ރޯދައަށް ތައްޔާރުވުމާއި ރޯދައިގެ މަތިވެރިކަން ބުނެދޭން ހިރާ ސްކޫލުން ތައްޔާރުކުރި 1.25 މިނިޓްގެ ވީޑިއޯއަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.
" ރައްޔާނު ގޭޓުން ވަނުމުގެ އުއްމީދާއެކު ބޯޓަށް އަރާ ވަޑައިގަންނަވާ" ގެ ނަމުގައި ގެނެސްދީފައިވާ ވީޑިއޯއިން ބުނެދެނީ ސުވަރުގޭގެ އައްރައްޔާނު ދޮރުކޮޅުން ވެންނެވުމަށް ކުރިއަށް އޮތް ރޯދަމަހު މުސްލިމުން އަމަލުތައް ބަހައްޓަންވީ ގޮތެވެ.
" އެންމެހައި ފަސިންޖަރުންގެ ސަމާލުކަމަށްޓަކައި ދަންނަވާލަން. ރަމަޟާން ފްލައިޓް ވަނީ ދިވެހިރާއްޖެއަށް ފޯރުމާ ދާދި ގާތުގައި. ރަމަޝާން 1443 އިން ދަތުރުކުރައްވާ އެންމެހައި ބައިވެރިން ރައްޔާނު ގޭޓުން ވަނުމުގެ އުއްމީދާއެކު ބޯޓަށް އަރާވަޑައިގަންނަވާ!. މި ބޯޓްގެ ކެޕްޓަނަކީ ކީރިތި ޤުރުއާން. ކޯޕައިނެޓަކީ ހެޔޮ އަމަލުތައް. އަހަރަކު އެއްފަހަރު އަންނަ މި ފުލައިޓްގެ ދިގުމިނަކީ 30 ދުވަސް" ހިރާ ސްކޫލްގެ ދަރިވަރުން ކުޅެފައިވާ އެ ވީޑއޯގައި ބުނެފައިވެއެވެ.
" ދަތުރުގެ އެންމެހައި ބައިވެރިން އީމާންކަމާއި ތަޤްވާގެ ބެލްޓް އަޅުއްވާ! ދަތުރުގައި ހޭދަކުރައްވާ ހުރިހާ ވަގުތެއްގައި އަޚްލާގުގެ ޖެކްޓް ތުރުކުރައްވަން ސަމާލުވެލައްވާ! ތިޔަބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި ދަތުރުގެ ވިހާ ހެޔޮ އަމަލު އެއްކުރައްވައި ކަޅިވައްތަކަށް ލައްވަމުން ގެންދިއުން އެދެން"
ހިރާ ސްކޫލްގެ ފޭސްކްބުކް ޕޭޖުގައި މި ވީޑިއޯ އާންމުކުރިތާ އެއް ދުވަސްތެރޭ 79،000 މީހުން ވީޑިއޯ ބަލާފައިވެއެވެ. 2400 މީހުން ވީޑިއޯ ޝެއަރކޮށް، 52 މީހަކު ކޮމެންޓް ކޮށްފައިވެއެވެ.
" ދަތުރުގެ އެންމެހައި ބައިވެރިން! މި ބޯޓަކީ ރުޅިއައުމާއި މަކަރުހެދުމާއި ދޮގުހެދުންފަދަ ކަންކަން މަނާ ބޯޓެއްކަން ހަނދުމަކޮށް އަރުވަން. ކޮންމެ ބޭފުޅެއްގެ އަތްޕުޅު ފޯރާ ފަށުގައި ކީރިތި ޤުރުއާން އަދި ދުޢާ ކާޑެއް އޮންނާނެ. މި ފޮތާއި ކާޑު ގިނަގިނައިން ކިޔުމާއި ޒިކުރު ކުރުމަށް ދަންނަވަން. ތިޔަ ބޭފުޅުން އެއްވެސް ކަމަކަށް ބޭނުންފުޅުވާނަމަ ދުޢާކުރުން އިތުރު ކުރައްވާ! ރަމަޟާން 1443 އިން ދަތުރުކުރައްވަން ލިބިވަޑައިގެންނެވީތީ ހަމްދުކުރައްވާ! މި ދަތުރުގެ ބޭނުން ހޮޔެގޮތުގައި ހިއްޕަވައިގެން ނަރަކައިން މިންޖުވާ އަޅުންގެ ތެރެއިން ލައްވަވާތޯ ގަދައަޅައި މަސައްކަތް ކުރައްވާނެ ކަމަށް ޔަގީންކުރަން. އަމާން ދަތުރަކަށް އެދެން"
އަހަރަކު އެއްފަހަރު މުސްލިމުންނާ ބައްދަކުކުރާ ރޯދަމަސް، ހިރާ ސްކޫލުން ސިފަކޮށް ކުރު ވީޑިއޯއަކުން ގެނެސްދީފައިވާ ގޮތް ސާދާވެފައި އެހާމެ ފަށުވިއެވެ.
" ނަމޫނާ މިސާލެއް. ދަރިވަރުންނަށް ދެއްކެވި ހެޔޮ ތަރުބިއްޔަތެއް. މި އުފެއްދުންތެރި ޚިޔާލަށް މަރުޙަބާ ދަންނަވަން.މިފަދަ އުފެއްދުންތައް އިތުރައް ފެންނާނެ ކަމައް އުއްމީދުކުރަން" މި ވީޑިއޯއަށް ކޮމެންޓް ކުރި މީހަކު ބުނެފައިވެއެވެ.
" ވަރަށް ފުރިހަމަ ޢިބްރަތުން ފުރިގެންވާ ކުރު އެހެނަސް މާނަ ފުން މެސެޖެއް" އެހެން މީހަކު ކުރި ކޮމެންޓެއްގައި ބުނެފައިވެއެވެ.
ހިރާ ސްކޫލަކީ އައްޑޫސިޓީ ހިތަދޫގައި އަމިއްލަ ފަރާތަކުން ހިންގާ ސްކޫލެކެވެ.
advertisment
ހިޔާލު