ފާއިތުވި އަހަރު މަޖީދިއްޔާ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް މޫސާ މަނާލް އަބްދުލް މަޖީދު ރޭ ހޮވައިފިއެވެ.
އެންމެ މޮޅު ދަރިވަރުގެ ގޮތުގައި މަޖީދިއްޔާ ސްކޫލުން ހޮވާ "ގޯލްޑް" އެވޯޑް ގެ މަގާމް ހޯދި މަނާލް ވަނީ ނިމިގެން ދިޔަ އަހަރު ބޭއްވި ސާނަވީ އިމްތިޙާނުން ހަތް މާއްދާއިން އޭ ސްޓާއާއި އެއް އޭ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ދެ ވަނަ ހޯދާފައެވެ.
މަޖީދިއްޔާގެ އެންމެ މޮޅު ދެވަނަ ދަރިވަރަށް ދޭ "ސިލްވަރ" އެވޯޑް ހޯދީ މުޙައްމަދު ނޫރަން އިމްތިޔާޒެވެ. އޭނާ ވެސް ވަނީ ހަތް މާއްދާއިން އޭ ސްޓާއާއި އެއް އޭ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ދެ ވަނަ ހޯދާފައެވެ.

ތިން ވަނައަށް ދޭ ބްރޯންޒް އެވޯޑް ދެ ދަރިވަރަކު ހޯދިއެވެ. އެއީ އަބްދުﷲ ޝަޔާން ޝަފީއުއާއި އިސްމާއިލް ނާސިފެވެ. ޝަޔާން ވަނީ ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ ތިން ވަނަ ހޯދާފައެވެ. ނާސިފު ވަނީ ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ އެއް ވަނަ ހޯދާފައެވެ.
2020-2021 ވަނަ އަހަރުގެ ސާނަވީ އިމްތިޙާނުގައި މަޖީދިއްޔާ ސްކޫލްގެ 25 ދަރިވަރުން ވަނީ ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައެވެ.
މަޖީދިއްޔާ ސްކޫލްގައި ރޭ ބޭއްވި އިނާމް ދިނުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. އެ ހަފްލާގައި 69 ދަރިވަރަކު 211 އިނާމް ހޯދިއެވެ.
advertisment
ހިޔާލު