ޝާމިލު ވެއްޓެއް ޤާއިމުކުރުމުގައި، ވަސީލަތާއި ހުނަރުގެ އިތުރުން އެންމެންގެ ވިސްނުން ވެސް ބަދަލުކުރަން ޖެހޭ: އެޑިއުކޭޝަން މިނިސްޓަރު

ޝާމިލުވެއްޓެއް ޤާއިމުކުރުމުގައި، ވަސީލަތްތަކާއި ހުނަރުގެ އިތުރުން ސްކޫލު މުޖުތަމަޢުއަށް ނިސްބަތްވާ އެންމެންގެ ވިސްނުންވެސް ބަދަލުކުރަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު، ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ލޮލަށް ނުފެންނަ ކުދިންނަށް ދިވެހި ކިޔަވައިދެވޭނެ ގޮތަށް ފަރުމާކުރި ރާއްޖޭގެ ފުރަތަމަ ސްކްރީމް- ރީޑިންގ ސޮފްޓްވެއަރ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ތަޢުލީމުގެ ޤާނޫނުގައިވާ ގޮތުން ރާއްޖޭގެ ހުރިހާ މަދަރުސާއެއްގައި  އެއްވެސް ތަފާތުކުރުމަކާނުލައި ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ ކަމަށެވެ. ނަމަވެސް، މިކަން ތަންފީޒުކުރުމުގައި އެކި ބާވަތުގެ ހުރަސްތަކާއި އުނދަގޫތައް ދިމާވާ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

" މިހެން ދިމާވާ ސަބަބަކީ، ހުރިހާ އެންމެންނަކީ އެއް ތައްގަނޑަކުން ނުކުންނަ ބަޔަކަށް ނުވާކަން. ކޮންމެ މީހަކީ ތަފާތު، ވަކި ޞަޚުސަކަށް ވާކަން ވަކި ނަފުސަކަށް ވާކަން. ކޮންމެ އިންސާނަކީ ނާދިރު މީހެއްކަމަށް ވާކަން" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އަޅުގަނޑުމެންގެ މަދަރުސާތަކުގައި އުޅޭ ކޮންމެ ކުއްޖަކީ، ބޭރުފުށުން އެއްގޮތް ކުއްޖެއްކަމަށް ފެނުނަސް، ކޮންމެ ކުއްޖަކީ، އަމިއްލަ ދުނިޔެއެއްގައި، އެހެން ކުދީންނާ ތަފާތު ވެއްޓެއްގައި، ތަފާތު ވިސްނުމަކާއި ފިކުރެއްގައި އުޅޭ ކުއްޖެއް ކަމަށެވެ.

" އެއްވެސް ދެ ކުއްޖަކަށް، މި ދުނިޔެއަކީ އެއްގޮތްތަނެއް ކަމަކަށް ޙިއްސުތަކުން އިޙްސާސެއް ނުކުރެވޭ. ފިކުރަކުން ފަހުމެއް ނުވޭ! ކޮންމެ ކުއްޖެއްގެ ދުނިޔެވީ ޙަޤީޤަތަކީ ތަފާތު އެއްޗެއް" މިނިސްޓަރު، ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

" ވީމާ، އެއްގޮތް ނަތީޖާއެއް ނެރުމަށް ކޮންމެ ކުއްޖަކާ ދޭތެރޭ ޢަމަލު ކުރަންޖެހެނީ ތަފާތުގޮތަކަށް. ނުކުންނަ ނަތީޖާ އެއްގޮތް ކުރެވޭނީ މި ތަފާތު ގެނެސްގެން"

މިނިސްޓަރު ވިދާޅުވީ، ތަޤްދީރާއި ނަޞީބު އެކި މީހުންނަށް މާތް ﷲ މިންވަރުކުރައްވާގޮތުން، ބައެއް ކުދީން އެހެން ކުދީންނާ ވަރަށް ތަފާތު. ބައެއް ކުދީންގެ ޙިއްސުތައް ހަމައެއް ނޫން. މިސާލެއްގެ ގޮތުން މުޅި ދުނިޔެ، އެކި ދަޅައިގެ އެކި މިންވަރުގެ ކަޅާއި ހުދުން ފެންނަ ކުދީން އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ކަމަށެވެ.

ކުދީން ވިހާއިރު ވެސް، ފެނުމުގެ ނުކުޅެދުންތެރިކަން ހުރޭ. އަދި އަނެއް ބައި ކުދީންނަށް ދިމާވާ ބަލިތަކާއި އެކްސިޑެންޓްތަކުގެ ސަބަބުން ލޮލުގެ ފެނުން ގެއްލޭ. މިއިން ކޮންމެ ކުއްޖަކުވެސް، އެކުއްޖެއްގެ ކިބައިގައި ފޮރުވިފައިވާ ޠަބީޢީ ޤާބިލްކަން ހޯދައި  އެ ތަމްރީނުކޮށް ތަރައްޤީ ކުރުމަކީ، ޤާނޫނު ލާޒިކުރާކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

" މަދަރުސާތައް މެދުވެރިކޮށް ކުދީންނަށް ނަތީޖާ އެއްގޮތްވާނޭ ތަޖުރިބާތަކެއް ދިނުމަށް، ކޮންމެ ކުއްޖަކަށްވެސް ބައިވެރިވެވޭނޭ، ކޮންމެ ކުއްޖެއްވެސް ޝާމިލުކުރެވޭނޭ ވެއްޓެއް އުފެއްދުމަކީ މަދަރުސާތަކުގެ މައްޗަށް ވާޖިބުކަމެއް" މިނިސްޓަރު މިއަދު ވިދާޅުވިއެވެ.

ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމަކީ ހަމައެކަނި މުދައްރިސުން ބޭނުންކުރާ އުކުޅުތަކަކުން ނުވަތަ ބޭނުންކުރާ ވަސީލަތްތަކަކުން ފުރިހަމަކުރެވޭނެކަމެއް ނޫން ކަމަށާއި، ފުރިހަމަ ޝާމިލުވެއްޓެއް ބިނާ ކުރުމުގައި ސްކޫލު މުޖުތަމަޢުގައި ހިމެނޭ އެންމެންގެ ވިސްނުން ވެސް އިންކްލޫސިވްވާން ޖެހޭ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

" އަޅުގަނޑުމެން ޤަބޫލުކުރަންވީ ޙަޤީޤަތަކީ ނުކުޅެދުންތެރިކަމަކީ ވަކި ދަރިވަރެއްގެ ގައިގައި ހުރި ސިފައެއް ނޫންކަން. އަދި  ހުރިހާ ދަރިވަރުންނަކީ ވެސް ތަފާތު ކުދިންނަށް ވީހިނދު ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދޭން ނުކުޅެދެނީ ވަށައިގެންވާ ވެށިކަން"

ނުކުޅެދުންތެރިކަން ހުންނަކުދިން ބައިވެރިކުރުމުގެ ނިޔަތުގައި ސުކޫލުގައި އޮންނަ ކަމެއްގައި ހަމަ އެކަނި އެކުދީން ހިމެނޭ ހަރަކާތެއް ގެނެސްދިނުމަކީ އެކުދިން ޝާމިލުކުރުމެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެފަދަ އެކުދިން ޝާމިލުކުރެވޭނީ އެހެން ދަރިވަރުންވެސް ހިމެނޭ ހަރަކާތެއްގައި އެކުދީންގެ ހުނަރު ދައްކާލަން ފުރުޞަތު ލިބިގެން ކަމަށެވެ. އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާ އިޝާރާތުން ވާހަކަ ދައްކަން ސްކޫލުގެ އެހެން ދަރިވަރުންނާއި މުވައްޒަފުންނަށް ދަސްކޮށްދީގެންނެވެ.

މިނިސްޓަރު ވިދާޅުވީ، ހަމަހިމޭންކަމާއި ހަމަޖެހުން މުޖުތަމަޢުގައި ޤާއިމްވާނީ، އެހީތެރިކަމާއި އަޅާލުމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ތަރަހަކަމަށް ހެދިގެންނެވެ. އަދި އަނެއްކުއްޖާގެ ހުންނަ ތަފާތުކަމަށް ނުބަލައި އެކަކު އަނެކަކަށް އެހީތެރިވެދިނުމުގެ ރީތި ސިފަ ދަރިވަރުންނަށް ދަސްކޮށްދެވިގެންނެވެ. އަދި ހުރިހާ ދަރިވަރުންނަށް އަމިއްލަ ހާލަތާއެކު އުޅެވޭނެ މަގުފަހިކޮށްދީ އެކަމަށް ބާރު އެޅިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *