ބަހާއި ހިސާބު ޢިލްމުގެ ޤައުމީ އިސްތިރާޖާއި، އުނގެނުމުގެ އިތުރު އެހީ ދިނުމުގެ އިސްތިރާޖު ތަންފީޒުކުރަން ފަށައިފި

އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ

ޤައުމީ މަންހަޖުގައި ހިމެނޭ ފައުންޑޭޝަން ސްޓޭޖާއި، ކީސްޓޭޖް 2 ގެ ދަރިވަރުންގެ އުނގެނުމުގެ މަރުޙަލާ ފަސޭހަކޮށްދިނުމަށްޓަކައި ބަހާއި ހިސާބު ޢިލްމުގެ ޤައުމީ އިސްތިރާޖު 2022-2027 އާއި އުނގެނުމުގެ އިތުރު އެހީ
ދިނުމުގެ އިސްތިރާޖު (ސްޓްރެޓެޖީ) ތަންފީޒުކުރަން ފަށައިފިއެވެ.

މިކަމަށްޓަކައި މިއަދު ފެކަލްޓީ އޮފް ހެލްތް ސައިސެންގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ލިޓްރެސީ އާއި ނިއުމެރަސީ ނުވަތަ ބަހާއި ހިސާބު ޢިލްމު އުގެނުމާއި އުގަންނައިދިނުން ހަރުދަނާކޮށް، ދަރިވަރުންގެ ކިބައިގައި މި ދެ ޢިލްމުގެ ފުރިހަމަ ބިންގަލެއް
އެޅިގެންނޫނީ ފޭރާންހެޔޮ ތަޢުލީމެއްގެ ފުރުސަތު ހޯދައެއްނުދެވޭނެ ކަމަށެވެ. އަދި މި ދެ ޢިލްމަކީ މަދަރުސާއަކުން ލިބިދެވޭނެ އެންމެ މުހިއްމު ހުނަރުކަމަށާއި ބަހާއި ހިސާބު ޢިލްމުގެ ހުނަރުތަކަށް ފާގަތި ދަރިވަރުންނަކީ މުޖުތަމަޢުގައި ކާމިޔާބު ކަމާއެކު އަމިއްލަ ފަރުދުންގެ ގޮތުގައި އަބުރުވެރިކަމާއެކު ދިރިއުޅުމަށް ފައްކާ ވެފައިވާ ދަރިވަރުންތަކަކަށްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


މީގެ އިތުރުން މިނިސްޓަރ ވަނީ މިދެ އިސްތިރާޖު ތަންފީޒު ކުރުމަށް ނިންމާފައިވާ ކަންތައްތައް ކާމިޔާބުކަމާއެކު ފުރިހަމަކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެކިއެކި ސެކްޝަން ތަކާއި، އެހެނިހެން މުއައްސަސާތަކުން
ދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. ޤައުމީ މަންހަޖުގައި ހިމެނޭ ފައުންޑޭޝަން ސްޓޭޖާއި، ކީސްޓޭޖް 2ގެ ދަރިވަރުންގެ އުނގެނުމުގެ މަރުހަލާ ފަސޭހަކޮށްދިނުމަށްޓަކައި ތަންފީޒުކުރަން ފެށުނު މި އިސްތިރާޒުގެ ދަށުން ލިޓްރަސީ އެންޑް މެތެމެޓިކްސް އެމްބެސެޑަރުންނަށް ދެވޭ ތަމްރީނު ޕްރޮގްރާމުވެސް މިއަދު މިވަނީ ފަށާފައެވެ.

މާރިޗް މަހުގެ 20އިން 22 އަށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ 131 ސްކޫލަކުން ބައިވެރިވެއެވެ. މި ތަމްރީނު ޕްރޮގްރާމުގެ މަޤްސަދަކީ ބަހާއި ހިސާބު ޢިލްމު އުންގަންނައިދިނުމަށްޓަކައި މި ޕްރޮޖެކްޓުގައި ހިމެނޭ ކޮންމެ ސްކޫލަކުން ޓީޗަރަކު ތަމްރީނުކުރުމެވެ. އަދި ތަމްރީނުކުރެވޭ ޓީޗަރު މެދުވެރިކޮށް ސްކޫލުގެ އެހެން ޓީޗަރުންނަށް މި ތަމްރީނު ޕްރޮގްރާމް ހިންގުމެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ޔުނިސެފާއި ގްލޯބަލް ޕަރޓްނާޝިޕް ފޮރ އެޑިޔުކޭޝަން އިން ރާއްޖެއަށް ލިބުނު ހިލޭ އެހީއާއެކު ޤާއިމުކުރެވުނު "ލޭމްޕް" ޕްރޮޖެކްޓުން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. އަދި މި ތަމްރީނު
ޕްރޮގްރާމް ފެސިލިޓޭޓްކުރައްވާނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުގެ ޓީޗަރ ޑިވެލޮޕްމެންޓް ޔުނިޓުގެ ޓީޗަރ ރިސޯސް ސެންޓަރުގެ ކޯޑިނޭޓަރުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *