ތުރާކުނު ސްކޫލް މުވައްޒަފުންގެ އިސްނެގުމުގެ މަތިން ދުއްވާ އުޅަނދު ސާފުކުރުމުގެ ޕްރޮގްރާމެއް އެރަށުގައި ކުރިއަށް ގެންގޮސްފިއެވެ. އެ ސްކޫލްގެ ޕްރިންސިޕަލް އަހްމަދު ނިޒާރު ވިދާޅުވީ މިއީ އެ ސްކޫލުން ފަންޑްރައިޒް ކުރުމަށްޓަކައި ހިންގި ޕްރޮގްރާމެއްކަމަށެވެ.
ތުރާކުނު ސްކޫލް ސްޓާފް ރިކްރިއޭޝަން ކްލަބުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ، އެ ކްލަބުން ކުރިއަށް ގެންދާ އެކި ހަރަކާތްތަކާއި ސްކޫލްގެ އަދި ރަށުގެ އެކި ހަރަކާތްތަކަށް ފަންޑް ކުރުމަށްޓަކައި އެ ކްލަބުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
އެ ކްލަބުން ކުރިއަށް ގެންދާ އެކި ހަރަކާތްތަކަށް މި ޕްރޮގްރާމުން ލިބޭ ފައިސާއިން ހަރަދުކުރާނެކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް މައުލޫމާތު ދެއްވިއެވެ. އެ ގޮތުން ސްޓާފުންގެ އަގު ވަޒަންކުރުމަށްޓަކައި ބާއްވާއެކި ހަފްލާތަކާއި ސްޓާފުންގެ ފެއަރވެލް ޕާޓީތަކަށް މި ފައިސާއިން ހަރަދު ކުރާނެކަމަށްވެސް އެ ސްކޫލް ޕްރިންސިޕަލް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް މުވައްޒަފުންގެ ދުޅަހެޔޮކަމަށް އެ ކްލަބުން ހިންގާ އެކި ހަރަކާތްތަކަށްވެސް މި ފައިސާއިން ހަރަދުކުރާނެއެވެ. ރަށުގެ އެކި ފަރާތްތަކުގެ ދުއްވާ އުޅަނދު ސާފުކުރުމުގެ ޕްރޮގްރާމް އެ ސްކޫލްގެ މުވައްޒަފުން ކުރިއަށް ގެންގޮސްފައިވަނީ ރަށުގައި އިޝްތިހާރުކޮށް އާންމުންނަށް އެންގުމަށްފަހުއެވެ.
ތުރާކުނު ސްކޫލް ސްޓާފް ރެކްރިއޭޝަން ކްލަބްއަކީ، ސްކޫލްގެ އެކި ހަރަކާތްތަކާއި ރަށުގައި އެކި ކަންކަމުގައި ސްކޫލް ތަމްސީލުކުރަމުންދާ ކްލަބްއެވެ. ކޮންމެ އަހަރަކުވެސް ހިންގާނެ ވަކި ހަރަކާތްތަކެއް ކުރިއާލާ އެ ކްލަބުން ކޮންމެ އަހަރަކުވެސް ރާވާކަމަށް އެސްކޫލްގެ ޕްރިންސިޕަލް މައުލޫމަތު ދެއްވިއެވެ.
advertisment
ހިޔާލު