ހިމަންދޫ ސްކޫލުގެ "ޞަދަޤާތްޖާޑި" ފަށައިފި

އއ.ހިމަންދޫ ސްކޫލުގެ ދަރިވަރުން ޤުރުއާން ކިޔަވަނީ؛-ފޮޓޯ//ހިމަންދޫ ސްކޫލް

އއ.ހިމަންދޫ ސްކޫލުން ދަރިވަރުންގެ މެދުގައި ޞަދަޤާތް ކުރުމާއި އެނަކުންނަށް އެހީތެރިވުމުގެ މާތް އުޞޫލް އަށަގެންނެވުމަށްޓަކައި މި ރަމަޟާން މަހު ކުރިއަށްގެންދަން ހަމަޖެހިފަިއވާ ހަރަކާތް، "ޞަދަޤާތްޖާޑި" ފަށައިފިއެވެ.

މިއީ މިއަދުން ފެށިގެން ޝައްވާލުމަހުގެ 6 ރޯދައިގެ ނިޔަލަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ހަރަކާތް ކުރިއަށްގެންދެވޭނެ ގޮތަކީ، ކޮންމެ ދަރިވަރަކުވެސް، އެކުއްޖެއްގެ އަމިއްލަ ގުޅިއެއް ނުވަތަ ދަޅެއް ތައްޔާރުކޮށް، ކޮންމެ ދުވަހަކުވެސް މަދުވެގެން އެއް ރުފިޔާލުމެވެ. ފައިސާގެ މިންވަރު ގިނަ ކުރުމީ ދަރިވަރާއި ބެލެނިވެރިޔާގެ އިޚްތިޔާރުގައިވާ ކަމެކެވެ.

މި އުޞޫލުން އެއްކުރެވޭ ފައިސާ އަކީ، ނިކަމެތި ހާލުގަިއ ޖެހިފައިތިބި (ފަލަސްޠީން) ގެ ރައްޔިތުން ފަދަ މުސްލިމު ބަޔަކަށް ދިނުމަށް އެއްކުރެވޭ ފައިސާ ކަމަށްވެސް ހިމަންދޫ ސްކޫލުން ބުނެއެވެ.

މިގޮތަށް އެއްކުރެވޭ ފައިސާ ސްކޫލަށް ގެނައުމަށް ކަނޑައެޅިފައިވާ ދުވަހެއް އިއުލާން ކުރެވޭނެކަމަށް ހިމަންދޫ ސްކޫލުން މަޢުލޫމާތުދެއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ. "أَحَبُّ النَّاسِ إِلَى اللَّهِ أَنْفَعُهُمْ لِلنَّاسِ وَأَحَبُّ الأَعْمَالِ إِلَى اللَّهِ سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ أَوْ تَكْشِفُ عَنْهُ كُرْبَةً أَوْ تَطْرُدُ عَنْهُ جُوعًا أَوْ تَقْضِي عَنْهُ دَيْنًا" السلسلة الصحيحة (2/906) މާނައީ: "މާތްﷲގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހާއަކީ އޭނާގެ ފައިދާ މީސްތަކުންނަށް އެންމެ ބޮޑު މީހާއެވެ. އަދި މާތްﷲގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ މުސްލިމެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުމެވެ. ނުވަތަ އޭނާގެ ހިތާމަ ފިލުވައި ދިނުމެވެ. ނުވަތަ ހައިހުނުކަން ފިލުވައި ދިނުމެވެ. ނުވަތަ އޭނާގެ ދަރަންޏެއް އަދާކޮށްދިނުމެވެ."

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *