ރ.ކިނޮޅަހު ސްކޫލުން "ދިވެހި ކިޔުން 1″ އިފްތިތާހްކޮށްފި

ރ.ކިނޮޅަހު ސްކޫލުން، ލިޔަން ކިޔަން ދަސްކުރަމާގެ ޕްރޮގްރާމުގެ ދަށުން، އެ ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރުމަށް ތައްޔާރުކުރެވުނު ފޮތް "ދިވެހި ކިޔުން 1" މިއަދު އިފްތިތާހްކުރުން؛- ފޮޓޯ//ކިނޮޅަހު ސްކޫލް

ރ.ކިނޮޅަހު ސްކޫލުން، ލިޔަން ކިޔަން ދަސްކުރަމާގެ ޕްރޮގްރާމުގެ ދަށުން، އެ ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރުމަށް ތައްޔާރުކުރެވުނު ފޮތް "ދިވެހި ކިޔުން 1″ މިއަދު އިފްތިތާހްކޮށްފިއެވެ.

މި ސްކޫލް ޕްރިންސިޕަލް މުޙައްމަދު ވަސީމް ވިދާޅުވީ، މި ޕްރޮގްރާމުގެ ދަށުން ތިން ފޮތެއް ނެރެން ހަމަޖެހިފައިވާ ކަމަށާއި، މި ފޮތްތަކަކީ ހަމައެކަނި ސްކޫލަށް ޙާއްސަ ފޮތްތަކެއް ކަމަށެވެ. އަދި މިފަދަ ފޮތެއް ސްކޫލުގައި ބޭނުން ކުރުމުގެ މަޤްސަދަކީ، ދަރިވަރުން ލިޔަން ކިޔަން އުނގެނުމުގައި އިތުރު ފަސޭހަކަމެއް ލިބުމެވެ.

"މި ފޮތަކީ ސްކޫލުތެރޭގަ އިންޓަރނަލީ ބޭނުންކުރެވޭނެ ފޮތެއް.. ދެން ސްކޫލުން، ސްކޫލުގެ ފޮތެއް ތައްޔާރުކުރުމުން، ދަރިވަރުންނަށް އަކުރު ކިޔަން ބަސްކިޔާ ލިޔެ ހަދަން ފަސޭހަވާނެކަން، ގިނަ މުދައްރިސުންނަށްވެސް ފެނޭ.." ކިނޮޅަހު ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ވަސީމް

ކިނޮޅަހު ސްކޫލުގެ ދަރިވަރެއް، މިއަދު އިފްތިތާހްކުރެވުނު ފޮތް ކިޔަނީ؛-ފޮޓޯ//ކިނޮޅަހު ސްކޫލް

ލިޔަން ކިޔަން ދަސްކުރަމާގެ ޕްރޮގްރާމުގެ ދަށުން، ފޮތް ހެއްދެވުމުގައި އިސްކޮށް އުޅުއްވަނީ ކިނޮޅަހު ސްކޫލުގެ ލީޑިންގ ޓީޗަރ މުސްތަފާ އަބްދުލް ހާރިސްއެވެ. އަދި ސިލްސިލާ ފޮތްތަކުގެ ތެރެއިން ފުރަތަމަ މި އިފްތިތާހްކުރެވުނީ ކިޔުމުގެ ފޮތްކަމަށާއި ލިޔުމުގެ ފޮތްތައްވެސް ކުރިއަށް އޮތްތާނގައި ނެރޭނެކަމަށް ސްކޫލް ޕްރިންސިޕަލް މުޙައްމަދު ވަސީމް ވިދާޅުވިއެވެ.

މި ފޮތް ހެދުމުގެ އެކި ކަންކަމުގައި އުޅުއްވީ ސްކޫލުގެ އެކަޑަމިކް ކޮމިޓީގެ ބައިވެރިންގެ އިތުރުން ދިވެހި މާއްދާގެ މުދައްރިސުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *