" ދުޅަހެޔޮ ހަށިހެޔޮ ދުވަސް" ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފާހަގަކުރަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
ފުރަތަމަ ފަހަރަށް ފާހަގަކުރާ މި ދުވަސް މި އަހަރު ފާހަގަކުރާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ހުރިހާ ސްކޫލެއްގައި ވެސް މި ދުވަސް ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށާއި، އެއް ދުވަހުގެ ހަރަކާތްތަކެއްގެ ގޮތުގައި މި ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. ދުވަހުގެ ހަރަކާތްތައް ފަށަން ހަމަޖައްސާފައި ވަނީ ފަތިސް ނަމާދުންނެވެ.
ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި އެ ދުވަހު ފަތިހު، ހުރިހާ ސްކޫލެއްގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިން ބައިވެރިވާ އެއް ކިލޯމީޓަރުގެ ޚާއްސަ ދުވުމެއް ބާއްވަން ވަނީ ނިންމާފައެވެ. މި ދުވުން ފައްޓަވައި ދެއްވާނީ މާލޭ ޓްރެކް ދަނޑުގައި، އެޑިއުކޭޝަން މިނިސްޓަރެވެ. މި ދުވުމުގައި ކޮންމެ ޕްރީ ސްކޫލަކުން ދެ ދަރިވަރުން، އެހެން ސްކޫލްތަކުން ކޮންމެ ގުރޭޑަކުން ދަރިވަރަކު ބައިވެރިވާނެއެވެ. އަތޮޅު ތެރޭގައި މި ދުވުން ކުރިއަށް ގެންދާނީ ސްކޫލްތަކުން ކަނޑައަޅާ ތަނެއްގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ދުވަހުގެ އެސެމްބްލީ ދެ ދަންފަޅީގައިވެސް ބާއްވާނެ ކަމަށާއި، ދުވަހާގުޅޭގޮތުން މިނިސްޓަރ ދެއްވާ މެސެޖު އެސެމްބްލީގައި އިއްވާނެ ކަމަށެވެ. އަދި ހެލްތު އެންޑް ނިއުޓްރިޝަންއާ ގުޅޭ ގޮތުން ފަންނީ ބޭފުޅުން މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށް ދޭނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހުރިހާ ސްކޫލެއްގައި ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދާއިރު، ދަރިވަރުންނަށް ބައިވެރި ވެވޭނޭ ގޮތަށް ފެސްޓިވަލްގެ ގޮތުގައި ޙަރަކާތްތައް ކުރިއަށް ގެންދިއުމާއި ކޮންމެ ދަރިވަރަކު ވެސް އެއް ޙަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ސްކޫލްތަކަށް އަންގާފައިވާނެ ކަމަށެވެ.
ހުރިހާ އުމުރުފުރައެއްގެ ދަރިވަރުންނަށް ބައިވެރިވެވޭނެ ފަދަ ޙަރަކާތްތައް ހިންގަން ވެސް ބާރު އަޅާފައިވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
"ދުޅަހެޔޮ ހަށިހެޔޮ ދުވަސް" ފާހަގަކުރުމުގެ ގޮތުން ބާއްވާ ކުޑަކުދިންގެ ހަވީރު އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ.
advertisment
ހިޔާލު