ޓިއުޝަން ކަޓާފާނެތީ ކުޅިވަރުތަކުގައި ދަރިވަރުން ބައިވެރިކުރުވަން ބެލެނިވެރިން ފަސްޖެހޭ: އެޑިއުކޭޝަން މިނިސްޓަރު

ކިޔެވުމަށް ދަށްވެދާނެތީ ޓިއުޝަން ކަޓާފާނެތީ ކުޅިވަރުތަކުގއި ދަރިވަރުން ބައިވެރިކުރުވަން ބެލެނިވެރިން ފަސްޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ކަލާސް އެވޯޑް ދިނުމުގެ ހަފްލާގައި އެކަމަނާ ވިދާޅުވީ އަޅުގަނޑުމެންގެ ސަގާފަތް އޮންނަގޮތުން މަދަރުސާތަކުގައި ބޮޑަށް އަހައްމިއްޔަތުކަން ދެވެނީ ދަރިވަރުން ހޯދާ ގްރޭޑަށާއި ނަތީޖާއަށް ކަމަށެވެ. މިހެންވެ ކުޅިވަރާއި ހުނަރު ތަރައްގީ ކުރުމަށް ދަރިވަރުންނަށް ލިބޭ ފުރުޞަތުތައް ހަނިވާކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ، ކިޔެވުމަށް ދަށްވެދާނެތީ، ނުވަތަ ޓިއުޝަން ކަޓާފާނެތީ ކުޅިވަރުތަކުގައި ދަރިވަރުން ބައިވެރިކުރުވަން ބެލެނިވެރިން ފަސްޖެހޭ ކަމަށެވެ. ނަމަވެސް ދުޅަހެޔޮ ދަރިވަރެއް ބިނާކުރުމަށްޓަކައި އުނގެނުމުގެ އިތުރުން އެހެން ހުނަރުތަކެއް ދަރިވަރުންގެ ކިބައިގައި އަށަގަންނުވަންޖެހޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ، ކޮންމެ ދަރިވަރަކުވެސް މަދަރުސާގައި ކިޔަވައިދޭ އިލްޒާމީ ތައުލީމް ފުރިހަމަކުރަންޖެހޭ ކަމަށާއި، ކިޔެވުމުގެ އިތުރުން މުޅި އުމުރުގައި ވެސް ކަސްރަތާއި ކުޅިވަރު ކުޅެންޖެހޭނެ ކަމަށެވެ. މަދަރުސާ ދައުރުގައި ހީވާގިކޮށް ހަރަކާތްތެރިވެ އުޅުމުގެ އާދަ ލިބިގަންނަން ވާނެ ކަމަށާއި، ކުޅިވަރުން ދަރިވަރުންނަށް ފައިދާހުރި އެތައް ކަންތައްތަކެއް ހާސިލްކުރެވޭ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ކުޅިވަރުގެ ތެރެއިން އެހެން މީހުންނާ މުއާމަލާތް ކުރަން ދަސްވުމާއި، ޖެހޭ މައްސަލަތައް ހައްލުކުރަން އެނގުމާއި ކާމިޔާބީގެ ވަގުތުގައި އުފާކުރަން ދަސްވުމާއި ނާކާމިޔާބީގެ ވަގުތުގައި ކެތްތެރިވާން ދަސްކޮށްދެވޭ ކަމަށެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *