ފަހުރުވެރިވަނީ މަޖީދިއްޔާގެ އުނގުން ތަޢުލީމާއި ތަރުބިއްޔަތު ލިބުނު އެތައް ދަރީންގެ މަތިވެރި ޚިދްމަތްތައް މެދުކެނޑުމެއްނެތި ޤައުމަށް ލިބެމުންދާތީ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.
މަޖީދިއްޔާ ސްލޫލަށް 95 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު އެ ސްކޫލްގައި ބޭއްވި ޚާއްޞަ އެސަމްބްލީ ޝަރަފުވެރިކޮށް ދެއްވައި، އެކަމަނާ ވިދާޅުވީ، މަޖީދިއްޔާ ސްކޫލާ މެދު ފަޚުރުވެރިވާންޖެހޭ އެތައް ސަބަބުތަކެއް އެބަހުރި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މަޖީދިއްޔާއާ މެދު ފަހުރިވެރިވަނީ އެ ސުކޫލަކީ ދިވެހި ސަރުކާރުން މެދުކެނޑުމެއްނެތި ރަސްމީ ތަޢުލީމު ފޯރުކޮށްދޭތާ އެންމެ ގިނަދުވަސްވީ މަދަރުސާއަށް ވީތީއެވެ. އަދި އެ ސްކޫލުގެ އުނގުން ތަޢުލީމާއި ތަރުބިއްޔަތު ލިބުނު އެތައް ދަރީންގެ މަތިވެރި ޚިދްމަތްތައް މެދުކެނޑުމެއްނެތި ޤައުމަށް ލިބެމުންދާތީއެވެ.
" އަޅުގަނޑުމެން މި ސްކޫލާމެދު ފަހުރުވެރިވަނީ މަޖީދިއްޔާގެ ނަމޫނާއިން ރާއްޖޭގެ ހުރިހާ ރަށްތަކެއް ތަހުޒީބުން އުޖާލާ ކުރީތީ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، 95 އަހަރަކީ، ސްކޫލެއްގެ ޢުމުރުގައި ވަރަށް ޚާއްޞަ މުނާސަބާއެއް ކަމަށާއި، އަހަރު ގުނާ ގޮތުން އެއީ ގާތްގަޑަކަށް 3 ޖީލު ކަމަށެވެ. ޖީލަކީ ކުއްޖަކު ވިހައި ބޮޑުވެ، އޭނާއަށް ދަރީން ލިބި އެ ކުދީން ފުރާވަރަށް އަރާ މުއްދަތުކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، މަޖީދިއްޔާ ސްކޫލަށް އެންމެ ފުރަތަމަ ވަން ދަރިވަރުން، ސްކޫލުން ވަކިވެ، މީހުންނާ އިނދެ، ލިބުނު ދަރީންގެ ދަރީންގެ ދަރީން މިހާރު މި ސްކޫލްގައި ކިޔަވަމުން ދާނެ ކަމަށެވެ.

" ސްކޫލެއްގެ ޤަދަރަކީ އެ ސްކޫލްގެ ދަރިވަރުން. އެ ސްކޫލުން ދަރިވަރުވާ ކުދީންގެ ޚިދުމަތް. ވޭތިވެދިޔަ 95 އަހަރު ދުވަހުގެ ތެރޭގައި، މިސްކޫލުން ކިޔަވައިގެން ނުކުތް ފަޚުރުވެރި ދަރިވަރުންނަށްޓަކައި، ސްކޫލްގެ އެހާރާއި މިހާރުގެ ހިންގުންތެރިންނަށާއި މުދައްރިސުންނަށް ތަހުނިޔާ ދަންނަވަން. މެދުކެނޑުމެއް ނެތި މި ސްކޫލްގެ ޚިދުމަތުގައި ތިއްބެވި އެންމެ ގިނަ ދުވަސްވީ މުދައްރިސުންނަށާއި މުވައްޒަފުންނަށް ޚާއްޞަ ޝުކުރަކާއި މުބާރިކުބާދީއެއް އަރިސްކުރަން" ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުން ބައިވެރިވި އެސަމްބްލީގައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، މި ފަދަ ކޮންމެ މުނާސަބަތެއްގައި ހިތަށް އަރާ ސުވާލެއް އޮންނަ ކަމަށެވެ. އެއީ އަހަރީ ދުވަސް މިހާ ކުލަގަދަކޮށް އަޅުގަނޑުމެން ފާހަގަ ކުރަނީ ކީއްވެތޯ؟އެވެ.
މިނިސްޓަރު ވިދާޅުވީ، އެކަމަނާއަށް ލަފާކުރެވޭ ގޮތުން، އަހަރީ ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤްޞަދަކަށް ވާނީ އެކަމުގެ ސަބަބުން، އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ދަރިވަރުންގެ މެދުގައި އޮންނަ ހިތްހަމަޖެހުން ނުވަތަ މޮރާލް މަތިކުރުން. އެކުގައި މަސައްކަތް ކުރުމުގެ ރޫޙް އިތުރުކުރުމެވެ.
