، 3:00 ން 6:00 އަށް ބާއްވާއިރު، އޯލެވެލް ފުރިހަމަކޮށްފައިވާ ހުރިހާ ފަރާތްތަކަށް ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު އޮންނާނެ ކަމަށް ފުލުހުން ބުނެއެވެ. ކުރިމަތިލާން ފޯމް ހުށާހަޅާއިރު، އައިޑީކާޑުގެ ކޮޕީއަކާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ފުލުހުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، ވަޒީފާއަށް އެދި ހުށަހެޅޭނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

އޯޕަންޑޭގެ މައުލޫމާތު ހާމަކުރަމުން އެ އިދާރާއިން ބުނެފައި ވަނީ، އޮޕަރޭޝަނަލް ދާއިރާ، ފޮރެންސިކް ސާވިސަސް، އިންވެސްޓިގޭޝަން، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލިޖީ، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، އިންފްރާސްޓްރަކްޗަރ އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ފަދަ ދާއިރާތަކުން ކުރިއަށް ދިއުމުގެ ފުރުޞާތު އޮތް ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *