ކޮންމެ ރަމަޟާން މަހަކީވެސް ސްކޫލުތަކުން ދަރިވަރުންނަށް އެކި އެކި ދީނީ ހަރަކާތްތައް ކުރިއަށްގެންދާ މަހެކެވެ. ކުރީ އަހަރުތަކޭ އެއްފަދައިން މި ރަމަޟާންމަހު ވެސް ރާއްޖޭގެ ސްކޫލުތަކުގައި ދަނީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ރޫހު އާލާކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ރާވާ ހިންގަމުންނެވެ. ނަމަވެސް ބައެއް ސްކޫލުތަކުން މި ހަރަކާތްތައް ކުރިއަށްގެންދަނީ ތަފާތުކޮށެވެ.

އެގޮތުން އއ.ހިމަންދޫ ސްކޫލުން ދަނީ "އަހަރެމެންގެ ދީން" ގެ ނަމުގައި އިވެންޓެއް ކުރިއަށްގެންދަމުންނެވެ. 12 އޭޕްރީލުގައި ފެށި މި އިވެންޓުގައި ދަރިވަރުން ވަނީ، އިސްލާމީ ޕޯސްޓަރެއް/ލީފްލެޓެއް ތައްޔާރުކޮށްފައެވެ. އަދި ރޯދަ ވިއްލާއިރު ކިޔާ ދުޢާ ކުދިންނަށް ފެންނާނެހެން ކްލާހުގައި ތަތްކުރުމުގެ އިތުރުން، ވުޟޫކުރާނެ ގޮތް ހަރަކާތްތަކާއެކުވަނީ ދަރިވަރުންނަށް ކިޔާދީފައެވެ. މި އިވެންޓް މާދަން ނިންމާލަން ހަމަޖެހިފައިވާއިރު، ނިންމާލުމުގެ އިވެންޓުގައިވެސް ގިނަ ހަރަކާތެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތައް ރޭވިފައިވަނީ ދެ ދަންފަޅިއަކަށެވެ.

އެގޮތުން، މެންދުރު ދަންފަޅި 12:45-14:30 ކުރިއަށްދާއިރު، މި ދަންފަޅި ފެށިގެންދާނީ ޙާއްސަ އެސެމްބްލީއަކަށް ފަހުއެވެ. މިއަށްފަހު ދަރުސް ދިނުން ކުރިއަށްގެންދެއެވެ. ދަރިވަރުންނަށް ދޭ ދަރުހުގައި އަލިއަޅުވާލުމަށްހަމަޖެހިފައިވަނި، ނަމާދު، ޒަކާތް، ރޯދަ އަދި މިސްކިތުގެ އަދަބުތަކާބެހޭގޮތުންނެވެ. މިއަށްފަހު ޒަކާތާ ބެހޭ މަޢުލޫމާތު ދިނުމަށްފަހު، ޒަކާތާ ބެހޭ ރޯލް ޕްލޭއެއްކުރިއަށް ގެންދެވޭނެއެވެ.
ދެވަނަ ދަންފަޅި ކުރިއަށްގެންދެވޭނީ ހަވީރު 17:15ން 19:30ށެވެ. މި ދަންފަޅީގައި، ދަރިވަރުން ރޯދަ ވިއްލާ، ކްލާސްތެރެ ސާފުކޮށް ގުރުއާން ކިޔެވުމަށްވަނީ ރޭވިފައެވެ. ރޯދަ ވިއްލުން ހަމަޖެހިފައިވަނީ ކަދުރުން ރޯދަ ވިއްލުމަށްފަހު ނަމާދުކޮށްގެން ކެއުމަށެވެ.

އއ.ހިމަންދޫ ސްކޫލުގެ އިތުރުން، ދަރަނބޫދޫ ސްކޫލުގައިވެސް ދަނީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި އުފެއްދުމުގެ މަޤުސަދުގައި ދީނީ ސުވާލުމުބާރާތެއް ކުރިއަށްގެންދަމުންނެވެ. މި މުބާރާތަކީ އެރަށު ކައުންސިލުގެ އިސްނެގުމާއެކު ފަށާފައިވާ މުބާރާތެކެވެ.
ގދ.އަތޮޅު ސްކޫލުން ކޮންމެ ދުވަހެއްވެސް ފެށިގެންދަނީ އެ ސްކޫލުގެ ޕްރިންސިޕަލް މި މައްސަރާ ގުޅުވައިގެން ދޭ ނަސޭހަތުގެ ބަސްކޮޅާއެކުއެވެ. އަދި މިއަށްފަހު "ޤުރުއާން ޚަޠިމް ކުރުން" ހަރަކާތުގައި ހުރިހާ މުވައްޒަފުންނާއި ދަރިވަރުން، އެ ދުވަހަކު ކިޔަވަން ޖެހޭ މިންވަރަށް ކިޔަވައެވެ. މީގެ އިތުރުން، ރަމަޟާން މަސް އިހްޔާކުރުމުގެ ސިލްސިލާ ހަރަކާތުގެ ތެރެއިން ދަރުސް ދިނުންވެސް ކުރިއަށްގެންދެއެވެ.

މިނޫނަސް ރާއްޖޭގެ އެހެނިހެން ސްކޫލުތަކުންވެސް ދަނީ، ޤުރުއާން ކިޔުމާއި ދަރުސް އަޑުއެހުމުގެ އިތުރުން، ތަފާތު މުބާރާތްތައްވެސް ބާއްވަމުންނެވެ. އެގޮތުން ޤުރުޢާން މުބާރާތްތަކާއި، މަދަހަ މުބާރާތްތަކާއި ދީނީ ސުވާލުގެ މުބާރާތްތައް ހިމެނެއެވެ. އަދި ވުޟޫ ކުރުމާއި ތަރާވީސް ނަމާދުކުރާނެ ގޮތްތަކާއި، ސްކޫލުގައި ނަމާދުކުރުން ފަދަ ހަރަކާތްތައްވެސް އެކި ސްކޫލުތަކުން ކުރިއަށް ގެންދެއެވެ.
ސްކޫލުތަކުން މިފަދަ ހަރަކާތްތައް އިންތިޒާމުކުރުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ، ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބިޖެއްސުމުގެ އިތުރުން، ދީނީ އަޅުކަންތައްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމާއި، ޢަމަލުއެކަން ދައްކުމާއެކު، ދީނީ ކަންތައްތައް ކުރުވާ އެކަންކަމަށް ޝައުގުއުފެއްދުމެވެ.
advertisment
ހިޔާލު