" މިއީ ސްކޫލްގެ މާޒީއާ މެދު ފިކުރު ހިންގާލައި، ސްކޫލްގެ ކާމިޔާބަށް މަސައްކަތްކޮށްދިން ފަރާތްތަކުގެ ޚިދުމަތް ފާހަގަކުރުމަށް ލިބޭ ފުރުޞަތެއް. އަހަރީ ދުވަސް އައުމުން އުފެދޭ އުފާވެރިކަމާއި ފަޚުރުވެރިކަމުގެ ޝުޢޫރުތަކާއެކު، މުވައްޒަފުން ކުރި މަސައްކަތް މުހިއްމުވަނީ ކީއްވެގެންކަމާމެދު ފިކުރު ހިންގާލައި، ސްކޫލް ކުރިއަށްދާނެ މިސްރާބު ކަނޑައަޅަންވީ އިރުވަރެއް"
ވޭތިވެދިޔަ 95 އަހަރު، މި ހުރުމަތްތެރި ދަރުސްގާހަށް ދަރިވަރުވި ދަރިވަރުންގެ ލިސްޓަކީ ވަރަށް ދިގު ލިސްޓެއްކަން ބަޔާން ކުރައވައި،
އެ ލިސްޓުގައި، ޑޮކްޓަރުންނާއި ޑެންޓިސްޓުން ހިމެނޭ، މުދައްރިސުންނާއި މުދައްރިބުންނާއި ޕައިލަޓުންނާއި ޕްރިންސިޕަލުން ހިމެނޭކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ފިޔަވައި، ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަކީ މި ސްކޫލްގެ މުސްކުޅި ދަރިވަރުން ކަމަށާއި، ފުރަތަމަ ރައީސް މުޙައްމަދު އަމީން ދީދީ އަކީ، މި ސްކޫލަށް މަޖީދިއްޔާގެ ނަންދެއްވާ، ރާއްޖޭގެ ތަޢުލީމަށް އެންމެ ބޮޑު ޚިދުމަތެއްކޮށްދެއްވައިފައިވާ ރައީސް ކަމަށެވެ.
މަޖީދިއްޔާ ސްކޫލްގެ ފަހުރުވެރި ދިވެހި ދަރީންގެ ހަޔާތުން އަދުގެ ދަރިވަރުން އިބްރަތް ހާސިލްކުރަންވީ ދެ ކަމެއް އެޑިއުކޭޝަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، ކުރީގެ ދަރިވަރުންގެ ތެރެއިން ހަޔާތުގެ ރޭހުގައި މިއަދު އެންމެ ކާމިޔާބު ދަރިވަރުން ވާނީ، އޭރު އެންމެ މުރާލި އެންމެ ބޮޑަށް މަސައްކަތް ކުރި ދަރިވަރުންނަށް ކަމަށެވެ.
ޤުދްރަތީ ގޮތުން، ކުއްޖެއްގެ ހިތް އަލިވެފައި، ދަސްކުރަން ފަސޭހަ ވިއަސް، މަސައްކަތް ނުކުރަނީވިއްޔާ، ކާމިޔާބެއް ނުވާނެ ކަމަށާއި، މުސަޅާއި ކަންޒު ކަހަނބުގެ ވާހަކައިގައި ވާފަދައިން، މަސައްކަތް ކުރުމުގައި ދެމިހުރުމަކީ ކާމިޔާބުގެ ސިއްރުކަން ބަޔާން ކޮށްދެއްވިއެވެ.
" ޤުދްރަތީ ގޮތުން ލިބިފައިވާ ކުޅަދާނަ ކަމަކަށް ވުރެ، ބޭނުންތެރީ ހީވާގިކަން. އެހެން ކަމުން ކޮންމެ ދަރިވަރެއްވެސް ދިރިއުޅުމުގައި ކާމިޔާބު ހޯދަން ބޭނުންނަމަ ކުރަން ފަށާ ކަމެއް ހުއްޓާނުލާ އެއްވާނެއްގައި ގޮސް ނިންމާލުން މުހިއްމު. އަދި އެކަންކުރުމުގެ ޝައުޤު އަމިއްލައަށް އުފެއްދުން މުހިއްމު" މިނިސްޓަރު ވިދާޅުވިއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ، ތިޔަ ކުދީން ( މަޖިދިއްޔާގެ ދަރިވަރުން)ގެ ތެރެއިން ދިވެހި ތާރީޚްގައި ނަންލިޔެލަން ބޭނުންވާ ކުދިން، ވާންވީ ކެރޭ ހުނަރުވެރި ކުދިންނަށް ކަމަށާއި، ޤައުމަށް ދިމާވާ ބޮޑެތި މައްސަލަތަކުގައި، ހިތްވަރާ ފަންވަރާ އެކު ކުރިމަތިލާ ބަޔަކަށް. ޖޯޝާއި ފޯރިއާއެކު ޤައުމީ މަސައްކަތުގައި ޝާމިލްވާ ބަޔަކަށެވެ.
" އަމިއްލަ ބޭނުންތަކުގެ އިތުރަށް މުޖުތަމަޢުއަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދޭ ބަޔަކަށް. މީހެއްގެ ނަން ދެމި އޮންނަނީ އެމީހެއްގެ ފަރާތުން މުޖުތަމަޢު އަށް ކުރާ ހެޔޮ އަސަރަކުން. ދިވެހި ތާރީޚްގައި ތިޔައިން ކުއްޖެއްގެ ނަން ލިޔެވޭނީ، ޤައުމީ ޚިދުމަތުގައި އަތުކުރި އޮޅާލައިގެން"
advertisment
ހިޔާލު