ޕާލޭ އެއަރ ޗެލަންޖުގައި ބައިވެރިވާން ސްކޫލްތަކަށް ހުޅުވާލައިފި

ޕާލޭ އެއަރ ޗެލަންޖުގައި ބައިވެރިވި ސްކޫލަކުން އެއްކުރި ޕްލާސްޓިކްތައް މާލެ ފޮނުވަން ތައްޔާރުކޮށްފައި: މި ހަރަކާތުގެ ސަބަބުން ޕްލާސްޓިކަށް ނޫނެކޭ ބުނަން ދަރިވަރުންނަށް ދަސްކޮށްދެވޭ- ފައިލް ފޮޓޯ

އަހަރަކު އެއްފަހަރު ކުރިއަށް ގެންދާ ޕާލޭ އެއަރ ޗެލަންޖުގައި ބައިވެރިވުމުގެ ފުރުޞަތު ސްކޫލްތަކަށް ހުޅުވާލައިފިއެވެ. ސްކޫލްތަކުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ޕާލޭއާއެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފަހުމާމާއެއްގައި ދާދި ފަހުން ސޮއި ވެސް ކޮށްފައެވެ.

އުކާލާ ޕްލާސްޓިކުން ކަނޑުތައް ސަލާމަތް ކުރުމަށް، ހިލޭ ސާބަހަށް މަސައްކަތް ކުރާ ޕާލޭގެ ސްކޫލް އެއަރޗެލެންޖުގެ މަގުސަދަކީ އިންޓަރސެޕްޝަން ނުވަތަ ވެށްޓަށް ދިޔަނުދީ ޕްލާސްޓިކު ހިފެހެއްޓުމުގެ އިތުރުން، ޕްލާސްޓިކު ބޭނުންކުރުން ހުއްޓުމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި އުފެއްދުންތެރިކަމުގައި އާ ފަރުމާތަކަށް ބަދަލުވުމުގެ މަސައްކަތްތައް ވެސް ކުރުމަށް ބާރުއަޅައި ހިތްވަރުދިނުމެވެ.

އެއަރޗެލެންޖް ހަރަކާތަކީ އެވޮއިޑް، އިންޓަރސެޕްޓް، ރީޑިޒައިން މިއިން ކޮންމެ ކެޓަގަރީގެ ދަށުން އެއް އަހަރުދުވަހުގެ ތެރޭގައި ތަފާތު މަސައްކަތްތަކެއް ކޮށް ނިންމައި ރިޕޯޓުކުރުމުން ކަނޑައެޅިފައިވާ ޕޮއިންޓުތަކެއް ލިބެމުންދާގޮތަށް އިންތިޒާމުކުރެވިފައިވާ ހަރަކާތެކެވެ. ޕޮއިންޓް ތަކަށް ބިނާކޮށް އެކަށީގެންވާ އިނާމްތައް ވެސް ސްކޫލްތައް ޕާލޭއިން ދެއެވެ.

ޕާލޭއިން ބުނީ މި އަހަރު 138 ސްކޫލަކުން އެއަރ ޗެލަންޖުގައި ބައިވެރިވި ކަމަށާއި، އެ ހަރަކާތުގެ ތެރެއިން ވެށި ހިމާޔަތް ކުރުމާއި ޕްލާސްޓިކަށް ނޫނެކޭ ބުނުމުގެ އެތައް ހަރަކާތްތަކެއް ސްކޫލްތަކުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި ހަރަކާތްތަކުން، ދިރާސީ މި އަހަރުގެ ތެރޭގައި 1500 ގަސް އިންދައި، 25 ކިލޯމީޓަރުގެ ގޮނޑުދޮށް ސާފުކޮށް، 664،000 ޕްލާސްޓިކް އެއްކޮށްފައިވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *