ބޮޑުފޮޅުދޫ ސްކޫލުގެ ދަރިވަރުން ރޯދައަށް މި ހެއްދީ ކަރާ

ބޮޑުފޮޅުދޫ ސްކޫލްގެ ދަރިވަރުން ރޯދައަށް ހެއްދި ކަރާދަނޑުން ކަރާ ލިބުމަކީ އެ ސްކޫލްގެ ދަރިވަރުންނަށް ލިބުނު ބޮޑު އުފަލެއް- ފޮޓޯ: ބޮޑުފޮޅުދޫ ސްކޫލް

ބޮޑުފޮޅުދޫ ސްކޫލްގެ ދަރިވަރުން ރޯދައަށް ކަރާ ހައްދައިފިއެވެ. އެ ސްކޫލްގެ ފަސް ވަނަ ކިލާހުން ފެށިގެން އަށް ވަނަ ކުލާހުގެ ކުދިން އަމަލީ ގޮތުން ބައިވެރިވެގެން ހެއްދި ތަކެތީގެ ތެރޭގައި ކަރާގެ އިތުރުން ލެޓިއުސްއާއި ކޮޕީފަތް ހިމެނެއެވެ.

ބޮޑުފޮޅުދޫ ސްކޫލުގެ ލީޑިންގ ޓީޗަރު، ހަސަން މޫސާ ދަރިވަރު ނޫހަށް ވިދާޅުވީ، ދަނޑުވެރިކަމުގެ މަސައްކަތް ފެށީ މީގެ ދެ މަހެންހާ ދުވަސް ކުރިންނެވެ. ބޭނުންވީ ރޯދައަށް އަމާޒުކޮށް އެ ސްކޫލްގައި އޮތް ހުސްބިންކޮޅުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފުމެވެ. އަދި ދަރިވަރުންނަށް ދަނޑުވެރިކަމާ ގުޅުން ހުރި މައުލޫމާތުތައް ފޯރުކޮށް ދިނުމެވެ.

ހަސަން ވިދާޅުވި ގޮތުގައި ދަނޑުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ކުލާސްތަކަށް ބަހާލައިގެންނެވެ. އެއްބަޔަކު ވެލިގަނޑު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، އެހެން ކިލާސްތަކުން ކުރިއަށް ގެންދިޔައީ ގަސްކާނާ ތައްޔާރުކުރުމާއި މުޑުވައްކޮށް ފެންދީ ހެއްދުމުގެ މަސައްކަތެވެ.

" ވަކިވަކި ކިލާސްތައް ގެނެސްގެން މަަސައްކަތް ކުރިއިރު، އޭގެ ތެރެއިން ޝަޢުޤު ހުރި ކުދިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު" ލީޑިންގ ޓީޗަރު ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވި ގޮތުގައި ރޯދަމަސް ނިމޭއިރަށް އިންދި ކަރާވެލުން ވިއްސަކަށް ކަރާ ލިބޭނެ ކަމަށް ބެލެވެއެވެ. އެންމެ ފުރަތަމަ ބިން ހަތަރު ކަރާ ހަދިޔާ ކުރީ މިސްކިތަށެވެ.

ކަރާގެ އިތުރުން 280 ގަސް ލެޓިއުސް އިންދިއެވެ. އޭގެ ނަތީޖާވެސް ރަނގަޅެވެ. އެކަށީގެންވާ ގޮތުގައި ނުހެއްދުނީ ކޮޕީފަތެވެ. ހޫނުގަދަ ވުމާއި ފެން ލޮނުވުމުގެ ސަބަބުން ކޮޕީފަތުން އުއްމީކުރި ނަތީޖާއެއް ނުނުކުތެވެ.

ކޮޕީފަތާއި ލެޓިއުސް ގަތީ ރަށުގެ މީހުންނެވެ.

" މި މަސައްކަތުގެ ހަގީގީ މޭސްތިރިންނަކީ ދަރިވަރުން. އެ ދަރިވަރުންނަށް ދަނޑުވެރިކަމާ ގުޅުން ހުރި މުހިންމު މައުލޫމާތު މިހާރު އެ ވަނީ ލިބިފައި. ބިންގަނޑު ތައްޔާރު ކުރާނެ ގޮތުން ފެށިގެން ގަސްކާނާއި މުޑުވައްކޮށް ހައްދާ ބަލަހައްޓާނެ ގޮތް ވެސް" ހަސަން ވިދާޅުވިއެވެ.

ޕްރީ ސްކޫލުން ފެށީގެން ގުރޭޑް ދިހައަކާ ހަމައަށް 200 އެންހާ ދަރިވަރުން  ބޮޑުފޮޅުދޫ ސްކޫލްގައި ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *