ޅ.އަތޮޅު ތައުލީމީ މަރުކަޒުގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ހާލު އޮޅުންފިލުވައިފި

ހިއުމަން ރައިޓްސް ކޮމިޓީއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން.ފޮޓޯ؛ ޅ.އަތޮޅު ތައުލީމީ މަރުކަޒު

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން  ޅ.އަތޮޅު ތައުލީމީ މަރުކަޒާއި ބައްދަލުކޮށް އެ ސްކޫލުގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ހާލަތު އޮޅުން ފިލުވައިފިއެވެ. އެ ކޮމިޝަންގެ ޓީމުގެ މި ބައްދަލުވުމުގައި، ސްކޫލް މެނޭޖްމަންޓާއި، ނުކުޅެދޭ ދަރިވަރުންގެ ބެލެނިވެރިންނާއި އެ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނާއިވެސްވަނީ ބައްދަލުކޮށްފައެވެ.

ޅ.އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މި ބައްދަލުވުމުގައި، ސްކޫލްގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އަދަދާއި، އެކުދިންނަށް ކިޔަވައިދިނުމުގައި ދިމާވެފައިވާ ދަތިތަކާއި ސްކޫލްގެ މާހައުލަކީ އެ ކުދިންނަށް އެކަށީގެންވާ މާހައުލެއްތޯ ބެލުމުގެ އިތުރުން ސްކޫލުން އެކުދިންނަށް ފަހިކޮށްދީފައިވާ ފުރުސަތުތަކަކީ ކޮބައިކަން ވަނީ އޮޅުން ފިލުވާފައެވެ.

އެ ސްކޫލްގެ އިމާރާތަކީ ކުރީގެ އިމާރާތަކަށްވުމާއެކު ބައެއް ތަންތަން ނުކުޅެދޭ ކުދިން ބޭނުންކުރަން ދަތިތަކެއް ހުރިކަމަށާއި އެ ގޮތުން ސްކޫލްގައި ވޯކްވޭއެއް ނެތުމުގެ ސަބަބުން ވީލްޗެއަރ ބޭނުންކުރާ ދަރިވަރުންނަށް ފާހާނައަށް ދިޔުމަށް ދަތިކަން ކުރިމަތިވާކަން އެ ސްކޫލުންވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ޖާގައިގެ ދަތިކަމަކީ، އެ ސްކޫލަށް ކުރިމަތިވެފައިވާ ބޮޑު އެއް މައްސަލައެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ޓީމުން ބޭއްވި ބައްދަލުވުމުގެ ތެރެއިން.ފޮޓޯ؛ ޅ.އަތޮޅު ތައުލީމީ މަރުކަޒު

ޅ.އަތޮޅު ތައުލީމީ މަރުކަޒުގައި ހާއްސައެހީއަށް ބޭނުންވާ 20 ދަރިވަރުން ތިބިއިރު އެ ސްކޫލްގައި މި ކުދިންނަށް ހާއްސަކޮށް ކިޔަވައިދޭން ތިބީ 5 މުދައްރިސުންނެވެ. އެ ސްކޫލުން ފާހަގަކުރާ ގޮތުގައި މުދައްރިސުންގެ ދަތިކަމަކީ މި ކުދިންނަށް އެންމެ އެކަށީގެންވާ ގޮތުގައި ކިޔަވައިދިނުމަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ޓީމުންކުރި މި ދަތުރުގައިވަނީ،  ހިންނަވަރު ކައުންސިލާވެސްވަނީ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ނުކުޅެދޭ ކުދިންގެ ހާލަތާއި އެކުދިންނަށް ހުރި ފުރުސަތުތައް އޮޅުންފިލުވައި، ނުކުޅެދޭ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކޮށް އެ ފަރާތްތަކުގެ ހާލަތުވެސްވަނީ އޮޅުންފިލުވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *