ޖަމްޢިއްޔަތު ތަޙްފީޡިލް ޤުރުއާނިލް ކަރީމް އިން ހިންގާ ޙިފްޡް ޕްރޮޖެކްޓްގެ ކްލާސް ތަކުގައި ބައިވެރިވުމަށް އަނެއްކާވެސް ފުރުޞަތު ހުޅުވާލައިފިއެވެ.
ޕްރޮގްރާމް ކުރިއަށްގެންދަނީ، ޙިފްޡް ކުރުމުގެ އަވަސް މެތަޑެއް ބޭނުންކޮށްގެން ކޮންމެ ކުއްޖަކުވެސް ގިނަވެގެން އެއް އަހަރު ދުވަސް ތެރޭގައި މުޅި ޚަތިމް އެއްކޮށް ހިތުން ދަސްކުރާ ގޮތަށް ޚާއްސަ ޕްލޭނެއްގެ ދަށުންނެވެ. ޕްރޮގްރާމްގައި ކިޔަވައިދިނުމަށް ތަޖްވީދުގެ ޚާއްސަ މުޤައްރަރެއް ވަނީ ތައްޔާރުކުރެވިފައިވާކަމާއި، ތަޖްވީދުގެ ބައިތަކާއި އަދި ކީރިތި ޤުރުއާން ކިޔެވުމުގައި އަޑާއި ރާގު ގެންގުޅޭނެ ގޮތުގެ ތަމްރީން ތައް ވެސް ޕްރޮގްރާމްގެ ބައިވެރިންނަށް ދެވެމުންދާކަމަށް، އަޒްހީލް ބުނުއްވިއެވެ.
މީގެ 8 މަސް ކުރިން ހިލޭ ސާބަހަށް އޮންލައިންކޮށް ހިންގަން ފެށި ކީރިތި ޤުރުއާން ޙިފްޡް ޕްރޮޖެކްޓް ކުރިއަށްދަނީ ވަރަށް ކާމިޔާބު ކަމާއި އެކު ކަމަށް، މިޕްރޮގްރާމް ހިންގުމުގައި އިސްކޮށް މަސައްކަތް ކުރާ ޤުރުއާން ޓީޗަރ އަޒްހީލް އަޙުމަދު ފާހަގަކުރައްވާފައިވެއެވެ.
ވޭތުވެދިޔަ އަށް މަހުގެ ތަޖްރިބާ އަށް ބަލާއިރު، ބައެއް ބައިވެރިންނަށް މަސައްކަތް ނިންމުމަށް ދޭ މުއްދަތު ކުރުވެގެން، އެކަމުގެ ކަންބޮޑުވުންތައް ލިބެމުންދިޔުމާއެކު، މި ފަށާ ބުރު ކުރިއަށް ގެންދާނީ އެކަމަށް ރިޢާޔަތް ކޮށް ޓާސްކުތަކަށްދޭ މުއްދަތަށް ކުޑަބަދަލެއް ގެނެސްގެންކަމަށާއި، ނަމަވެސް މިހާރުވެސް ދަރިވަރުންގެ ވަރަށް މަތީ ދަރަޖަ އެއްގެ ހިތްހަމަޖެހުން ޕްރޮގްރާމަށް އޮތް ކަން ދަރިވަރުންގެ ޚިޔާލު ހޯދުން ތަކުން ދައްކާ ކަމަށްވެސް އަޒްހީލް ބުނުއްވިއެވެ. އެގޮތުން މާރޗް މަހު ނެގުނު ޚިޔާލު ހޯދުމުން 510 ކުދިން ބައިވެރިވި ސާރވޭއިން %99 ކުދިން ޕްރޮގްރާމާއި މެދު ހިތްހަމަ ޖެހޭކަމަށް ބުނެފައިވުމަކީ މިމަސައްކަތްކުރެވޭ ގޮތާއި މެދު ލިބޭ ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ކަމަށް އަޒްހީލް ފާހަގަކުރެއްވިއެވެ.

މިހާތަނަށް މިވީ ކުރުމުއްދަތުގެ ތެރޭގައި ކީރިތި ޤުރްއާން ގެ ދެބައި ކުޅަ އެއްބައި އަދި ތިންބައިކުޅަ އެއްބައި ބައެއް ކުދިންދަސްކޮށްފައިވާ ކަމަށް އަޒްހީލް ބުނުއްވިއެވެ. އެހެންކަމުން ޕްރޮގްރާމުން ދަރިވަރުން ޙާސިލް ކުރާ މިންވަރާއި މެދު ހިތްހަމަޖެހޭކަމަށް އޭނާ ބުނުއްވިއެވެ.
މި ހިނގާ ރަމަޟާން މަހުގެ 27 ވަނަ ދުވަހު މިޕްރޮޖެކްޓް ހިންގުމަށް ޙާއްސަކޮށް ގެން "ޖަމްޢިއްޔަތު ތަޙްފީޡިލް ޤުރުއާނިލް ކަރީމް"ގެ ނަމުގައި ޖަމްޢިއްޔާއެއް ވަނީ ރަޖިސްޓަރ ކޮށްފައެވެ. އަދި ޕްރޮގްރާމްގައި ކިޔަވައިދިނުމަށް މުޤައްރަރެއް އެކުލަވާލެވި އެ މުޤައްރަރުވެސް ރަޖިސްޓްރީކުރުމުގެ ވިސްނުމާއި އެކު ކުރިއަށް ދާކަމުގައި އަޒްހީލް މި ނޫހަށް މަޢުލޫމާތު ދެއްވި އެވެ.
މިވަގުތު ހުރިހާ ކުދިންނަށް ވެސް ކިޔަވައިދެނީ އަޒްހީލް އެކަންޏެވެ. އަދި ޕްރޮގްރާމުގެ އެޑްމިނިސްޓްރޭޓިވް ކަންކަން ބެލެހެއްޓުމަށް ޕްރޮގްރާމުގެ ބައިވެރިންގެ ތެރެއިން ސަމިއްޔާ އާއި އައިމިނަތު އަދި އަޒްހީލްގެ އަންހެނުން އައިޝަތު ދިފްލީނާގެ ހިވާގި މަސައްކަތްތައް އަޒްހީލް ވަނީ ފާހަގަކުރައްވާފައެވެ. ޕްރޮގްރާމަށް މާލީ އެހީތެރިކަން ލިބޭ މިންވަރަކުން ދަރިވަރުންގެ މުރާޖަޢާބެލެހެއްޓުމަށް ޤާބިލް މުދައްރިސުން ކުރިއަށް އޮތްތަނުގައި ހޯދުމަކީ އުއްމީދެއްކަމުގައި އަޒްހީލް ބުނުއްވިއެވެ.
މި ޕްރޮޖެކްޓަކީ މިހާރުވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް ދަރިވަރުން އަތުން ފީ ނެގުމަކާއި ނުލާ ކުރިއަށްގެންދާގޮތަށް ރޭވިގެން ކުރިއަށްގެންދާ، އަދި ވަރަށް ޝައުގުވެރި މަސައްކަތެއްކަމަށް އަޒްހީލް ބުނުއްވިއެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތަކަށް މިމަސައްކަތް ކުރިއަށް ގެންދިޔުމަށް ތަނަވަސްކަން ހުރި ފަރާތްތަކުން މާލީ އެހީތެރިކަން ފޯރުކޮށް ދެއްވުން އެދޭ ކަމަށްވެސް ބުނުއްވިއެވެ. އާންމުންނާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީ މިހާރުވެސް ކޮންމެވެސް ވަރަކަށް ލިބޭކަމަށާއި، އަދި ލިބޭ އެހީގެ ވެސް ބޮޑުބައެއް ޕްރޮޖެކްޓްގެ ނަމުގައި ޞަދަޤާތުގެ ގޮތުގައި ހޭދަކުރާ ކަމަށްވެސް އަޒްހީލް މަޢުލޫމާތު ދެއްވި އެވެ. އެގޮތުން އެވްރެޖްކޮށް ކޮންމެ މަހަކުވެސް ރާއްޖޭގެ ފަސްދޮޅަހަށްވުރެ ގިނަ މިސްކިތްތަކަށް، އަޅުވެރިން ބޭނުންކުރުމަށް މީރުވަސް ދުވާ އަތަރު ފޯރުކޮށް ދެމުންދާ ކަމަށާއި، އަދި މި ރަމަޟާން މަހު ޕްރޮގްރާމްގެ ބައެއް ބައިވެރިންގެ އެހީއާއި އެކު ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް ތިރީހަށްވުރެ ގިނަ ފަރާތްތަކަށް އިފްތާރު ޕެކޭޖް ހަދިޔާ ކުރެވުނު ކަމީ ވެސް ނުހަނު އުފާ ކުރާކަމެއް ކަމަށް އަޒްހީލް ބުނުއްވިއެވެ.
މި ފެށޭ މެއި މަހު ފަށާގޮތަށް އައު ބުރަކަށް އިޢުލާން ކޮށް، އަޒްހީލް- ފިޔޯރީ ޕޭޖްގައި މިހާރު ވަނީ ރެޖިސްޓްރޭޝަނަށް ހުޅުވާލެވިފައެވެ.
ޕޭޖް ލިންކް
https://www.facebook.com/iaislamicstudio
އެޕްލިކޭޝަން ލިންކް
https://m.facebook.com/story.php?story_fbid=403770791754331&id=100063642398737
advertisment
ހިޔާލު