މެލޭޝިޔާގައި ދިރިއުޅޭ ދަރިވަރުންނަށް އެސްއެސްސީ އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖައްސައިފި

މެލޭޝިޔާގައި ދިރިއުޅޭ ދަރިވަރުންނަށް މެލޭޝިޔާގައި އެސްއެސްސީ އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖައްސައި، އެކަން އިފުތިތާހުކޮށްފިއެވެ. މި ކަމަށް ބޭއްވި ރަސްމިއްޔާތަށް ފަހު މިނިސްޓަރ ވަނީ މެލޭޝިއާގައި ދިރިއުޅޭ ބައެއް ދިވެހިންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އެ ޤައުމުގައި ތިބި ދިވެހި ކުދިންނަށް އިސްލާމާއި ދިވެހި ކިޔަވައިދިނުމުގައި ދިމާވާ ދަތިިތަކާ އަދި އެކަންތައް ޙައްލުކުރުމަށް މިނިސްޓްރީއިން ކުރެވިދާނެ ކަންތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މެލޭޝިޔާގައި 3000 ދިވެހިން ދިރިއުޅެމުންދާއިރު، އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ ދަރީންނަށް ކިޔަވައިދިނުމަށްޓަކައި ނުވަތަ ކިޔެވުމަށްޓަކައި މި ޤައުމުގައި ދިރިއުޅޭ ދިވެހީންނެވެ. 
މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، މެލޭޝިޔާގައި ދިއިރުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ވިދާޅުވީ، އެގައުމުގައިު ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އެސްއެސްސީ އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބެލެނިވެރިން މީގެ ތިން އަހަރު ކުރިން އެދިފައިވާ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ، ބެލެނިވެރީންގެ އަދި އަޅުގަނޑުމެންގެވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދިވެއްސާއި އިސްލާމް ކިޔެވުމުގެ ފުރުސަތު މަދަރުސީ މަރުހަލާގައި ފަހިވެފައި ނެތުމުން ދަރިވަރުން އަޅުގަނޑުމެންގެ ބަހާ އަދި ދީނާ ދުރުވެގެން ދިއުން ކަމަށެވެ.

" އިސްލާމީ ތަރުބިއްޔަތާއި ދިވެހި ބަހަކީ، ދިވެހިވަންތަކަމުގެ އެންމެ މުހިއްމު ދެ ރުކުން. ދިވެހިރާއްޖޭގެ އައިޑެންޓިޓީގެ މުހިއްމު ދެ ތަނބު. އެހެންކަމުން، ދުރުވިސްނޭ ބައެއް ބެލެނިވެރީން، ބޭރުގައުމުތަކުގައި އުޅޭ އިރުވެސް މި ދެ މާއްދާ ކުޑަކުދީންނަށް ކިޔަވައިދެއްވުމަށް ސަމާލުކަމެއް ދެއްވާ. އަދި، ދިވެހިބަހުން ގޭތެރޭގައި ވާހަކަ ދެއްކުމަށް ވެސް އިސްކަމެއް ދެއްވާ. ނަމަވެސް ރަސްމީ ނިޒާމެއްގެ ތެރެއިން އެ ފުރުސަތު ފަހިވެފައި ނެތުމުން އެކަމުގައި ދަތިތަކެއް މެދުވެރިވޭ"

މިނިސްޓަރު ވިދާޅުވީ، ބެލެނިވެރިންގެ ދެވަނަ ކަންބޮޑުވުމަކީ މެލޭޝިޔާއިން މަދަރުސީ ތަޢުލީމު ހާސިލު ކުރާ ދަރިވަރުންނަށް ދިވެހި އަދި އިސްލާމް މާއްދާގެ ފާހެއް ނެތުމުން ދިވެހިރާއްޖެއިން ވަޒީފާގެ ފުރުސަތުތައް ހަނިވުމެވެ. އަދި ރާއްޖޭގައި ހިންގާ ބައެއް މަތީ ތަޢުލީމުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ހަނިވުމެވެ.

" ސަރުކާރުގެ ގިނަ ވަޒީފާތަކަށް ވަނުމަށާއި ރާއްޖޭގައި ހިންގާ މަތީ ތަޢުލީމުގެ ބައެއް ކޯސްތަކަށް ވަނުމަށް އެސްއެސްސީ ފާސް މުހިއްމު. މިއީ ހުރިހާ ޤައުމެއްގައި ވެސް، މިކަންކަން އޮންނަ ގޮތް. މިސާލަކަށް ނޭޕާލުގައި މެޑިސިން ކިޔަވާ ކުދިން، ބަލިމީހުންނާ ބައްދަލުވުމުގެ ކުރީން، ނޭޕާލްބަހަށް ފަރިތަވާންޖެހޭ. ބައެއް ޤައުމުތަކުގައި، މާދަރީ ބަސް ރަނގަޅަށް ނޭނގޭނަމަ، ހޮސްޕިޓަލްތަކުގައި އިންޓާންޝިޕް ހެދުމުގެ ފުރުޞަތެއް ނުދޭ" ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

" މިއަދު މާތް ﷲގެ އިރާދަފުޅާއެކު ބެލެނިވެރިންގެ މި ކަންބޮޑުވުންތަކަށް މިވަނީ ހައްލެއް ހޯދައިދެވިފައި. މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ މެލޭޝިޔާގައި ތިބެގެން ދިވެހި އަދި އިސްލާމް މާއްދާގެ އެސްއެސްސީ އިމްތިހާނުގައި ދިވެހި ކިޔަވައިކުދިން ބައިވެރިވުމުގެ ފުރުސަތު ފަހިވުން އިފްތިތާހުކުރުމުގެ މުނާސަބާ"

މެލޭޝިޔާގައި ކިޔަވަން އުޅޭ ދިވެހި ކުދީންގެ ތެރޭގައި ވަރަށް ތުއްތު އުމުރުން ފެށިގެން އެތަނުގައި ބޮޑެތިވާ ކުދީން އެބަތިބިކަން ބަޔާން ކުރައްވައި، އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގައި ނޫޅުނު ކަމުގައިވިޔަސް މިކުދީންނަށް އަޅުގަނޑުމެންގެ ސަގާފަތާ ބަހާއި ދީން އުނގަންނައިދިނުން މުހިންމު ކަމަށެވެ.

" އަޅުގަނޑުމެންގެ ދިވެހި ކޮންމެ ދަރިވަރަކީ ބަހާއި ސަގާފަތަށް އަހުލުވެރި އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވެ ބޮޑެތިވާ ދަރިވަރުންކަމުގައި ހެދުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެއް."

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ކުރިއަށް އޮތް އެސްއެސްސީ އިމްތިހާނުގައި މެލޭޝިޔާގައި ކިޔަވަމުންދާ ދިވެހި ހަ ދަރިވަރުން ބައިވެރިވާނެ ކަަމަށެވެ. މިދަރިވަރުން ވަނީ އޮންލައިން މަންސަތަކާއި އަދި އެކި އެކި މުދައްރިސުންގެ އެހީގައި އިމްތިހާނަށް ތައްޔާރުވެފައެވެ

މިނިސްޓަރު ވިދާޅުވީ، މެލޭޝިޔާގައި ދިރިއުޅޭ ދިވެހިރާއްޖޭގެ ދަރިވަރުން ދިވެހިބަހާއި އިސްލާމްދީނުގެ އުޞޫލުތަކަށް އަހުލުވެރިކުރުވުމަށް މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީއަށް ކުރެވޭނެ އިތުރު މަސައްކަތްތަކެއްވެސް އެބަހުރި ކަމަށެވެ. އެގޮތުން މި ކޮޅުގައި ޤާއިމްކުރެވިފައިވާ ކަލްޗަރަލް ސެންޓަރ ގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ކުރެވޭނީ ކޮންކަމެއްތޯ ބަލައި އެކަމުގައި ވެދެވެން އޮތް އެހީތެރިކަމެއް އެޑިޔުކޭޝަން މިނިސްޓްރީ އިން ފޯރުކޮށްދޭނެކަމުގައި މިިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި އެސްއެސްސީ އިމްތިހާނުތަކަށް ދަރިވަރުން ތައްޔާރުކުރުމަށް ފަންނީގޮތުން ފޯރުކޮށްދެވެން ހުރި އެހީތަކަކީ ކޮބައިތޯ ބަލާ އެކަމުގައިވެސް އެހީތެރިވެދޭނެ ކަމުގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *