ޓިއުޝަން ޓީޗަރަށް ބަރޯސާ ނުވެ އުނގެނޭނެ މާހައުލެއް މުދައްރިސުން ފަހިކޮށްދޭންޖެހޭ: ޕްރިންސިޕަލް ނާޒްލީން

ޓިއުޝަން ޓީޗަރަށް ބަރޯސާ ނުވެ އުނގެނޭނެ މާހައުލެއް ސްކޫލްގެ ތެރެއިން ދަރިވަރުންނަށް މުދައްރިސުން ފަހިކޮށްދޭންޖެހޭކަމަށް އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވެއްޖެއެވެ.

2020-2021 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ޕްރިންސިޕަލް ނާޒްލީން ވިދާޅުވީ، ގައުމަށް ފަވާތެރި ދަރިއެއްގެ ގޮތުގައި ކުރިއަށް ދިއުމަށް އަޒުމް ކަނޑައަޅާއިރު، ހުރިހާ ދަރިވަރުންނަކީ ވެސް ގުޅިގެން މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. ކިޔެވުމާ ކުޅިވަރާއި ދުނިޔެވީ އެހެނިހެން ކަންކަމުގައި މުރާލިކަމާއެކު ކާމިޔާބު ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ނާޒްލީން ވިދާޅުވި ގޮތުގައި، ކޮންމެ ޓީޗަރަކުވެސް ވިސްނަނީ ޓިއުޝަން ޓީޗަރަށް ބަރޯސާ ނުވެ ސްކޫލްގެ ތެރެއިން އޭނާއަށް އުނގެނެވޭނެ ގޮތަށް މަގުފަހިކޮށް ދެވޭތޯއެވެ.

" އެކުދިންނަށް ދަސްކޮށްދޭންވީ އުނގެނުނު އެއްޗަކާ ގުޅުވައިގެން އިތުރު ހޯދުންތައް ހޯދައި މައުލޫމާތު މުއްސަނދި ކުރާނެ ގޮތްތައް. ޓީޗަރުންނަކީ ޒަމާނަށް ހޭލައި ތިބެ، ހުރިހާ މާނައެއްގައި ދަރިވަރުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރާ ބައެއް" ނާޒްލީން ރޭ ވިދާޅުވިއެވެ.

އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދާ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ، ދުނިޔެއަށް ބަދަލުތަކެއް އަންނަމުންދާ ކަމަށާއި އެ އަންނަ ބަދަލާއެކު ތަޢުލީމުގެ ތެރެއިން ބާރު ހޯދަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މުސްތަގުބަލް ހަރުދަނާ ކުރުމަށްޓަކައި ފައިދާ ހުރި ގޮތުގައި މި ބަދަލުތައް ބަލައިގަންނަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ނާޒްލީން ވިދާޅުވީ ދުނިޔެއަށް މިއަންނަ ބޮޑު ބަދަލާއެކު އޮޔާއި ވައިގެ ތެރެއިން އަޅުގަނޑުމެން ލޯބިވާ ދަރިންނަށް ދޭންޖެހޭ ރައްކާތެރިކަން އިހުނަށްވުރެ ބޮޑަށް މިހާރު މިވަނީ ޖެހިފައިވާ ކަމަށެވެ. ލޯތްބާއި ކުލުނުވެރި ވެއްޓެއްގައި ކުދިން ބޮޑުކުރެވޭތޯ ވަރަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، އެއީ ކުދިންގެ އުފަލާއި މާޔޫސްކަމުގައި ވެސް ބައިވެރިންނަކީ ބެލެނިވެރިން ކަމުގައި ވާތީ ކަމަށެވެ.

" މަތީ ގުރޭޑްތަކުގައި އުޅޭ ދަރިވަރުން ކަމުގައި ވިޔަސް ކޮންމެ ދުވަހަކު ވެސް ބެލެނިވެރިންނާއެކު ވަގުތު ކޮޅެއް ހޭދަކޮށްލާ އަދި ކުދިން ސްކޫލްގައި ވެސް ކުރަނީ ކޮންކަމެއްތޯ ބަލައި އޮޅުން ފިލުވައި މަޝްވަރާކޮށްލުމަކީ ވަރަށް މުހިންމު ކަމެއް. އެކުގައި އުޅޭ ރަހުމަތްތެރިންނަކީ ވެސް ނުފޫޒު ގަދަ ބައެއް ކަމުގައި ދެކިގެން ދަރިން ޚިޔާރުކުރާ ގާތް ރަހުމަތްތެރިންނަކީ ކޮބާތޯ  ބަލައި އެ ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކުރަނީ ކޮންގޮތަކަށްތޯ ބަލައި ގާތުން މޮނީޓަރ ކުރަންޖެހޭ" ބެލެނިވެރިންނަށް އަމާޒުކޮށް ނާޒްލީން ރޭ ވިދާޅުވިއެވެ.

" ދުނިޔެ ބަވަނަވެ ޤައުމުތަކުގެ އިންފާރުތައް ފޫއަޅުވާލާފައި މި ދަނީ އެތައް އާ ކަންތައްތަކެއް އަޅުގަނޑުމެންނަށް ތައާރަފުވަމުން. އިންފޮމޭޝަން ޓެކްނޮލޮޖީ ގެނައި އިންގިލާބުގެ ސަބަބުން ބޭނުންވާ ކޮންމެ މައުލޫމާތެއްވެސް ހިއްސާކުރެވޭނެ މަގު މި ވަނީ ތަނަވަސްވެފައި. ސޯޝަލް މީޑިއާގެ ބޭނުން ހެޔޮގޮތުގައި ބޭނުން ހިފަން ދަރިންނަށް ދަސްކޮށްދޭންޖެހޭ. ސްކްރީންގައި ހޭދަކުރާ ވަގުތު ކޮންމެވެސް ވަރަކަށް މަދުކޮށް އާއިލާގެ މެމްބަރުންނާއެކު ހޭދަކުރާ ވަގުތު ގިނަކުރަންޖެހޭ. ގޭތެރޭގައި ކުރާ މަސައްކަތްތަކުގައި ބެލެނިވެރިންނާއެކު ދަރިވަރުން ބައިވެރިކުރަން އެބަޖެހޭ"

އަމީނިއްޔާ ސްކޫލުގެ 226 ދަރިވަރުން ވަނީ 2020-2021 ވަނަ އަހަރު ސާނަވި އިމްތިޙާނުގައި ބައިވެރިވެފައެވެ. އޭގެ ތެރެއިން 37 ދަރިވަރަކު ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައި ވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *