މުހައްމަދު ޖަމާލުއްދީން ސްކޫލުން މި ރަމަޟާން މަހު ފެށި "ކަންޒު ރަމަޟާން" ވަރަށް ކާމިޔާބުކަމާއެކީ، ކުރިއަށް ގެންގޮސްފިއެވެ. މިއީ އެ ސްކޫލްގެ އިސްލާމް ފޯރަމްގެ ދީނީ ހިޔާގެ ދަށުން ކުރިއަށް ގެންދިޔަ ފޯރަމްއެކެވެ.
އެ ސްކޫލްގެ ޕްރިންސިޕަލް އާރިފާ އަބްދުލް މަޖީދް ވިދާޅުވި ގޮތުގައި، މިއީ އެ ސްކޫލުން ދަރިވަރުންގެ މައުލޫމާތު މުއްސަނދިކޮށް އިސްލާމް ދީނުގެ އެކި ކަންކަމަށް ދަރިވަރުންގެ ހިތުގައި ލޯބި ޖެއްސުމާއި ކޯވިޑްގެ ބަލިމަޑު ކަމުގެ ސަބަބުން މިފަދަ ހަރަކާތްތަކެއް ނުބޭއްވުމުގެ ސަބަބުން ދަރިވަރުންގެ ހުށައެޅުމަށްކުރި އަސަރު ކުޑަކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދިޔަ ފޯރަމެއްކަމަށެވެ. މި ފޯރަމްގެ ސަބަބުން ދަރިވަރުންގެ ޕަބްލިކް ސްޕީކިން، ސްޓޭޖް ފިއަރ އަދި ޕްރެޒެންޓޭޝަނުގެ އެކި ހުނަރުތަކަށް ކުރިއެރުން ލިބިގެންދިޔަކަންވެސް ޕްރިންސިޕަލް އާރިފާ ފާހަގަކުރެއްވިއެވެ.

ގުރޭޑް 6 ކުން މަތީގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މި ފޯރަމްއަށް ހީނުކުރާހާވަރުގެ ތަރުހީބެއް ދަރިވަރުންގެ ކިބައިން ލިބުނުކަންވެސް ޕްރިންސިޕަލް ވަނީ ފާހަގަކޮށްފައެވެ. އެ ގޮތުން މީގެ ކުރިން މިފަދަ ޕްރޮގްރާމްތަކުން ނުފެންނަ ކުދިންވަނީ މި ފޯރަމްގައި ބައިވެރިވެފައެެވެ. މުޅިން އަލަށް ގުރޭޑް6ގެ ދަރިވަރުން މިފަދަ ޕްރޮގްރާމްއެއްގައި ބައިވެރިވެ އެކުދިންވެސް ވަނީ ހީނުކުރާފަދަ ފުރިހަމަ ހުށައެޅުމެއް ހުށައަޅާފައި ކަމަށްވެސް އާރިފާ ވިދާޅުވިއެވެ.

ކޮންމެ ބުދަ ދުވަހަކު ކުރިއަށް ގެންދާ މި ފޯރަމްގައި، ޕެނަލްއެއް އެކުލަވާލައި ވަނީ، ދަރިވަރުންގެ ހުށައެޅުންތަކަށް އިތުރު ހިޔާލާއި މައުލޫމާތު ފޯރުކޮށްދީފައެވެ. އެގޮތުން ގުރޭޑް 9ގެ ދަރިވަރުން "ޤިޔާމަތުގެ ބޮޑެތި އަލާމަތްތައް" މި މައުލޫއަށް ހުށައެޅި ހުށައެޅުމަކީ ތަފާތު ފުރިހަމަ ހުށައެޅުމެއްކަން ސްކޫލުންވަނީ ފާގަކޮށްފައެވެ. އެހެންކަމުން މި ކުދިންގެ ބެލެނިވެރިންނަށް މި ހުށައެޅުން ހުށައަޅާދިނުމަށްވަނީ ހަމަޖެހިފައެެވެ.

ބެލެނިވެރިންނާއި ސްކޫލްގެ އެކި މުވައްޒަފުންގެ ބޮޑު އެެއްބާރުލުމަކާއެކު، މި ފޯރަމް ކާމިޔާބްކަމާއެކު ނިންމާލާފައިވާއިރު ދަރިވަރުންނަށް ވަނީ ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައެވެ. ދަރިވަރުންގެ އުޅުމާއި އަހްލާޤަށް މި ފޯރަމްގެ ސަބަބުން ރަނގަޅު އަސަރެއް ކޮށްފައިވުމަކީ، މި ފޯރަމްއިން ލިބުނު އެންމެ ބޮޑު ކާމިޔާބީކަމަށް މުހައްމަދު ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އާރިފާ އަބްދުލް މަޖީދު ފާހަގަކުރެއްވިއެވެ.
advertisment
ހިޔާލު