އެމްއެންޔޫ ގެ "ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2022″ ބޭއްވުމަށް ނިންމައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ޢިލްމީ ދިރާސާތަށް ހުށަހެޅުމަށް ބާއްވާ ފަސްވަނަ ތެވެލި ބައިނަލްޢަޤްވާމީ މަހާސިންތާ  ބޭއްވުމަށް ނިންމައިފިއެވެ. މި މަހާސިންތާ ބޭއްވުމަށް ނިންމާފައިވަނީ 22-23 އޮގަސްޓުގެ ނިޔަލަށެވެ.

މިމަހާސިންތާ މިއަހަރު ޚާއްޞަވެގެން މިދަނީ ޤައުމު ބިނާ ކުރުމަށްޓަކައި ކުރެވޭ ދިރާސާތަކަށެވެ. މިމަހާސިންތާއަކީ ތަފާތު އެކި ޑިސިޕްލިންތަކުން ޢިލްމީ ދިރާސާތައް ހުށަހެޅުމަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ސުކޮލަރުން ބައިވެރިވެގެން ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ކޮންފަރަންސެވެ. މި ކޮންފަރަންސްގެ އެންމެ މުހިންމު މަޤުޞަދަކީ ދިވެހި ރާއްޖޭގެ މަތީ ތަޢުލީމުގެ ނިޒާމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ޢިލްމު އުފައްދާ، ޢިލްމު ކުރިއަރުވާ ޔުނިވަރސިޓީއަކަށްވުންކަން އެމްއެންޔުއީން ބުނެއެވެ.

މީގެ އިތުރުން ދިވެހި ރާއްޖެއަށް ބޭނުންވާ ޢިލްމީ ދިރާސާތަށް ކުރުމާއި ޤައުމީ މުހިންމު ނިންމުންތައް ނިންމުމުގައި ޢިލްމީ ދިރާސާގެ އަލީގައި ޤައުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެ ދިނުމާއި ޑޮކްޓަރ އޮފް ފިލޯސަފީ ހަދަމުންދާ ދަރިވަރުންނަށާއި މުވައްޒަފުންނަށް އެހީތެރިވުމެވެ.

ޔުނިވަރސިޓީގެ ރިސާރޗް ޑިވެލޮޕްމަންޓް އޮފީހުން ރާވައިގެން ކުރިއަށް ގެންދެވޭ މި ކޮންފަރެންސަގައި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުގެ ޕޮރްފެސަރުންނާއި ދުނިޔެއަށް މަޝްހޫރު ޢިލްމީ ދިރާސާތައް ހައްދަވާ ޕްރޮފެސަރުންގެ އިތުރުން، ކުންފުނިތަކުން ހަދާފައިވާ ޢިލްމީ ހޯދުންތަކާއި ޤައުމީ ލެވެލްގައި ހޯދިފައިވާ ހޯދުންތަކާއި ދިވެހިން ޢިލްމީ ގޮތުން ހޯދައިފައިވާ ހޯދުންތަށް ކުރިއަށްދާ އެކި ސެޝަންސްތަކުގައި ހުށަހެޅުވިގެންދާނެއެވެ.

މިކޮންފަރެންސްގެ މުހިއްމު ތާރީޚްތައް ތިރީގައި އެވަނީއެވެ.

އެބްސްޓްރެކްޓް ހުށަހަޅަން ޖެހޭ ތާރީޚް: 15 ޖޫން 2022

އެބްސްޓްރެކްޓް ފާސްކުރާ ތާރީޚް: 21 ޖުލައި 2022

ރެޖިސްޓްރޭޝަން: 04 އޮގަސްޓް 2022

ކޮންފަރަންސް ބާއްވާ ތާރީޚް: 22-23 އޮގަސްޓު 2022

މި ކޮންފަރެންސްގައި އިގިރޭސި، ދިވެހި ނުވަތަ ޢަރަބި ބަހުން ޕޭޕަރު ހުށަހެޅޭނެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ދިރާސާކުރުމަށް ޚާއްޞަ ސަމާލުކަމެއްދީގެން ފަންނީ ޢިލްމީ ދިރާސާތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ޔުނިވަރސިޓީއަކަށްވުމާއެކު، މި ކޮންފަރެންސަކީ ޔުނިވަރސިޓީއަށާއި ދިވެހިރާއްޖެއަށް މުހިންމު ޢިލްމީ ދިރާސާތަކުގެ މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރެވޭނެ ޚާއްޞަ ކޮންފަރެންސަކަށްވެގެންދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *