ރޯދަމަހު ކިޔަވައިދޭނީ ގިނަ ވެގެން ތިން ގަޑިއިރަށް

އަންނަ ރޯދަމަހު ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދާނީ ގިނަ ވެގެން ތިން ގަޑިއިރަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ބުނެފައި ވަނީ ރޯދަ މަހުގެ އިތުރުން ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ވެސް ކިޔެވުން ކުރިއަށް ގެންދާނީ ވެސް ތިން ގަޑިއިރަށް ކަމަށެވެ. އީދާ ވިދިގެން އަންނަ ޝައްވާލް މަހުގެ ހަ ދުވަހުގެ ސެޝަންތައް ވެސް ކުރުކޮށްފައި ވަނީ ސުންނަތް ރޯދަ ހިފުމުަށް އިސްކަން ދިނުމުގެ ގޮތުންނެވެ.

މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވާ ގޮތުން ހެނދުނުގެ ދަންފަޅ ފަށަން ޖެހެނީ 8:30-9:00 ދެމެދުގައެވެ. ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގެ ކިޔެވުން ވެސް ހެނދުނު 8:30 އާއި 3:00އާ ދެމެދަށް ފައްތަން ޖެހެއެވެ.

ގަޑިތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ތަފްސީލް ދެމުން ބުނެފައި ވަނީ އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނަށް ކިޔެވުން  ގެންދާނީ ދޮޅު ގަޑިއިރަށެވެ. ދެ ގަޑިއިރާއި 30 މިނިޓަށް 1-6 ގެ ދަރިވަރުންނަށް ކިޔަވައިދޭއިރު، ގުރޭޑް 7ން މަތީގެ ދަރިވަރުންނަށް ކިޔަވައިދޭނީ ތިން ގަޑިއިރުއެވެ.

ގަޑިތަކަށް ގެނައި ބަދަލާއެކު ވަކި ވަކި މާއްދާތަކުގެ ދިގުމިން 30-45 މިނެޓަށް ފައްތައި، ހަފްތާއެއްގެ ތެރޭގައި ހުރިހާ މާއްދާއެއް ކިޔަވައިދެވޭ ގޮތަށް ތައިމްޓޭބަލް ރޭވުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ސާކިއުލާގައި ބުނެފައިވެއެވެ.

ރޯދަމަހު ކިޔަވައިދޭ ގަޑިތަކަށް ގެނައި ބަދަލާއެކު މުދައްރިސުންގެ މަސައްކަތު ގަޑި ވެެސް ހަތަރު ގަޑިއިރަށްވުރެ އިތުރު ނުކުރުމާއި، ސްކޫލްތަކުން ކުރިއަށް ގެންދާ ހަރަކާތްތައް ވެސް ހަވީރު 4:00ގެ ފަހުން ކުރިއަށް ނުގެންދަން ވަނީ ބުނެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *