ސާނަވީ އަހަރު ނިމި، ރައްޓެހިންނާއެކު މަޖަލަށް ފެށި ކޯހަކުން، ހަޔާތުގެ ބަދަލުވެގެން ދިޔައީ، އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރް ގެ ތަޢުލީމީ ޙަޔާތެވެ. ހަޔާތުގެ ގިނަ އަހަރުތަކެއް ތަޢުލީމީ ދާއިރާގައި ހޭދަކުރެއްވިއިރު، އެ ދާއިރާގެ ބޮޑުބައި ގުޅިފައި ވަނީ ވެސް އަމީނިއްޔާ ސްކޫލާއެވެ.
ނާޒްލީން ވާފިރްގެ މަދަރުސީ ހަޔާތުގެ ފެށިގެން އައީ އަމީނިއްޔާ ސްކޫލުގެ ޔޫކޭޖީ އިންނެވެ. އެންމެ ފުރަތަމަ މަރުޙަލާއިން އެންމެ ފަހު މަރުޙަލާވެސް ނިންމާފައިވަނީ ހަމަ މިސްކޫލުންނެވެ. އަމީނިއްޔާ ސްކޫލުގައި ހޭދަކުރި ދުވަސްވަރު ނާޒްލީންގެ ހަނދާނުގައި އެންމެ ގާތް ބަޔަކީ އޭނާގެ ރަޙުމަތްތެރިންނެވެ. އެ ރަޙުމަތްތެރިންނާއެކު ކުރެވުނު މަޖާ ކަންތައްތަކަކީ އޭނާގެ ހަނދާނުން ފިލައިގެންނުދާނެ ފޮނި ހަނދާންތަކެކެވެ. ހަމަމިއާއެކު، މުދައްރިސުންގެ އިރުޝާދުތަކާއި ތަފާތު ޓީޗަރުންނާއެކު ކުރެވުނު ތަޖުރިބާތަކަކީވެސް ނާޒްލީނުގެ ހަނދާނުން ފިލައިގެންނުދާނެ ކަންތައްތަކެވެ. މިގޮތުން، ނާޒްލީން ގެ ގްރޭޑް އެކެއްގެ މުދައްރިސް، މަރިޔަމް ވަހީދާ އަކީ އޭނާ އެންމެ ބަލައިގަންނަ ޓީޗަރެވެ.
އޭރު ކިޔެވީ ނޯޓްސް ލިޔެގެން، ހުރިހާ ރަޙްމަތްތެރިންނާއެކު
އެދުވަސްވަރަކީ އިންޓަރނެޓް ހުންނަ ޒަމާނެއް ނޫންކަމުން، އޭރު ކިޔެވުން ކުރިއަށް ގެންދިޔައީ ގްރޫޕް ކޮށެވެ. އަމިއްލަ އަށް ނޯޓުތަކާއި ފިލާވަޅުތައް ލިޔެ އެކުވެރި ކުދިންނާ ހިއްސާކޮށް އެކުދިންނާ އެކުގައެވެ. ހިސާބު މާއްދާ އަކީ ނާޒްލީން ވަރަށް ރަނގަޅު ނަތީޖާއެއް ނެރޭ މާއްދާއެކެވެ.
ސްކޫލު ދައުރުގައި އެންމެ ހަނދާންވަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކަށް ޕްރެކްޓިސް ކުރަންދާ ދުވަސްތަކާއި އެތްލެޓިކްސް މީޓު ތަކުގައި ރެހެންދި ހައުސް މޮޅުކުރަން އުޅުނު ދުވަސްވަރެވެ. އެއްމެން އެކީ މަސައްކަތް ކޮށްގެން ރަނގަޅު ކާމިޔާބީއެއް ލިބޭ ދުވަހަކީ ވެސް ސްކޫލު ދައުރުގެ އުފާވެރި ހަނދާންތަކުގައި ހިމެނޭނެ ދުވަސްތަކެވެ. ކިޔެވުމުގެ ދުވަސްވަރު ބައެއްފަހަރު ކިޔެވުމާއި ގުޅިގެން ވާދަކުރުމުގައި އެއްކުއްޖަކު އަނެއްކުއްޖަކާ މެދު ޖެހޭ މައްސަލައެއްގެ ސަބަބުން، ތަފާތު ކަމެއް މެދުވެރިވިއެއްކަމަކު، އެދުވަސްވަރަކީ ނާޒްލީން ގެ ހަނދާނުން ފިލައިގެންނުދާނެ ދުވަސްވަރެކެވެ.
ކިޔެވުމުގެ އިތުރުން ގާރލް ގައިޑުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވިއެވެ. ގައިޑް ލީޑަރ ކަމުގެ މަޤާމުވެސް އޭނާ އަދާކުރިއެވެ.

ޓީޗިންގ ކޯހަށް ވަނީ ރައްޓެހިންނާއެކު އެއްވެސް ސީރިއަސް ކަމެއް ނެތި
ކިޔެވުމުގެ އެންމެ މުހިއްމު އެއް މަރުހަލާ، ސާނަވީ ތަޢުލީމު ނިންމުމަށްފަހު، ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑައެއް ނާޅުއްވައެވެ. އެކަމުގައި ސީރިއަސް ކަމެއްވެސް ނެތެވެ. އިންސްޓިޓިއުޓް ފޯ ޓީޗިންގ އެޑިޔުކޭޝަނުން ހިންގި މުދައްރިސުން ތަމްރީނުކުރާ ކޯހަށް ކުރިމަތިލެއްވީ ވެސް އެކަމަށް ޝަޢުޤެއް އޮވެގެން ނޫނެވެ. އެ ކޯހުގައި އޭރުގެ ގާތް ރައްޓެހިން ބައިވެރިވާތީ އެމީހުންނާއެކު ވަގުތު ހޭދަކުރުމުގެ ބޭނުމުގައެވެ.
" އެކުވެރިންނާއެކު ވަގުތު ހޭދަކުރަން މުދައްރިސްކަމަށް ކުރިމަތިލީ ވެސް. އޭރުވެސް ނޭނގެ މުދައްރިސްކަމަކީ ކިހާ ވަރެއްގެ މަސައްކަތެއް ކަމެއް"
ޓީޗިންގ އިންސްޓިޓިއުޓުގައި ހޭދަކުރި ދުވަސްތަކުގައި އެންމެ ބޭނުންވީ ވަރަށް ހަރަކާތްތެރި މީހަކަށްވާށެވެ. އެކި ކަންކަމުގައި ބައިވެރިވެ "ބިޒީ" ޝެޑިޔުލަކާއެކީ ކޯސް ހަދަމުން، ފުރަތަމަ ތަޖުރިބާ ހޯދީ ޓީޗިންގ ކްލިނިކަކުންނެވެ. މި ކްލިނިކް ގައި ކިޔަވާދިނީ ކުޑަކުޑަ ގުރޫޕަކަށެވެ. މި ތަޖުރިބާ ފުދޭވަރަކަށް ހިތި ތަޖުރިބާއަކަށްވެގެން ދިޔައެވެ. ވާހަކަދައްކާނެ ގޮތްތަކާއި، ކޮންކޮން ކަންތައްތަކާތޯއާއި އަދި އަހާނެ ސުވާލުތައް ލިޔެގެން ދިޔަކަމުގައި ވިއަސް، އެއްވެސް ޕްރެކްޓިސް އަކާނުލައި، މިކަންތައްކުރި ފުރަތަމަ ފަހަރަށްވުމުން އުނދަގޫތަކަކާ އޭނާއަށް ކުރިމަތިލާންޖެހިވަޑައިގަތެވެ. ނަމަވެސް އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، ގިނަ ޕްރެކްޓިސް ތަކަކަށް ފަހު، އެ އެހަރުގެ ޓީޗިންގ ކޯސް ނިންމާލީ 3 ވަނަ ހޯއްދެވުމަށްފަހުއެވެ.
ފޮނި އުއްމީދުތަކާއެކީ ނާޒްލީން ގެ ފުރަތަމަ ޓީޗިންގ ޕްރެކްޓިސް ހެދީ ޖަމާލުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލުންނެވެ. މި ދެ ސްކޫލަކީ އޭރު މާލޭގައި ހުރި ޕްރައިމަރީއަށް ކިޔަވާދޭ ދެ ސްކޫލެވެ. މި ތަޖުރިބާ ވެގެންދިޔައީ ކުރެވުނު އުއްމީދުތަކާ އެއްގޮތަށް ފޮނި ތަޖުރިބާއަކަށެވެ.

ނާޒްލީންގެ އެންމެ ފުރަތަމަ ވަޒީފާއަކީ ޖަމާލުއްދީން ސްކޫލުގެ ޓީޗަރެއްގެ މަގާމެވެ. އޭރު ކިޔަވާދެއްވީ ޕްރައިމަރީ ގުރޭޑްތަކުގެ ދަރިވަރުންނަށެވެ. ޕްރައިމެރީ ގްރޭޑުތަކުގައި ތިބޭނީ ތަފާތު މިޒާޖުގެ ކުދިންކަމުން، ސިޔާސަ ކުދިންނާ ޙާއްސަ އެހީއަށް ބޭނުންވާ ކުދިން ގެންގުޅުމުގައި ނާޒްލީނަށް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިވަޑައިގަތެވެ. މީގެ އެންމެ ބޮޑު ސަބަބަކީ، އޭރު ކަންކަމަށް އާވެފައި، އެފަދަ ކުދިން ދެނެގަތުމަށް ދަތިވުމާއި، ގިނަ ފަހަރަށް ދެނެގަނެވެނީ އެފަދަ ކުދިން ދަސްކުރުމުގައި އުނދަގޫކަމެއް ހުންނަކަން އިނގިގެންނެވެ. އޭރު ކްލާހެއްގައި 32 ކުދިން ތިބޭއިރު، ކޮންމެ ކްލާހަކަށް ކިޔަވާދިނުމުގެ ޕްލޭންތައް ތައްޔާރުކުރުމުގައި ވެސް މިހާރު ލިބެންހުންނަ ވަޞީލަތެއް ލިބެން ނުހުރެއެވެ.
ކިޔަވާދިނުމުގެ ގިނަ އަހަރުތަކެއް ކަލާފާނު ސްކޫލުގައި
ޖަމާލުއްދީން ސްކޫލުގައި ކިޔަވާދެއްވުމަށްފަހު، އިތުރަށް އުނގެނުމަށްޓަކައި، ކިޔަވާދިނުމުގެ ޓްރެއިނިންގ ޕްރޮގްރާމެއް ހެދުމަށް ނާޒްލީން ދެން ދަތުރުކުރެއްވީ ސިންގަޕޯރަށެވެ. އެއް އަހަރުގެ އެ ޕްރޮގްރާމް ނިއްމާލުމަށްފަހު، ދެން މަސައްކަތްކުރަން ފެއްޓެވީ ކަލާފާނުސްކޫލުގައެވެ. ކަލާފާނު ސްކޫލުގައި ކިޔަވާދެއްވުމުގެ ގޮތުން ގިނަ އަހަރުތަކެއް ހޭދަކުރެއްވިއެވެ. އާއިލާ އެއް ފެއްޓޭވީވެސް ހަމަ މި ސްކޫލުގައި ކިޔަވާދެއްވަމުންނެވެ. ނަމަވެސް، އޭނާ މިދާއިރާއާ ދުރަކަށް ނުދެއެވެ. ރަޙްމަތްތެރިންނާއި ސްކޫލުގެ އިސްވެރިންގެ ހިތްވަރާއެކު، އިތުރަށް ޢިލްމު ފުޅާކުރުމަށް މެލޭޝިޔާއިން މާސްޓަރސް ހެއްދެވުމަށްފަހު، ދެންވެސް މަސައްކަތް ކުރެއްވީ ކަލާފާނު ސްކޫލުގައެވެ. ކަލާފާނު ސްކޫލުގައި ޓީޗަރެއްގެ މަގާމު، ލީޑިންގ ޓީޗަރެއްގެ މަގާމު އަދި ޑެޕިޔުޓީ ޕްރިންސިޕްލުގެ މަގާމު އަދާކުރުމަށްފަހު، 2015 ވަނަ އަހަރު ޕްރިންސިޕަލެއްގެ ގޮތުގައި އަމީނިއްޔާ ސްކޫލާ ހަވާލުވެވަޑައިގެންނެވިއެވެ.

އަމީނިއްޔާ ސްކޫލާ މެދު ކުރާ އުއްމީދު
އަމީނިއްޔާ ސްކޫލަކީ ނާޒްލީންގެ ތަޢުލީމީ ހަޔާތުގެ ބޮޑުބައެއް ގުޅިފައިވާ ސްކޫލެއް ކަމުން، ގިނަ އަހަރުތަކަކަށްފަހު އަމީނިއްޔާ އަށް ވަދެވުމުން ވަރަށް އުފާވެރި އިޙްޞާޞްތަކެއް އޭނާއަށްކުރެވުނެވެ. އެ ސްކޫލުގައި ކުރެވުނު ތަފާތު ހަނދާންތައް އާކޮށްލެވުނެވެ. މާލޭގެ ސްކޫލުތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު އެއް ސްކޫލު ކަމަށްވާ އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލުގެ މަޤާމުގައި 6 އަހަރު ވީއިރު، އެ ސްކޫލާ މެދު ބޮޑު އުއްމީދުތަކެއް ނާޒްލީން ކުރައްވައެވެ. އަމީނިއްޔާ ސްކޫލަށް ރީތިނަން ހޯދާދިނުމަކީ އޭނާގެ އަޒުމެކެވެ. އަމީނިއްޔާ ސްކޫލުން ކިޔަވައިގެން ނިކުންނަ ދަރިވަރުންނަކީ އަޚްލާޤު ރަނގަޅު، އިސްލާމްދީން ދެކެ ލޯބިވާ، ކިޔެވުމަށް ޝައުޤުވެރިވާ އަދި ޤައުމަށް ޚިދުމަތްކޮށްދިނުމުގައި ވަފާތެރި ކުދިންތަކެއްގެ ގޮތުގައި ނެރުމަކީ ނާޒްލީން ދެކެމުން އަންނަ އުއްމީދެކެވެ.
ގިނަ އަހަރުތަކެއް ތަޢުލީމީ ދާއިރާ ގައި ހޭދަކުރި އަދި ކުރަމުންދާ ނާޒްލީން ދަރިވަރުންނަށް ދޭން އޮތް ނަޞޭހަތަކީ، ރަނގަޅު ނަތީޖާއެއް ހާޞިލްކުރުމަށްޓަކައި ހުރިހާ ކުދިންވެސް ގަދަ އަޅާމަސައްކަތްކުރުމާއެކު، އަޚްލާޤީ ގޮތުން ރަނގަޅު، މުޖްތަމަޢު ބަލާގަންނާނެ ފަރާތްތަކަކަށް ވުމަށް، ހުރިހާ ދަރިވަރުން ވެސް މަސއްކަތްކުރުމެވެ.
advertisment
ހިޔާލު