ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށް ދެވޭ ސްކޮލަރޝިޕް ގައި ހޮވުނު ފަސް ފަރާތްތަކަށް ލިޔުން ހަވާލުކޮށްފި

ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށް ދެވޭ ސްކޮލަރޝިޕް ގައި ހޮވުނު ފަސް ފަރާތްތަކަށް މިއަދު ލިޔުން ހަވާލުކޮށްފި އެވެ.

ލިޔުން ހަވާލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ހޮވުނު ފަސް ޑޮކްޓަރުންނަށް މަރުހަބާ ދަންނަވާ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވަރަށްބޮޑު ތަސައްވުރެއް ކަމަށެވެ. ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށް ދެވޭ ސްކޮލަރޝިޕް ޕްރޮގްރާމް އިއުލާން ކުރިއިރުގައި ވަކި ތަންތަނަށް ޚިދުމަތްކުރަން ޝަރުތު ކުރެއްވީ އެ މަގުސަދު ހާސިލު ކުރުމަށްޓަކައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

" އެއީ އަތޮޅު ތެރޭގައި ދިވެހި ރައްޔިތުންނަށް އަތޮޅުގައި ތިބެގެން ކައިރި ހިސާބުން ފެންވަރު ރަނގަޅު ފުރިހަމަ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުން އެއީ ސަރުކާރުގެ އަމާޒެއްކަމުގައި ވާތީއާއި ވެސް އެކު." މިނިސްޓަރ ވިދާޅުވި އެވެ.

މި މަސައްކަތުގައި މިނިސްޓްރީ އޮފް ހެލްތު އޮނަރަބަލް އަހުމަދު ނަސީމް ބެހެއްޓެވި ގާތްކަމާއި ދެއްވި އެއްބާރުލުމަށް މިނިސްޓަރ ޝުކުރު އަދާކުރެއްވި އެވެ. މިނިސްޓަރ ވިދާޅުވީ ހެލްތު މިނިސްޓްރީއާއި ގާތުން މަސައްކަތް ކުރަނީ ސަރުކާރުގެ ސިއްހީ ދާއިރާގެ މެންޑޭޓް ތަންފީޒު ކުރުމުގައި މީހުން ބިނާކުރުމުގެ ދާއިރާއިން ކޮށްދެވޭނެ ކަންތައްތައް އެންމެ ރަނގަޅަށް އަދި އެންމެ ފުރިހަމައަށް ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

" އަޅުގަނޑުމެންގެ މަގުސަދަކީ ސަރުކާރުގެ އެހެން ވުޒާރާތަކުން ވެސް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށްޓަކައި އެކަމާ ގުޅުންހުރި ވުޒާރާއަކުން ގާތްކޮށް މަސައްކަތް ކޮށްގެން އެ މަގުސަދު ހާސިލު ކުރުން. ހެލްތު މިނިސްޓްރީއާއެކު އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތް އެބަ ކުރެވޭ. މި ދާއިރާއިން ވަރަށް ސްޕެޝަލައިޒްޑް ޕްރޮގްރާމްތައް އެބަ ކުރެވޭ. މީހުން ހޯދަން މަސައްކަތް ކުރެވޭ. މެންޓަލް ހެލްތު ސްކޮލަޝިޕްތައް އަޅުގަނޑުމެން އިއުލާން ކުރިން. ސްޕެޝަލައިޒްޑް ޑޮކްޓާސް ހޯދސަން އަޅުގަނޑުމެން އިއުލާން ކުރިން. އެހެންވީމަ ވަރަށް ބޮޑު ސަމާލުކަމެއް މި ދާއިރާއަށް ދެވިގެން ދޭ." މިނިސްޓަރ ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ތަރައްގީއަށް އެންމެ ބޭނުންތެރި ދާއިރާތަކުން މީހުން ބިނާ ކުރުމަށްޓަކާ ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށް 15 ސްކޮލަރޝިޕް ފުރުޞަތު މިނިސްޓްރީން ހުޅުވާލީ 11 މާރިޗް 2022 ގައެވެ. އެ މުއްދަތުގައި 10 ފަރާތެއް ވަނީ އެޕްލިކޭޝަން ހުށައަޅާފަ އެވެ. އޭގެ ތެރެއިން ސްކޮލަޝިޕް ލިބުނީ ފަސް ފަރާތަކަށެވެ.

މިނިސްޓަރ ވިދާޅުވީ މިކަހަލަ ފުރުސަތަކަށް ކުރިމަތިލައްވާނީ އެނބުރި ވަޑައިގެން ޚިދުމަތް ކުރަންޖެހޭ ތަނަށް ރުހި ގަބޫލުވެގެންކަން ގަބޫލު ކުރައްވާ ކަމަށާއި ހުރިހާ ބޭފުޅުން ކުރިމަތި ލެއްވި ތަންތަނަށް އެނބުރި ވަޑައިގެން ޚިދުމަތް ކޮށްދެއްވާނެ ކަމަށް އުފަލާއެކު ފާހަގަކުރައްވާކަމަށެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ބައިވެރިވަޑައިގެން އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝާހު މާހިރު ވިދާޅުވީ

މިވަގުތު ހެލްތު ސެކްޓާ ފުޅާކޮށް ރައްޔިތުންނަށް ގާތުން ޚިދުމަތްދޭން ބަލާލާއިރު އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޑޮކްޓަރުން ސްޕެޝަލިސްޓުން އަދި ނަރުހުން އަދި އެހެނިހެން ދާއިރާތަކުން މީހުން މަދުވުން ކަމަށެވެ.  ވޭތުވެދިޔަ އަހަރުތަކުގައި އެދެވޭ ވަރަށް މިކަންތައް ނުކުރެވި  އޮތް ކަމަށާއި އެހެން ނަމަވެސް މި ސަރުކާރުން މިހާރު ވަރަށް ބާރަށް ކުރާ މަސައްކަތުގައި އެންމެ ކުރީ ސަފުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުންނާއި އެކު މި މަސައްކަތް ދާތީ ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ. އަދި އެކަން ފާހަގަކޮށް އެ މަސައްކަތުގެ ފޮނި ނަތީޖާ ކުރިއަށް އޮތް އަހަރުތަކުގައި ލިބޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށް ދެވޭ ސްކޮލަރޝިޕް އަކީ ރާއްޖޭ ވަކި ހޮސްޕިޓަލްތަކެއްގައި މަސައްކަތް ކުރާނެ ވަކި ދާއިރާތަކަކުން ތަމްރީނުވެފައިވާ ޑޮކްޓަރުން ތައްޔާރުކުރުމަށް  ހުޅުވާލެވުނު ފުރުސަތު ތަކެކެވެ.

 އެ ދާއިރާތަކާއި ހޮސްޕިޓަލް ތަކަކީ؛

1. އިންޓާރނަލް މެޑިސިން ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް

2. އެނެސްތިސިއޮލޮޖީ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް

3. އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސާރޖަރީ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް

4. ގެސްޓްރޮއެންޓޮލޮޖީ އެންޑް ހެޕަޓޮލޮޖީ، ހުޅުމާލެ ހޮސްޕިޓަލް

5. މެޑިކަލް އޮންކޮލޮޖީ، ހުޅުމާލެ ހޮސްޕިޓަލް

6. ގެސްޓްރޮއެންޓޮލޮޖީ އެންޑް ހެޕަޓޮލޮޖީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

7. ޕީޑިއެޓްރިކް ނިއުރޮލޮޖީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

8. ނެފްރޮލޮޖީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

9. އޮފްތަލް މޮލޮޖީ، ލ. ގަން ރީޖަނަލް ހޮސްޕިޓަލް

10. ޑާރމަޓޮލޮޖީ، ލ. ގަން ރީޖަނަލް ހޮސްޕިޓަލް

11. ނިއޯނޭޓޮލޮޖީ ، ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް

12. ޕަލްމޮނޮލޮޖީ ، ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް

13. ނެފްރޮލޮޖީ ،ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް

14. އެންޑޯކްރިނޮލޮޖީ އެންޑް ޑައެބެޓިކްސް ،ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

15. ގައިނޮކޮލޮޖީ، މ.މުލީ ރީޖަނަލް ހޮސްޕިޓަލް

ސްކޮލަރޝިޕް ލިބުނު ފަސް ފަރާތްތަކާއި ބޮޑންޑު ކުރެވޭ ހޮސްޕިޓަލްތައް:
1. ޑރ. ހައްވާ ނާޖިޒާ އޮފްތަލް މޮލޮޖީ ލ. ގަން ރީޖަނަލް ހޮސްޕިޓަލް
2. ޑރ. ފާތިމަތު އާލިމާ ފަރީދު އެނެސްތިސިއޮލޮޖީ އައްޑު އިކުއިޓޯރިއަލް ހޮސްޕިޓަލް
3. ޑރ. އައިޝަތު ޝިއުރާ ޑާރމަޓޮލޮޖީ ލ. ގަން ރީޖަނަލް ހޮސްޕިޓަލް
4. ޑރ. މަރިޔަމް ޝިޔާރާ ސަޢުދީ ގައިނޮކޮލޮޖީ މ.މުލީ ރީޖަނަލް ހޮސްޕިޓަލް
5. ޑރ. މއައިޝަތު އިނާޝާ ނަޞީރު އިންޓާރނަލް މެޑިސިން އައްޑު އިކުއިޓޯރިއަލް ހޮސްޕިޓަލް

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *