އަލްހާފިޡް އަހްމަދު ނަބީހްއަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަހްމަދު ޒާހިރު އަލީ މަރުހަބާ ވިދާޅުވެ ހިތްވަރު ދެއްވައިފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިތުރުން ނަބީހްއަށް މަރުހަބާ ދެންނެވުމަށްޓަކައި، މިނިސްޓްރީގެ ޕާމަނަންޓް ސެކެޓަރީ އަހްމަދު އަދީލާއި، މިނިސްޓަރ ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އިލްޔާސް ޖަމާލުގެ އިތުރުން މިނިސްޓްރީގެ އިސް ބޭފުޅުންވަނީ ބައިވެރިވެ ވަޑައިގަނެފައެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ އަހްމަދު ޒާހިރު އަލީ ފާހަގަކުރެއްވި ގޮތުގައި މި މުބާރާތުގައި ބައިވަރު މީހުންނާއި ވާދަކޮށް ފައިނަލް ބުރުގައި ނަބީހް ވާދަކުރުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއަކާއި ފަހުރެއްކަމުގައެވެ. މިފަދަ އިތުރު މުބާރާތްތަކުގައި ބައިވެރިވުމަށް ހިތްވަރު ދެމުން މިނިސްޓަރވަނީ ނަބީހްއަށާއި ނަބީހްގެ މަންމައަށް ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުންވެސް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އިލްޔާސް ޖަމާލްވަނީ ނަބީހް ހޯދި މި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައެވެ.
ނަބީހްގެ މަންމަވަނީ މި މުބާރާތުގައި ޤައުމުން ބޭރުގައި ހޭދަވި ދުވަސްތަކުގައި އެއްވެސް ކަހަލަ ދަތިކަމެއްނެތި ހޭދަކުރެވުނީތީ އެކަމަށް ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.
މި މުބާރާތަކީ 1443 ވަނަ ރަމަޟާންމަހުގެ އެކަކުން 14 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމަށް އަލްހާފިޘް އަހްމަދު ނަބީހް ހޮވިފައިވަނީ، މި މުބާރާތުގައި ބައިވެރިވާނެ ފަރާތެއް ހޯދުމަށް ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒުން ހުޅުވާލި ފުރުސަތުގައެވެ. މި މުބާރާތުގައި ބައިވެރިވުމަށް 3 ފަރާތެއް ހުށައެޅިއެވެ.
advertisment
ހިޔާލު