ދިއްދޫ ޖޫނިއަރ ކޮލެޖަށް ހަ ފަރާތަކުން ބީލަން ހުށަހަޅައިފި

ދިއްދޫ ޖޫނިއަރ ކޮލެޖަށް ހަ ފަރާތަކުން ބީލަން ހުށަހަޅައިފިއެވެ.
މި ޕޮރޮޖެކްޓްގެ ކޮންސްޓަރަކްޝަން މަސައްކަތަށް ހުޅުވައިލި ޓެންޑަރގެ ބީލަން ހުޅުވުން އޮތީ މިނިސްޓްރީ އޮފް ފިނޭންސްގައި މިއަދު އެވެ.
ދިއްދޫ ކޮލެޖަށް ދެވަނަ ފަހަރަށް ބީލަން ހުށަހަޅަން ހުޅުވާލީ، ބީލަމް ކަރުދާހުގައި ހިމަނާފައިވާ ބީއޯކިއު އާއި ކުރެހުމުގައި އޮޅުންއަރާ ކަންތައްތަކެއް ހުރިކަން ޓެންޑަރ ބޯޑުން ފާހަގަކޮށް، އެ އެ ފަހަރު ހުށަހެޅި ބިޑުތައް ބާޠިލް ކުރުމުންނެވެ. ދެވަނަ ފަހަރަށް މި މަސައްކަތް ރީ-ޓެންޑަރކޮށްފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުއެވެ.
ހއ.ދިއްދޫގައި ބިނާކުރާ މި ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ އަދި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. އެހެނަސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގުމަށް މަގުފަހިވާނެއެވެ.
މި ޖޫނިއަރ ކޮލެޖް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 30،000 އަކަފޫޓްގެ ޖާގައިގައެވެ. މި ޕްރޮޖެކްޓް އެއްކޮށް ނިމޭއިރު އިންސްޓިޓިއުޓްގައި ކިޔަވައިދިނުމަށް ބޭނުންކުރާނެ ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ.
މި ޖޫނިއަރ ކޮލެޖުގައި ފުޑް ޕްރޮސެސިންގ ލެބަކާއި، ފުޑް ޓެސްޓިންގ ލެބަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން އަށް ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މީގެ އިތުރުން ވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓްވެސް ހުންނާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *